އެމެރިކާއިން އީރާނާއެކު ޤާއިމުކުރާ ސުލްހައިގެ ކޮންމެ އެއްބަސްވުމެއް ޤަބޫލުކުރުން ނޫން އެހެން އެއްވެސް ގޮތެއް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނޯންނާނެ ކަމަށާއި، މި މައްސަލައިގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އަމިއްލަފުޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އީރާނުން ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނުގެ މައްސަލައިގައި ނަތަންޔާހޫއަށް ގޮތް ނިންމުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.
"އޭނާގެ ކުރިމަތީގައި އެހެން ގޮތެއް ނެތް. މި މައްސަލައިގައި ހުރިހާ ގޮތްތަކެއް ނިންމާނީ އަޅުގަނޑު. ހުރިހާ ނިންމުމެއް ނިންމާނީ އަޅުގަނޑު އަމިއްލައަށް. އޭނާއެއް (ނަތަންޔާހޫއެއް) ނޫން ގޮތް ނިންމާނީ،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި ބަޔާން ނެރުއްވާފައިވަނީ، އީރާނުން އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްގެ 4 ބުރެއް ފޮނުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
މިސައިލް ހަމަލާއިން މަޝްވަރާތަކަކަށް އަސަރެއް ނުކުރާނެ
އީރާނުގެ މި ހަމަލާއާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ތެހެރާނާއެކު ކުރިއަށްދާ ސިޔާސީ މަޝްވަރާތަކަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ.
"މިކަމުގެ ސަބަބުން އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ބަލާނަން މީގެ ނިމުންދާ ގޮތް. އެކަމަކު މި ހަމަލާތަކުން ޙާޞިލުވި އެއްވެސް ކަމެއް ނެތް. މިހާރު ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން މަޝްވަރާގެ މޭޒަށް ބުރޫއަރައިގެން ނުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ކުރިން މަޝްވަރާތަކާ މެދު ވަރަށް ބޮޑަށް އުއްމީދު ފާޅުކުރެއްވި ނަމަވެސް، މިފަހަރު ޓްރަމްޕް ހުންނެވީ ކުޑަކޮށް ވިސްނުންތެރިކަމާއެކުގައެވެ. އޭނާ ވިދާޅުވީ އެއްބަސްވުން އަދިވެސް މޭޒުމަތީގައި އެބައޮތް ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާނީ އޭގެ ފައިދާއަށް ބެލުމަށްފަހު ކަމަށެވެ.
އެއްބަސްވުން ނާކާމިޔާބުވެއްޖެ ނަމަ ދެން އޮތީ ކޮން ގޮތެއްތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ކުރިމަތީގައި ދެ މަގެއް އެބައޮތް ކަމަށެވެ.
"އެއްގޮތަކީ އަޅުގަނޑުމެން ސީދާ އަސްކަރީ ގޮތުން ވަދެ، ނުނިމި ހުރި ކަންތައްތައް ހަނގުރާމައިގެ ބާރުން ނިންމާލުން. ނުވަތަ އީރާނާ ދެކޮޅަށް މިހާރު އޮތް އިޤްތިޞާދީ އަދި ކަނޑުގެ ހިސާރު ދަމަހައްޓައި ވަރުގަދަކުރުން." ޓްރަމްޕް ވިދާޅުވި ގޮތުގައި މި ބަންދަކީ އީރާނަށް ދެވޭނެ އެންމެ ވަރުގަދަ ޙަމަލާއަށްވުރެ ވެސް ގަދަ ފިޔަވަޅެކެވެ.
މި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ ނަތަންޔާހޫއާއެކު ދާދިފަހުން ކުރެއްވި ފޯނު ކޯލާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ. "އެކްސިއޯސް" ވެބްސައިޓުން މި ކޯލަކީ ވަރަށް "ހޫނު އަދި ހަރުކަށި" ކޯލެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ޓްރަމްޕް އެކަމަށް އިންކާރެއް ނުކުރައްވައެވެ.
އެމެރިކާގެ ރައީސް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމާ ލުބުނާނާ ދެމެދު އެތައް ފަހަރަކު ސުލްހައިގެ އެއްބަސްވުންތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ލުބުނާނުގެ އަމާޒުތަކަށް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ދޭ ހަމަލާތައް ހުއްޓުވުމުގައި އަދި ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ތެރޭގައި އާދިއްތަ ދުވަހު ބޭރޫތުގެ ދެކުނަށް ދިން ބޮޑު ހަމަލާ ހިމެނެއެވެ.






