އީރާނުން ދިން ހަމަލާއަށްފަހު އަރާޤްޖީ ބައިނަލްއަޤްވާމީ ޑިޕްލޮމެސީ ވަރުގަދަކުރައްވައިފި

ޒަޔަނިސްޓު ރެޖީމަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން، މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށާއި ސަރަޙައްދީ ޤައުމުތަކުގެ ތާއީދު ހޯއްދެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޖީ ބައިނަލްއަޤްވާމީ ގޮތުން ފުޅާދާއިރާއެއްގައި ސިޔާސީ މަޝްވަރާތަކެއް ފަށްޓަވައިފިއެވެ.

އަރާޤްޖީ ވަނީ މިޞްރު، ޤަޠަރު، ތުރުކީ، ޢިރާޤު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޢާޞިމް މުނީރަށް ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

އީރާނުގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި ސިލްސިލާ ފޯނު ކޯލްތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ލުބުނާނަށް ޒަޔަނިސްޓު ރެޖީމުން ދެމުންދާ ހަމަލާތަކަށް އީރާނުން ދިން ރައްދާ ބެހޭގޮތުންނެވެ. އަދި އެކި ފްރަންޓްތަކުގައި ޤާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތަކާ ޒަޔަނިސްޓު ރެޖީމުން ތަކުރާރުކޮށް ޚިލާފުވަމުންދާ މައްސަލައިގައި އީރާނުގެ ހުރި ކަނބޮޑުވުންތައް އަރާޤްޖީ ޙިއްޞާކުރެއްވިއެވެ.

އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި، ޒަޔަނިސްޓު ރެޖީމުން އީރާނާ ނުވަތަ ލުބުނާނާ ދެކޮޅަށް އެއްވެސް ކަހަލަ އަސްކަރީ ކަމެއް ކުރަން އުޅެފިނަމަ، އޭގެ ރައްދު ހަމަލާ މުޅި ސަރަޙައްދަށް ފެތުރި، ބިރުވެރި ސުންނާފަތިކުރުމަކުން ރައްދުދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތައް މުގުރާލުމުގެ ހުރިހާ މަސްއޫލިއްޔަތެއް އީރާނުން އެޅުވީ އެމެރިކާގެ ބޮލުގައެވެ.

ޢިރާޤުގެ ޚާރިޖިއްޔާއިން ބުނި ގޮތުގައި، އީރާނުގެ ވަޒީރު ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިނަށް ގުޅުއްވައި، ޒަޔަނިސްޓު ރެޖީމަށް ހަމަލާދޭން ޖެހުނު ސަބަބުތައް ތަފްޞީލުކޮށްދެއްވާފައެވެ. ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ތަނުގައި މަސްރަޙު ފިނިކުރުމަށްޓަކައި ވިލާތުގެ ޤައުމުތަކާއެކު ދިޕްލޮމެސީ ވަރުގަދަކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

މި ޑިޕްލޮމެސީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެމެރިކާއާއި އީރާނާ ދެމެދު ސުލްހައަށް ފާރަވެރިވެ ސީދާ ހޮޓްލައިނެއް ޤާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤަވީ ވަނީ ޚާއްޞަ މެސެޖަކާއެކު ތެހެރާނަށް ވަޑައިގެން އަރާޤްޖީއާ ބައްދަލުކުރައްވާފައެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާގެ މަޞްދަރަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ބައްދަލުވުންތައް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. އަދި އެމެރިކާއާއެކު އެއްބަސްވުމެއްގެ އޮނިގަނޑަށް އައުމަށް އީރާނުން ހެޔޮލަފާ ނިޝާންތަކެއް ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ބައެއް ޑިޕްލޮމެޓުންނާ ހަވާލާދީ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވާނެ ގޮތުގެ މެކޭނިޒަމްތަކާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައާއި، އެއްބަސްވުމުގެ ކުރިން ފޭރިގެންފައިވާ އީރާނުގެ ފައިސާ އަނބުރާ ދިނުމުގެ މައްސަލަ ހިމެނެއެވެ. ބައެއް ބޭޭފުޅުން ސިފަކުރާ ގޮތުގައި މަޝްވަރާތައް ވަނީ ފަހަތަށް ޖެހިފައެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އާނާ ކެލީ ވިދާޅުވީ، މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބުނާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ މަޢުލޫމާތު ދިން މަޞްދަރުތަކަށް ޙަޤީޤީ މަޝްވަރާތައް ހިނގާގޮތް އެއްވެސް ވަރަކަށް ނޭނގޭ ކަމަށެވެ.

ހިއްސާ ކުރައްވާ!