ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤަވީ އަނެއްކާވެސް އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެން، އީރާނުގެ މުރުޝިދު އިމާމް އާޔަތުﷲ މުޖްތަބާ ޚާމަނައީއަށް ޚާއްޞަ ސިޓީފުޅެއް ހަވާލުކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނަޤަވީ ވަނީ އީރާނުގެ ދާޚިލީ ވަޒީރު އިސްކަންދަރު މުއުމިނީއާ ބައްދަލުކުރައްވާފައެވެ. އީރާނުގެ ރަސްމީ ޚަބަރު ފަތުރާ އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަޤަވީ އީރާނަށް މި ވަޑައިގެންނެވީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާޞިމް މުނީރުގެ ފަރާތްޕުޅުން އީރާނުގެ މުރުޝިދަށް ފޮނުއްވި މުހިންމު މެސެޖަކާއެކުގައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ ވަނީ ޕާކިސްތާނުގެ ދާޚިލީ ވަޒީރާ ތެހެރާނުން ބައްދަލުކުރައްވައި މަރުޙަބާ ދަންނަވާފައެވެ. އީރާނުގެ "ތަސްނީމް" ނިއުސް އެޖެންސީން ބުނި ގޮތުގައި، މި ބައްދަލުވުމުގެ ތެރެއިން ނަޤަވީ ވަނީ ޕާކިސްތާނުން ފޮނުއްވި އެ ޚާއްޞަ ސިޓީފުޅު ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ. މި ސިޓީފުޅަކީ ސީދާ އީރާނުގެ މުރުޝިދު މުޖްތަބާ ޚާމަނައީއަށް ރައްދުކުރެވޭ ސިޓީފުޅެކެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، ދެޤައުމުގެ މެދުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެމެރިކާގެ ނޭއްގާނި ކަމާ ހެދި ނުތަނަވަސްކަން ދަނީ އިތުރަށް ބޮޑުވަމުންނެވެ. މީގެ ސަބަބުން ދެޤައުމުގެ މެދުގައި ވެފައިވާ ނާޒުކު "ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުން" ދަނީ ވަރުގަދައަށް އިމްތިޙާނު ކުރެވެމުންނެވެ.
އެމެރިކާގެ މަރުކަޒީ އަސްކަރީ ކޮމާންޑް އިން ހާމަކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަޤްވާމީ އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ޙަމަލާދޭ ދެ ޑްރޯން އެމެރިކާގެ ސިފައިން ވަނީ ވައްޓާލާފައެވެ. މި ހާދިސާގައި އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ސެންޓްކޮމްއިން ބުނެއެވެ.




