"ކޮކްރޯޗް މޫވްމަންޓް": ސޯޝަލް މީޑިއާގެ މަލާމާތަކުން އުފެދުނު ޒުވާނުންގެ އިންގިލާބު ޖަންތަރް މަންތަރްގެ މަގުތަކަށް

އެއީ އިންޓަނެޓުގެ ދުނިޔޭގައި ސަރުކާރަށް ޖެހި ޖޯކެކެވެ. ސޯޝަލް މީޑިއާގައި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) ގެ ނަމުގައި ފެށުނު މި މަޖާ ހަރަކާތް، ހޮނިހިރު ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގެ މަގުތަކަށް ބާލައި، މުޅި ޤައުމު ސިއްސުވާލާނެ ފަދަ ވަރުގަދަ ޒުވާނުންގެ އިންގިލާބަކަށް ބަދަލުވެދާނެއޭ ހީކުރީ ކާކު ހެއްޔެވެ؟

ޤައުމީ އިމްތިޙާނުތަކާއި ވަޒީފާލިބޭ ޓެސްޓުތަކުގައި ހިންގާފައިވާ މަކަރާއި ހީލަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް، އެތައް ހާސް ދަރިވަރުންނާއި، ޒުވާނުން އަދި ބެލެނިވެރިން ވަނީ ދިއްލީގެ ތާރީޚީ މައިދާން "ޖަންތަރް މަންތަރް" އަށް ޖަމާވެފައެވެ. އެމީހުންގެ މައިގަނޑު ޑިމާންޑަކީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ ޕްރަދާން ވަގުތުން އިސްތިއުފާ ދެއްވުމެވެ.

މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާގެ މަގުމަތިން ފެނުނު އެންމެ ތަފާތު މަންޒަރެވެ. މުޒާހަރާގެ ބައިވެރިން ތިބީ މޫނުގައި ކުރަފީގެ ސިފައަކަށް ހުރި މާސްކު އަޅައިގެންނެވެ. އެއް އަތުން ޤައުމީ ދިދައާއި ގާނޫނުއަސާސީގެ ފޮތްތައް ހިފަހައްޓައިގެން ތިބިއިރު، އަނެއް އަތުން އެމީހުން ދަނީ ސެކިއުރިޓީއަށް ތިބި ފުލުހުންނަށް ރަތްކުލައިގެ މާބޮނޑިތައް ބަހަމުންނެވެ.

މި ހަރަކާތުގެ ބާނީ، ޒުވާން އެކްޓިވިސްޓް އަބީޖީތު ދިޕްކޭ ބުނި ގޮތުގައި، ސަރުކާރުން ދަނީ ޒުވާނުންގެ އަޑު އަހައި މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި، އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް، ޕޯސްޓްތައް ފޮހެމުންނެވެ.

"އަހަރެމެންގެ ޕޯސްޓްތައް ފޮހެވިދާނެ. އެކަމަކު މަގުމައްޗަށް ނުކުމެ ތިބި މި އިންސާނުންނެއް ފޮހެއެއް ނުލެވޭނެ،" ޖަންތަރް މަންތަރްގެ މައިދާނުގައި ހުރެ ދިޕްކޭ ހަޅޭއްލަވައިގަތެވެ. "އިމްތިޙާނުގެ މައްސަލަތަކާ ހުރެ މިހާރުވެސް 5 ކުދިން އަމިއްލައަށް މަރުވެއްޖެ. މިނިސްޓަރު އިސްތިއުފާ ދޭންޖެހޭނެ."

ސައިންޓިސްޓް ސޯނަމް ވަންޗުކްގެ ބޮޑު ތާއީދު

މި މުޒާހަރާއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ، އިންޑިއާގެ މަޝްހޫރު ސައިންޓިސްޓް އަދި ތިމާވެށީގެ އެކްޓިވިސްޓް ސޯނަމް ވަންޗުކް މި ޒުވާނުންނާއެކު ހުރުމުންނެވެ. ވަންޗުކް އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު "3 Idiots" ގައި އާމިރު ޚާން ކުޅެފައިވާ 'ފުންސުކް ވަންގްޑޫ' ގެ ކެރެކްޓާ ބިނާކޮށްފައިވާ ހަގީގީ ޝަހްސިއްޔަތެވެ.

އިންޑިއާގެ ތަޢުލީމީ ނިޒާމު އިޞްލާޙުކުރަން ވަކާލާތުކުރާ ވަންޗުކް ވަނީ ޒުވާނުންނަށް ހިތްވަރުދީ، މި ހަރަކާތަކީ ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ހަރަކާތުގެ ލީޑަރު ދިޕްކޭ ހައްޔަރުކޮށްފިނަމަ، ސަރުކާރާ ދެކޮޅަށް 6 ހަފުތާގެ މުއްދަތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާނެ ކަމުގެ އިންޒާރުވެސް ވަންޗުކް ވަނީ ދީފައެވެ.

ސިފައިންގެ ބޮޑު ފައުޖެއް މަގުމަތީގައި

މި މުޒާހަރާއާ ގުޅިގެން ދިއްލީގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. 1,000 އަށްވުރެ ގިނަ ފުލުހުންނާއި، ޕެރަމިލިޓަރީ ސިފައިންގެ 40 ކޮމްޕެނީ ވަނީ ދިއްލީގެ އެކި ހިސާބުތަކުގައާއި އެޑިއުކޭޝަން މިނިސްޓަރުގެ ގޭގެ ކުރިމަތީގައި ބަރިބަރިއަށް އަތުރާލައިފައެވެ. މަގުތަކުގައި ވަނީ ދަގަނޑު ބެރިކޭޑްތައް ޖަހައި ބަންދުކޮށްފައެވެ.

ސޯޝަލް މީޑިއާގެ ސްކްރީންތަކުން ފެށުނު "މަލާމާތުގެ" ހަރަކާތް، މިއަދު މިވަނީ އިންޑިއާ ސަރުކާރުގެ ބާރުތަކަށް ލޮޅުން އަރުވައިލި ސިޔާސީ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. މިއީ ހަމައެކަނި އިމްތިޙާނެއްގެ މައްސަލައެއް ނޫނެވެ. މިއީ އިންޑިއާގެ މުސްތަޤްބަލް ކަމަށްވާ ޒުވާނުން، އެމީހުންގެ ހައްޤުތަކަށްޓަކައި ބާރުގަދަވެފައިވާ ނިޒާމާ ދެކޮޅަށް ފެށި ހަނގުރާމައެކެވެ.

ހިއްސާ ކުރައްވާ!