ލުބުނާނުގެ ބޭރޫތުގެ ދެކުނު ސަރަޙައްދަށް ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް އާދިއްތަ ދުވަހުގެ ރޭ ފޮނުވާލައިފިއެވެ. މި ހަމަލާތަކާ ގުޅިގެން މުޅި ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގައި ސައިރަންގެ އަޑު ގަދަވެ، މަސްރަޙު ވަނީ އިންތިހާއަށް ހޫނުވެފައެވެ.
ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ ބިމުން އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ވައިގެ ދިފާޢީ ނިޒާމުތަކުން އެ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ދަނީ ނުރައްކާތައް ނައްތާލުމަށްޓަކައި "ކޮންމެހެން ބޭނުންވާ ހުރިހާ ތަނަކަށް" ވައިގެ ހަމަލާތައް ދެމުން ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ދިފާޢީ ނިޒާމަކީ 100 އިންސައްތަ ފުރިހަމަ އެއްޗަކަށް ނުވުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު އިބްރާހީމް ރަޟާއީ ވިދާޅުވީ، "މިރޭ އިސްތިޢުމާރީ ބިމުގެ އުޑުމައްޗަށް ރަނގަޅަށް ބައްލަވާ،" ވިދާޅުވެ ވަރުގަދަ ރައްދެއްގެ އިންޒާރު ދެއްވާފައެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، އީރާނަށް އިތުރު ރައްދު ހަމަލާއެއް ނުދިނުމަށް އަމުރުކުރައްވާފައެވެ.




