ފޯޅަވަހި ގަތުމަށް ޓްރަމްޕް ދަނީ ވިސްނަމުން

މެދުއިރުމަތީގެ ހަނގުރާމައާއި ޗައިނާގެ އަސްކަރީ ނުފޫޒާ ގުޅިގެން އިންޑިއާ ކަނޑުގެ އެންމެ މުހިންމު އަސްކަރީ މަރުކަޒު ހުރި ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ އަތުން ބައްލަވައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސީރިއަސް ގޮތެއްގައި ދިރާސާކުރަން ފަށައިފިއެވެ.

ބްރިޓِޝް ޓެލެގްރާފް ނޫހުން ރިޕޯޓްކުރި ގޮތުގައި، އެމެރިކާގެ އޮފިޝަލުން މިހާރު ވަނީ އިނގިރޭސިވިލާތް މެދުވެރިނުކޮށް، މޮރިޝަސްއާއެކު ސީދާ އެއްބަސްވުމަކަށް ގޮސް، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް ހޯދުމުގެ ޕްލޭނެއް އެކުލަވާލާފައެވެ. މި ހުށަހަޅުން މިހާރު ވަނީ އެމެރިކާގެ ފައިނޭންސް މިނިސްޓަރު ސްކޮޓް ބެސެންޓް މެދުވެރިކޮށް ރައީސް ޓްރަމްޕްގެ މޭޒަށް ހުށަހެޅިފައެވެ.

މި ފިޔަވަޅުގެ ސަބަބުން އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާ، ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙައްޞާކުރަން ހަދާފައިވާ އެއްބަސްވުން މުޅިން ފެއިލްވެގެންދާނެއެވެ.

އީރާނު ހަނގުރާމައާއި ޗައިނާގެ ޖާސޫސީ ބިރުވެރިކަން

ވައިޓް ހައުސްއިން ޗާގޯސްގެ މިލްކުވެރިކަން ހޯދަން ބޭނުންވާ މައިގަނޑު ސަބަބަކީ ފޯޅަވަހީގައި ހުންނަ ސިއްރު އަސްކަރީ މަރުކަޒުގެ މުހިންމުކަން ބޮޑުވުމެވެ. އެމެރިކާގެ ބީޓޫ ސްޕިރިޓް ފަދަ ސިއްރު ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން އީރާނަށް ދޭ ހަމަލާތައް ވިލަރެސްކުރަނީ މި ރަށުންނެވެ. އީރާނުން ދާދިފަހުން މި ރަށަށް އަމާޒުކޮށް ދުރުރާސްތާ މިސައިލް ހަމަލާއެއް ދީފައިވުމާއެކު، މިއީ ހަނގުރާމައިގެ އެންމެ މުހިންމު އެއް މަރުކަޒެވެ.

މީގެ އިތުރުން، މޮރިޝަސްއަކީ ޗައިނާއާއި އީރާނުގެ ގާތް ބައިވެރިއަކަށް ވާތީ، އެ ސަރަޙައްދުގެ ކަނޑުގެ ބާރު މޮރިޝަސްއަށް ދީފިނަމަ، ޗައިނާއިން އެމެރިކާގެ ސިއްރު އަސްކަރީ ހަރަކާތްތަކަށް ޖާސޫސުކޮށްފާނެ ކަމުގެ ބޮޑު ބިރެއް އެމެރިކާގެ ދިފާޢީ ވުޒާރާއަށް އެބައޮތެވެ.

އިނގިރޭސި ޚާރިޖިއްޔާގެ ކުރީގެ މުޝީރަކު ހާމަކުރި ގޮތުގައި، ފޯޅަވަހީގައި ހުރީ ބައިނަލްއަޤްވާމީ ދުނިޔެއަށް ސިއްރުކުރެވިފައިވާ، އާދަޔާޚިލާފު މުހިންމު ޓެކްނޮލޮޖީއާއި ވަޞީލަތްތަކެކެވެ. އެ ވަޞީލަތްތައް ދޫކޮށްލައިފިނަމަ، ދެން ދުވަހަކުވެސް އެފަދަ މަރުކަޒެއް އެމެރިކާއާއި އިނގިރޭސިވިލާތަށް ބިނައެއް ނުކުރެވޭނެއެވެ.

ޓްރަމްޕާއި ސްޓާމަރުގެ ދެބަސްވުންތައް

އެމެރިކާގެ ރައީސް ކުރިން އިނގިރޭސިވިލާތުގެ ޕްލޭނަށް ތާއީދުކުރެއްވި ނަމަވެސް، ފަހުން ވަނީ އެ ނިންމެވުން މުޅިން ބަދަލުކުރައްވާފައެވެ. ޓްރަމްޕް ކޯފާވީ، އީރާނު ހަނގުރާމަ ފެށުނު ފުރަތަމަ ގަޑިއިރުތަކުގައި، ފޯޅަވަހީގައި ހުރި އެމެރިކާގެ މަރުކަޒު ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމަރ ހުއްދަ ނުދެއްވުމުންނެވެ.

ޓްރަމްޕް ވަނީ އިނގިރޭސِވިލާތުން ޗާގޯސް ދޫކޮށްލަން އުޅުމަކީ ބޮޑު މޮޔަކަމެއް އަދި ބަލިކަށިކަމުގެ ނިޝާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. "ސްޓާމާއަކީ ވިންސްޓަން ޗާޗިލްއެއް ނޫން. އޭނާ އެދަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޚާއްޞަ ގުޅުން ހަލާކުކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ.

މި ޖަޒީރާތައް ގަންނާނެ އަގެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އިނގިރޭސިވިލާތުން ކުރިން ރާވާފައި އޮތީ މޮރިޝަސްއަށް ރަށްތައް ދިނުމަށްފަހު، އަސްކަރީ މަރުކަޒު ކުއްޔަށް ހިފަން ތިރީސް ފަސް ބިލިއަން ޕައުންޑް ދެއްކުމަށެވެ.

އިނގިރޭސި ސަރުކާރުގެ ވަޒީރުން ވިދާޅުވާ ގޮތުގައި އެމެރިކާއަށް މި ރަށްތައް ގަނެވޭނެ އެއްވެސް ޤާނޫނީ ސިނާރިއޯއެއް ނެތެވެ. ނަމަވެސް، އެމެރިކާއިން ބޭނުންވަނީ އިނގިރޭސިވިލާތުގެ އެއްބަސްވުން ބާތިލުކޮށް، މޮރިޝަސްއަށް މިލްކުވެރިކަން ދިއުމުން، އެ ޤައުމަށް ބޮޑު އަގެއް ހުށަހަޅައިގެން ރަށްތައް ސީދާ އެމެރިކާގެ ދަށަށް ގެންދިއުމަށެވެ.

ހިއްސާ ކުރައްވާ!