އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މިލޯނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސެވުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ހުއްޓާލައްވައި، އަމިއްލަ ސިޔާސީ ކުރިމަގު ސަލާމަތްކުރެއްވުމަށް ޓްރަމްޕާ ދުރަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވެއްޖެއެވެ.
މަޝްހޫރު މަޖައްލާ "ޕޮލިޓިކޯ" އިން ރިޕޯޓްކުރި ގޮތުގައި، ކުރިއަށް އޮތް ޕާލަމެންޓް އިންތިޚާބަށް އިޓަލީން ތައްޔާރުވަމުންދާއިރު، އީރާނު ހަނގުރާމައިގެ ސަބަބުން ތެލާއި ހަކަތައިގެ އަގު ބޮޑުވުމާއި އިޤްތިޞާދީ ހީނަރުކަމުގެ ޒިންމާ އިޓަލީގެ ރައްޔިތުން އަޅުވަނީ ޓްރަމްޕްގެ ބޮލުގައެވެ.
ވެރިކަމުގެ ފުރަތަމަ އަހަރު މިލޯނީ ސިފަކުރެއްވީ އޭނާއަކީ ޓްރަމްޕްގެ ހަރަކާތްތަކާ ވިލާތާ ގުޅުވައިދޭނެ އެންމެ ވަރުގަދަ ފާލަން ކަމަށެވެ. ނަމަވެސް، އިޓަލީގެ އާންމުންގެ ނުރުހުން ޓްރަމްޕަށް ބޮޑުވުމުން، މިލޯނީ ވަނީ ފާޅުގައި ޓްރަމްޕަށް ފާޑުވިދާޅުވާން ފަށްޓަވާފައެވެ. އަދި އިޓަލީގައި ހުންނަ އަސްކަރީ މަރުކަޒެއް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންކުރުންވެސް މިހާރު ވަނީ މަނާކުރައްވާފައެވެ.
މި ބަދަލުތަކާ ގުޅިގެން ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވައި، މިލޯނީއަކީ "މިހާރު ކުރީގެ މީހާ ނޫން" ކަމަށް ވިދާޅުވެފައެވެ.
މިލޯނީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަސްކަރީ ހޭދަ ބޮޑުކުރުމަށް ޓްރަމްޕް ކުރައްވާ ޕްރެޝަރެވެ. މިހާރު އިޓަލީން ދިފާޢީ ކަންކަމަށް ހޭދަކުރަނީ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ދޭއް އިންސައްތައެވެ. ނަމަވެސް ނޭޓޯގެ ހުރިހާ ޤައުމުތަކުން އަސްކަރީ ބަޖެޓް 5 އިންސައްތައަށް މަތިކުރުމަށް ޓްރަމްޕް ދަނީ މަޖުބޫރުކުރަމުންނެވެ.
އިޓަލީގެ އިދިކޮޅު ސިޔާސީ ވެރިން ބުނާ ގޮތުގައި، ހަކަތައިގެ ބިލްތައް ބޮޑުވެ ސުންނާފަތިވަމުންދާ ކުންފުނިތަކަށް އެހީވުމުގެ ބަދަލުގައި، ޓްރަމްޕް ބޭނުންވާ ގޮތަށް ޓޭންކުތަކާއި ހަތިޔާރަށް ބިލިއަނުން ޚަރަދުކުރުމަކީ އިޓަލީގެ އިޤްތިޞާދަށް ކުރެވޭނެ ކަމެއް ނޫނެވެ.
ކުރީގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރު އެންޓޯނިއޯ މިސިއާނީ ވިދާޅުވީ، ޓްރަމްޕާ ގުޅުވައިދޭން މިލޯނީ ހެދި ފާލަމެއް ދުވަހަކުވެސް ނެތް ކަމަށާއި، މިހާރު މިއޮތީ އެކަމުގެ "ރާޅު ބާލާ" ވަގުތު ޖެހިފައި ކަމަށެވެ.
ނަމަވެސް މިލޯނީ ވިދާޅުވީ، އަމިއްލަ ދިފާޢު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ކަމަށާއި، އަސްކަރީ ހޭދައަކީ މިނިވަންކަމަށްޓަކައި ދައްކަންޖެހޭ އަގު ކަމަށެވެ.
މިލޯނީގެ މަޤްބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. ކޯވިޑްގެ ބަލިމަޑުކަމަށްފަހު ވިލާތުގެ އިއްތިޙާދުން ދިން 200 ބިލިއަން ޔޫރޯގެ އެހީގެ ޕްރޮގްރާމް ނިމުމަކަށް އަންނައިރު، އިޓަލީގެ ދަރަނި ވަނީ ގްރީސްއަށްވުރެ މަތިވެފައެވެ.
މީގެ އިތުރުން، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް މިލޯނީ ނެންގެވި ފެންނަނުފެންނަ ވޯޓުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުމުން، އިދިކޮޅު ޕާޓީތަކުން ދަނީ އިންތިޚާބުގައި މިލޯނީ ބަލިކޮށްލެވޭނެ ކަމުގެ ފުރިހަމަ އުއްމީދާއެކު ވަރުގަދައަށް ތައްޔާރުވަމުންނެވެ.
އިދިކޮޅު ލީޑަރުން ސިފަކުރާ ގޮތުގައި މިލޯނީގެ އިޤްތިޞާދީ ސިޔާސަތު ވަނީ މުޅިން ފެއިލްވެފައެވެ. އިޓަލީއަކީ މިހާރު ވިލާތުގައި އެންމެ ކުރިއެރުން ލަސް، އަދި އެންމެ ދަރަނި ބޮޑު ޤައުމެވެ.





