އިސްރާއީލުން ޓްރަމްޕްގެ އަގު ވައްޓާލައިފި

މަސްރަޙު ފިނިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ވަރުގަދަ ޕްރެޝަރުތަކަށް ނޫނެކޭ ބުނެ ޒަޔަނިސްޓު ރެޖީމުގެ ސިފައިން ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ ހުޅަނގާއި މެދުތެރޭގެ ސަރަޙައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ ބޭރޫތަށް ދިން ހަމަލާގެ ރައްދުގައި އީރާނުން އިސްރާއީލަށް މިސައިލް ބުރެއް ފޮނުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ޒަޔަނިސްޓު ރެޖީމުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިލިޓަރީ އިންޓެލިޖެންސްގެ ބެލުމުގެ ދަށުން ވައިގެ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އީރާނުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް ތެހެރާން، ތަބްރޭޒް، އަދި އިސްފަހާންގެ އިތުރުން ޚަރްޖު ޖަޒީރާއަށްވެސް މި ހަމަލާތައް އަމާޒުވެ، ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.

އަނެއްކޮޅުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ނެރުނު ބަޔާނެއްގައި ބުނީ ޒަޔަނިސްޓު ރެޖީމުގެ ސިފައިން އީރާނުގެ އެތެރޭގެ ސަރަޙައްދުތަކަށް ހަމަލާދިނީ ވައިގެ މަގުން ފޮނުވާލާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށެވެ.

ޕެންޓަގަން ގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒަޔަނިސްޓު ރެޖީމުން އީރާނަށް ދިން މި ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.

އަދި ޒަޔަނިސްޓު ރެޖީމުގެ މި ރައްދު ހަމަލާގެ ނުފޫޒާއި ދާއިރާ އޮތީ "ނިސްބަތުން ކުޑަކޮށް" ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ހަމަލާގެ ކުރިން، ރައީސް ޓްރަމްޕް ވަނީ އީރާނާއެކު ސޮއިކުރަން އުޅޭ ސުލްހައިގެ އެއްބަސްވުމަށް ބުރޫއަރާފާނެތީ، އީރާނަށް ރައްދު ހަމަލާ ނުދިނުމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް އަމުރު ކުރައްވާފައެވެ. އަދި އެންމެ ފަހުގެ ގޮތް ނިންމާނީ އަމިއްލަފުޅަށް ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް، ޒަޔަނިސްޓު ރެޖީމުން މި ހަމަލާ ދިނުމަކީ ޓްރަމްޕްގެ މޫނުމަތީ ތަފާއްޔެއް ޖެހުން ފަދަ ކަމެކެވެ! މިފަދަ އެހެން ހާދިސާއެއްގައިވެސް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ބަވައި އަވަގުރާނަ ގޮވާފައެވެ.

ޒަޔަނިސްޓު ރެޖީމުގެ ސިފައިން ހޯމަ ދުވަހު ނެރުނު އެހެން ބަޔާނެއްގައި ބުނީ، ޔަމަނުގެ ސަރަޙައްދުން ޒަޔަނިސްޓު ރެޖީމަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!