ޔަމަނުގެ ޙޫޘީން ކަނޑުގެ ސަރަޙައްދު ބަންދުކޮށް ހަމަލާދޭން ފަށައިފި

ހަތްވަނަ ފަހަރަށް އީރާނުން ޒަޔަނިސްޓް ރެޖީމަށް ބެލިސްޓިކް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އިސްރާއީލުގެ ވެރިރަށް ތެލް އަވީވް އާއެކު ގިނަ ސަރަޙައްދުތަކެއްގައި ނުރައްކަލުގެ ސައިރަންގެ އަޑު ގަދަވެއްޖެއެވެ. މިދިޔަ އޭޕްރީލް މަހު އިޢުލާންކުރި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެންމެ ނުރައްކާތެރި ހަމަލާތަކާއެކު މުޅި މެދުއިރުމަތީގެ މަސްރަޙު މިވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ހޫނުވެފައެވެ.

އީރާނުގެ ރާޑަރު މަރުކަޒުތަކަށް ޒަޔަނިސްޓް ރެޖީމުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ވަނީ ޒަޔަނިސްޓް ރެޖީމުގެ ދެ އަސްކަރީ ވައިގެ މަރުކަޒު ކަމަށްވާ ނަޤަބު ސަހަރާގައި އޮންނަ "ނަފާތީމް" ރާމްލާގެ ދެކުނުގައި އޮންނަ "ތެލް ނޫފް" އަށް އަމާޒުކޮށް ހަމަލާދީފައެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އީރާނުގެ ސިފައިން އޮތީ ހުރިހާ ދިމާއަކުންވެސް ބޮޑު ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. މި ދަނޑިވަޅުގައި އީރާނުގެ ވެރިރަށް ތެހެރާންގެ މެހެރްއާބާދު އެއާޕޯޓުގެ ހުރިހާ ފްލައިޓްތަކެއްވެސް މިހާރު ވަނީ ވަގުތުން މެދުކަނޑާލާފައެވެ. އަދި ހަމައެއާއެކު، ހުޅަނގު އީރާނުގެ ކަރްމާންޝާހް ސިޓީގެ އުޑުމަތިން ފެނުނު ދުޝްމަނުންގެ އަމާޒުތަކަށް އެ ޤައުމުގެ އެއާ ޑިފެންސް ސިސްޓަމުން ދަނީ ހަމަލާދެމުންނެވެ.

ޔަމަނުގެ ޙޫޘީންގެ ރަސްމީ އިޢުލާން: ރަތް ކަނޑު ބަންދުކުރުން

އީރާނުގެ ސަޕޯޓު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވަނީ ޒަޔަނިސްޓް ރެޖީމަށް މިސައިލް ހަމަލާތަކެއް ދީފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. އިސްރާއީލުން ޔަމަނުން ފޮނުވާލި ބަލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ބުނިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޙޫޘީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:

  • ރެޑް ސީގައި ދަތުރުކުރާ އިސްރާއީލުގެ އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭ ގޮތަށް މިއަދުން ފެށިގެން މަނާކޮށްފިއެވެ.
  • ރެޑް ސީގައި ހަރަކާތްތެރިވާ އިސްރާއީލުގެ ކޮންމެ އުޅަނދަކާއި ހަރަކާތެއް ބަލާނީ ސީދާ "އަސްކަރީ އަމާޒެއް" ގެ ގޮތުގައެވެ.
  • ޒަޔަނިސްޓް ރެޖީމުން މަސްރަޙު ހޫނުކުރާ ވަރަކަށް ޙޫޘީންގެ ހަމަލާތައްވެސް ކުރިއަށް އޮތްތަނުގައި ދާނީ ވަރުގަދަވަމުންނެވެ.

ޤަޠަރުން މަސްރަޙު ފިނިކުރުމުގެ މަސައްކަތް ފަށައިފި

މި ދަނޑިވަޅުގައި، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ވަނީ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ހަމަލާތައް ހުއްޓުވައި، މަސްރަޙު ފިނިކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ޤަޠަރުން ފުރިހަމައަށް ތާއީދުކުރެއެވެ.

ހިއްސާ ކުރައްވާ!