އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާގެ ފުރިހަމަ ރައްކާތެރިކަމާއި ބާރަށް ބަރޯސާވެގެން އޮތް ބަހުރައިނަށް، އީރާނުން ފޮނުވާލާ މިސައިލްތަކުން ސަލާމަތްވެ އީރާނަށް ބިރެއް ދެއްކިދާނެތޯ ސުއާލު އުފެދެއެވެ. ފަތިހުގެ ވަގުތެއްގައި އީރާނުން ބަހުރައިނާއި ކުވެއިތަށް އަމާޒުކޮށް ފޮނުވާލި 7 ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކުން މުޅި ސަރަޙައްދު ސިއްސުވާލި ނަމަވެސް، އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު އެ ހުރިހާ ހަމަލާއެއް ވަނީ ދިފާޢީ ނިޒާމުތަކުން ނާކާމިޔާބުކޮށްލާފައެވެ.
މި ހަމަލާއާ ގުޅިގެން ބަހުރައިނުގައި ކާރިސާގެ ސައިރަންގެ އަޑު އިވި، މަސްރަޙު ނުތަނަވަސްވީ ނަމަވެސް، ބަހުރައިނުގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނުގެ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހުރުމުޒު ކަނޑުއޮޅި އެއްވެސް ޝަރުޠަކާ ނުލައި ހުޅުވާލުމަށް ގޮވާލާއި އީރާނަށް އިންޒާރުކޮށް ފައެވެ.
ބަހުރައިނުގެ ރަސްމީ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަހުރައިނަކީ ސަރަޙައްދީ ސުލްހައަށް ލޯބިކުރާ ޤައުމެއް ކަމަށާއި، ނަމަވެސް ޤައުމުގެ ސިލްމާއި ސަލާމަތަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށެވެ.
"އަހަރެމެންގެ ކެތްތެރިކަމަކީ ބަލިކަށިކަމެއް ނޫން. ޤައުމުގެ ސިޔާދަތާއި ރައްޔިތުން ހިމާޔަތްކުރުމަކީ ހުރަސްނުކުރެވޭނެ ރަތް ރޮނގެއް،" ބަޔާނުގައިވެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަރަބި އަޚުންނާއި، ޚާއްޞަކޮށް އެމެރިކާ ފަދަ ބާރުގަދަ ބައިނަލްއަޤުވާމީ ބައިވެރިން ބަހުރައިނާއެކު ތިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ބަހުރައިނުން ބުނި ގޮތުގައި އީރާނަށް އޮތީ ދެ އިޚްތިޔާރެކެވެ. އެއީ ސުލްހައާއި އެއްބާރުލުމުގެ މަގު ޚިޔާރުކުރުން ނުވަތަ މިސައިލް ހަމަލާތައް ކުރިއަށް ގެންގޮސް ބައިނަލްއަޤުވާމީ ދުނިޔޭގައި އެކަހެރިވެ ބާކީވުމެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑްއިން ހާމަކުރި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް އެމެރިކާގެ ސިފައިން ވަނީ ހުއްޓުވާފައެވެ. މީގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅީގެ ކަނޑުގެ ދަތުރުފަތުރަށް ނުރައްކާވާ ގޮތަށް އީރާނުން ފޮނުވާލި 4 ކަމިކާޒޭ ޑްރޯންވެސް ހިމެނެއެވެ.
އެމެރިކާގެ ސިފައިން ވަނީ މި ހަމަލާއަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ ސިރީކް އަދި ޤަޝްމް ޖަޒީރާގައި ހުރި އަމާޒުތަކަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. އެމެރިކާގެ ފިފްތް ފްލީޓަށް (5 ވަނަ ކަނޑުގެ ލަޝްކަރަށް) ގެއްލުންތަކެއް ދީފި ކަމަށް އީރާނުން ބުނާ ވާހަކަތައް އެމެރިކާއިން ވަނީ ދޮގުކޮށްފައެވެ.
މި ހަމަލާއަކީ އދ. ގެ މީސާޤާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އަދި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ކުށްވެރިކޮށް 2026 ގައި ނެރުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2817 އާ ޚިލާފު ޢުދުވާނެއް ކަމަށް ބަހުރައިނުން ބުނެއެވެ.
ބަހުރައިނުގެ ޚާރިޖިއްޔާއިން އިތުރަށް ބުނީ، އީރާނުން ކަނޑުގައި އަތުރާފައިވާ މައިންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރުފަތުރަށް ބޮޑު ހުރަހެއް އެޅި، 20,000 އަށްވުރެ ގިނަ ފަޅުވެރިން ކަނޑުމަތީގައި ތާށިވެފައި އެބަތިއްބެވެ. އެހެންކަމުން، އެ މައިންތައް ހުރި ތަންތަން ހާމަކޮށް، އާންމު އުޅަނދުފަހަރަށް ރައްކާތެރި އިންސާނީ ކޮރިޑޯއެއް ހުޅުވައިދިނުމަށް ބަހުރައިނުން އީރާނަށް ގޮވާލާފައިވެއެވެ.





