އެމެރިކާއާއި އީރާނާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކުރުމާ ވަރަށް ގާތްވެފައިވާ ކަމަށާއި، ނަމަވެސް މެދުއިރުމަތީގައި ތިބި އެމެރިކާގެ 50 ހާހެއްހާ ސިފައިން އަދި ކައިރި މުސްތަޤްބަލެއްގައި ޤައުމަށް އެނބުރި ނުދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އަދި އީރާނުގެ މިހާރުގެ މުރުޝިދު އާޔަތުﷲ މުޖްތަބާ ޚާމަނައީއަށް ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ސީރިއަސް ކަމަށާއި، ނަމަވެސް އޭނާއަކީ އަވަހާރަވި އޭނާގެ ބައްޕަ އަދި ކުރީގެ މުރުޝިދަށްވުރެ "މާ ބުއްދިވެރި އަދި މުޢާމަލާތް ކުރަން ފަސޭހަ" ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވައެވެ.
އެންބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އީރާނުން މިހާރުން މިހާރަށް އެ ޤައުމުގައި ހުރި ފައްކާކޮށްފައިވާ ޔުރޭނިއަމް ނައްތާލައި އެއްބަސްވުމަކަށް އައުމަށް ގޮވާލައްވާފައެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، އީރާނުގެ އަސްކަރީ ގާބިލުކަން އިތުރަށް ބަލިކަށިކޮށްލުމަށް އަސްކަރީ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން އީރާނުގެ އަސްކަރީ އޮނިގަނޑު ވަނީ ހަލާކުވެފައެވެ. "އަޅުގަނޑުމެން އެމީހުންގެ ސިފައިން މުޅިން ސުންނާފަތި ކޮށްލައިފިން. މިހާރު އެމީހުންގެ އަތުގައި ބާކީ ހުރީ މަދު މިސައިލްތަކަކާއި ޑްރޯންތަކެއް،" އިތުރުފުޅު ހައްދަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ލަފާކުރައްވާ ގޮތުގައި ހަނގުރާމައިގެ ކުރިން އީރާނުގެ އަތުގައި ހުރި މިސައިލް ގުދަނުގެ ތެރެއިން މިހާރު ބާކީ ހުރީ އެންމެ އެކާވީސް ނުވަތަ ބާވީސް އިންސައްތައެވެ. ޓްރަމްޕަށް މިއަދަދު އިލްހާމު ކުރެވުނީ ފާޚާނާގައި އިންދައި ކަމެއް ނުވަތަ ނޫން ކަމަށް އޭނާ ކިޔައެއް ނުދެއެވެ! އަދި އީރާނުގެ އިޤްތިޞާދު އިނދަޖެހިފައިވުމުން، ހަނގުރާމައިގެ ޚަރަދުތައް ދެން އެ ޤައުމަށް ބަރުދާސްތެއް ނުކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް، އީރާނުގެ ނުރައްކާ ދާއިމީކޮށް ހުއްޓުވުމަށްޓަކައި އެ ނިންމުން ނިންމަވަން މަޖުބޫރުވީ ކަމަށް ޓްރަމްޕް ވިދާޅުވެ ޓްރަމްޕް އިތުރުފުޅު ހައްދަވަމުން ގެންދެވިއެވެ. އަދި މިކަމުގައި ކުޑަކޮށް ކެތްތެރިވުމަށް އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު ޤާއިމުކުރި ނިއުކްލިއާ އެއްބަސްވުމަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ އެކުލަވާލާ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ ބިލިއަނުން ގުނާލެވޭ ފައިސާތައް ވަގުތުން ދޫނު ކުރާނެ ކަމަށެވެ.
"އެ ފައިސާގެ ވާހަކަ ދެކެވޭނީ މާ ފަހުން. އެމީހުން އެއްބަސްވުމަށް ބޯލަނބައި، ބަސްއަހައިގެން އުޅެން ފެށުމުން ނޫނީ އެފަދަ މަޝްވަރާއެއް ނުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އޮބާމާގެ ސަރުކާރުން އެއްބަސްވުން ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އީރާނަށް ނަގުދު ފައިސާ ބަރުކޮށްފައި ފޮނުވި ފޮނުވުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެ، އާ އެއްބަސްވުމުގެ ޝަރުޠުތައް މާ ހަރުކަށިވާނެ ކަމުގެ ޔަޤީންކަން ޓްރަމްޕް ދެއްވިއެވެ. ޓްރަމްޕް ފޮނިކެނޑި ނަމަވެސް އީރާން އޮތީ ގައުމީ ސިޔާދަތަށްޓަކައި އޭނާ ޖަހާ ބެރަކަށް ނަށާ ގޮތަކަށް ނޫނެވެ. އެއާ ޚިލާފަށް އީރާނުން ދަނީ ޓްރަމްޕް ނައްޓަވަމުންނެވެ!




