ޓްރަމްޕްގެ ދަރިންގެ ރިސޯޓް މަޝްރޫޢާ ދެކޮޅަށް ކުރާ މުޒާހަރާތައް 6ވަނަ ދުވަހަށް ދިގުދެމިގެން ހިނގައްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިއާ ގުޅުންހުރި ރިސޯޓް މަޝްރޫޢަކާ ދެކޮޅަށް އަލްބޭނިއާގެ ރައްޔިތުން ފަށާފައިވާ ވަރުގަދަ މުޒާހަރާތައް 6ވަނަ ދުވަހަށް ކުރިއަށް ގޮސްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓްކޮށްފިއެވެ.

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި ފިރިކަލުން ކުޝްނަރާ ގުޅުންހުރި މި ރިސޯޓު ހެދުމަށް ރާވާފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމަށްވާ "ޒްވެރްނެކް" ގެ އައްސޭރިފަށުގައެވެ. މިކަމާ ހުރެ ކޮންމެ ދުވަހަކުވެސް އެތައް ހާސް ރައްޔިތުންނެއް ދަނީ ވެރިރަށް ޓިރާނާގެ މައި މައިދާންތަކަށް އެއްވެ އަޑުއުފުލަމުންނެވެ.

މި މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅެނީ އެ ޤައުމުގެ ޒުވާނުންނެވެ. 6ވަނަ ދުވަހުގެ މުޒާހަރާގެ ތެރެއިން ޒުވާނުން ވަނީ މުޅި ޤައުމުގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ތިމާވެށީގެ މައްސަލައެއްގައި ފެށުނު މި މުޒާހަރާތައް މިހާރު ވަނީ ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތަކަށް ބަދަލުވެފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ދަނީ "އިންގިލާބަކަށް" ގޮވާލައި، ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދިނުމަށް ޑިމާންޑްކުރަމުންނެވެ.

މި މައްސަލައިގެ މައިގަނޑު އަސާސަކީ، އަލްބޭނިއާގެ "ސަޒާން" ޖަޒީރާއާއި އެ ޖަޒީރާގެ ކައިރީގައިވާ ނާޒުކު ތިމާވެއްޓެއް އޮންނަ "ނާރްތާ-ޒްވެރްނެކް" ކުޅީގައި ހިމާޔަތްކޮށްފައިވާ 618 އޭކަރުގެ ބިން، ލަގްޒަރީ ރިސޯޓްތަކަކަށް ބަދަލުކުރުމުގެ މަޝްރޫޢެވެ.

ޖުމްލަ 4 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫޢު ކުރިއަށްގެންދަނީ އަރަބިންގެ ފައިސާއިން ކުޝްނަރ ހިންގާ އިންވެސްޓްމަންޓް ކުންފުނިންނެވެ. އަދި މިއަށް އަލްބޭނިއާގެ ސަހުޔޫނީ ފިކުރުގެ އީދީ ރާމާ ބޮޑު ވަޒީރުގެ ސަރުކާރުން ދަނީ ފުރިހަމައަށް ތާއީދުކުރަމުންނެވެ.

އަލްބޭނިއާގެ ބޮޑުވަޒީރު އީދީ ރާމާ މި މަޝްރޫޢުގެ ދިފާޢުގައި ވިދާޅުވީ، ކަންކަން ކުރިއަށްދަނީ ޤާނޫނީ އަދި ތިމާވެށީގެ ހުރިހާ މިންގަނޑުތަކަކަށް ފެތޭގޮތަށް ކަމަށެވެ. އަދި ބޭރުގެ ފައިސާ ޤައުމަށް ވެއްދުމަށްޓަކައި މަތީ ފަންތީގެ ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!