މަމްދާނީގެ މުޝީރު އޭނާގެ އަމިއްލަ ވަޒަނަށް ވަނުން މަނާކޮށްފި

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާ ގުޅުން އޮންނަ ކަމަށް ބުނެ، ނިއުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީގެ މުޝީރު ލިންޑާ ޞަރްޞޫރު އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކަށް ވަނުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.

އިސްރާއީލުގެ ޕޮޕިއުލޭޝަން އެންޑް އިމިގްރޭޝަން އޮތޯރިޓީން މި ފިޔަވަޅު އެޅީ އެ ޤައުމުގެ މިނިސްޓްރީ ފޯ ޑަޔަސްޕޯރާ އެފެއާޒް އެންޑް ކޮމްބެޓިންގ އެންޓި-ސެމިޓިޒަމްގެ ލަފާގެ މަތިން ކަމަށް ބުނެއެވެ.

އިސްރާއީލުގެ ޑަޔަސްޕޯރާ މިނިސްޓަރު އަމީޚާއި ޗިކްލީ ތުހުމަތުކުރެއްވި ގޮތުގައި، 2023 އޮކްޓޯބަރު 7 ގައި ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އެމެރިކާގައި ޙަމާސް ޖަމާއަތަށް ތާއީދުކޮށް ބޭއްވި ބޮޑެތި މުޒާހަރާތަކުގެ ފަހަތުގައި ހުރި އެންމެ އިސް އެކަކީ ޞަރްޞޫރެވެ.

ހިފާފައިވާ ފަލަސްޠީނަށ ވަނުން މާނާ ކުރުމާ ގުޅިގެން ފަލަސްޠީނު ނަސްލުގެ އެމެރިކާގެ ސިޔާސީ އެކްޓިވިސްޓް، ޞަރްޞޫރު ބުނީ، އޭނާ އެ ބިންތަކަށް ވަނުން މަނާކުރީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާތީ ކަމަށެވެ. އަދި އިސްރާއީލަކީ "ލޭއޮހޮރުވުން ހިންގާ  ނަސްލީ ތަފާތު ކުރުމުގެ ނިޒާމެއް" ގެ ގޮތުގައި ސިފަކޮށް، އިސްރާއީލަށް އެމެރިކާއިން ދޭ މާލީ އަދި އަސްކަރީ އެހީތައް ހުއްޓާލުމަށް އޭނާ ގޮވާލިއެވެ.

ލިންޑާ ޞަރްޞޫރަކީ އެމެރިކާގައި މަދަނީ ޙައްޤުތަކަށް ވަކާލާތުކުރުމާއި، ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ މޫނެކެވެ. މީގެއިތުރުން، އޭނާއަކީ އިސްރާއީލު ބޮއިކޮޓްކުރުމަށް ގޮވާލާ ބައިނަލްއަޤުވާމީ "ބީޑީއެސް"  ކެމްޕޭނަށް ފާޅުގައި ތާއީދުކުރާ މީހެކެވެ.

އޭނާ ކުރިން އިސްކޮށް އުޅުނު "ވިމެންސް މާރޗް" ޖަމްއިއްޔާއިން 2019 ވަނަ އަހަރު ވަކިވީ، ޔަހޫދީންނާ ދެކޮޅުވެރިވުމުގެ ތުހުމަތުތަކެއް އެ ޖަމްއިއްޔާގެ ލީޑަޝިޕަށް އަމާޒުވެ، އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!