އިންޑިއާއިން ދެ ބިލިއަން ޑޮލަރަށްވުރެ ގިނަ އަސްކަރީ ޑްރޯން ގަތުމަށް ތައްޔާރުވަނީ

ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކުރިމަތިލުންތަކާ ގުޅިގެން ޑްރޯންގެ ބޭނުންތެރިކަން ބޮޑުވެފައިވާތީ، އިންޑިއާގެ އަމިއްލަ ކުންފުނިތަކުން 2 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ގަތުމަށް އެ ޤައުމުގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައިވެސް މިފަދަ ހަތިޔާރު ގަތުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ.

ސަރުކާރާއެކު މަސައްކަތްކުރާ ޑްރޯން ފެޑެރޭޝަން އޮފް އިންޑިއާގެ ރައީސް ސްމިތު ޝާހު ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ ރޭވުންތައް މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައެވެ. އަދި އޯޑަރުދޭތާ 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މި ތަކެތި ސިފައިންނަށް ލިބޭނެއެވެ. މީގެ ކުރިން އިންޑިއާ ސަރުކާރުން ޓެކްޓިކަލް ޑްރޯން ގަތުމަށް ހޭދަކޮށްފައިވަނީ 313 މިލިއަން ޑޮލަރެވެ. ނަމަވެސް އައު މަޝްރޫޢުގެ އަގު 200 ބިލިއަން ރުޕީސް (ދެ ބިލިއަން ޑޮލަރު) އަށްވުރެ މަތިވާނެއެވެ.

މިދިޔަ އަހަރުގެ މޭ މަހު ޕާކިސްތާނާއެކު ހިނގި ކުރިމަތިލުންތަކުގައި ދެ ފަރާތުންވެސް ފުރަތަމަ ފަހަރަށް ފުޅާދާއިރާއެއްގައި ޑްރޯން ބޭނުންކުރުމުން، އަގުހެޔޮކޮށް އުފައްދާ މިފަދަ އުޅަނދުތަކުގެ އަސްކަރީ ބާރު ވަނީ ހާމަވެފައެވެ. މީގެ އިތުރުން ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ހަނގުރާމައިގެ އުކުޅުތަކަށް ޑްރޯން އިތުރުކުރަމުންނެވެ.

އިންޑިއާގެ ސިފައިންގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ރާމޭޝް ޗަންދުރަ ޕަދީ ވިދާޅުވީ، ޒަމާނީ ހަނގުރާމައިގެ މައިދާނުގައި ޑްރޯންއަކީ އަސްކަރީ ބާރު އެތައް ގުނައަކަށް އިތުރުކޮށްދޭ އެއްޗެއް ކަމަށެވެ. އެހެންކަމުން، ސިފައިންގެ ތެރެއަށް ވީހާވެސް އަވަހަކަށް ޑްރޯން އިތުރުކުރުމަށްޓަކައި އަވަސްމަގުން ތަކެތި ގަތުމުގެ ޚާއްޞަ ނިޒާމެއް ސަރުކާރުން މިހާރު ދަނީ ބޭނުންކުރަމުންނެވެ.

މިހާރު އިންޑިއާގައި ޑްރޯން އާއި އޭގެ ބައިތައް އުފައްދާ 600 އަށްވުރެ ގިނަ ކުންފުނި އެބައޮތެވެ. މީގެ ތެރެއިން 100 އަށްވުރެ ގިނަ ކުންފުންޏަކީ ޚާއްޞަކޮށް ދިފާޢީ ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދާ ތަންތަނެވެ. މީގެ ތެރޭގައި ޓާޓާ، އަދާނީ އަދި ލާސަން އެންޑް ޓޫބްރޯ ފަދަ ބޮޑެތި ކުންފުނިތަކުގެ އިތުރުން އައު ސްޓާޓަޕްތައްވެސް ހިމެނެއެވެ.

އިންޑިއާ ސަރުކާރުން މިހާރު އިސްކަންދެނީ އަމިއްލަ ޤައުމުގައި އުފައްދާ ތަކެއްޗަށް ފުރުޞަތު ދިނުމަށެވެ. މީގެ އިތުރުން، ކުދި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢުތައް ހިންގައި، އަސްކަރީ އޯޑަރުތައް އަވަހަށް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. މި ބަދަލުތަކުގެ ސަބަބުން އިންޑިއާގެ ޑްރޯން ސިނާޢަތަށް ބޮޑެތި އިންވެސްޓްމަންޓްތައް ލިބި، ދިރާސާކުރުމުގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ.

ހިއްސާ ކުރައްވާ!