"އިސްރާއީލުގެ އުޑުމަތި ކޮންޓްރޯލު ކުރަނީ އަހަރަމެންކަން ވާނީ ސާބިތުކޮށްދީފައި" ރިވޮލިއުޝަނަރީ ގާޑްސް

ޒަޔަނިސްޓް ރެޖީމްގެ އުޑުމަތި އަދި މުޅި ސަރަޙައްދު އޮތީ އީރާނުގެ ބާރުގެ ދަށުގައިކަމާއި، އެ ސަރަޙައްދުތަކަކީ އީރާނުގެ ފަނާކުރަނިވި މިސައިލްތަކުގެ އަމާޒުގެ އެތެރޭގައިވާ ތަންތަންކަން އީރާން ސިފައިން އަނެއްކާވެސް ސާބިތުކޮށްދީފި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. އީރާނުގެ "ތަސްނީމް" ނިއުސް އެޖެންސީން މިކަން ހާމަކޮށްފައިވަނީ ޒަޔަނިސްޓް ރެޖީމަށް ދެމުންދާ ވަރުގަދަ މިސައިލް ހަމަލާތަކަށްފަހުގައެވެ.

މުޙައްލިލުންނާއި ނޫސްވެރިން ދެކޭގޮތުގައި، އީރާނުން ޒަޔަނިސްޓް ރެޖީމަށް މިފަހަރު ދޭން ފެށި ހަމަލާތަކަކީ ހަމައެކަނި ލުބުނާނުގެ ބައިރޫތުގެ ދެކުނު ސަރަޙައްދު ޟާޙިޔާ އަށް ޒަޔަނިސްޓް ރެޖީމުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ނޫނެވެ. އަދި އެއީ ހަމައެކަނި ޙިޒްބުﷲ އަށް އެހީތެރިވުމަށް ދިން ހަމަލާތަކެއްވެސް ނޫނެވެ.

މި ހަމަލާތަކުގެ އަސްލު ބޭނުމަކީ ޒަޔަނިސްޓް ރެޖީމާ ދެކޮޅަށް ހަނގުރާމައިގެ އާ މިންގަނޑެއް ކަނޑައެޅުމެވެ. އެ މިންގަނޑަކީ: "އިސްރާއީލުން ލުބުނާނުގެ ޟާޙިޔާއަށް ހަމަލާދީފިނަމަ، އޭގެ ރައްދު ހަމައެކަނި ޙިޒްބުﷲގެ ފަރާތުން އައުމުގެ ބަދަލުގައި، ސީދާ އީރާނުން އިސްރާއީލުގެ ޙައިފާއަށާއި އުތުރުގެ ސަރަޙައްދުތަކަށް ބާރުގަދަ ހަމަލާތަކެއް އަންނާނެ" ކަމެވެ.

އާ މިންގަނޑުގެ ސަބަބުން ނުކުންނާނެ ނަތީޖާ:

  • އިސްރާއީލުގެ ބާރު ކަނޑުވާލުން: ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާއީލުން ދިޔައީ ވަކި ހައްދެއްގެ ތެރޭގައި މަސްރަޙު ބާއްވައިގެން، ލުބުނާނުގެ ދެކުނަށާއި ޟާޙިޔާއަށް ބޭނުންވަރަކަށް ހަމަލާދެމުންނެވެ.
    އީރާނުން ބޭނުންވަނީ އިސްރާއީލަށް އޮތް އެ އިސްތިސްނާ ކަނޑުވާލާށެވެ.
  • އިސްރާއީލުގެ އެތެރެއަށް ބިރުވެރިކަން ވެއްދުން: ޟާޙިޔާއަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު އިސްރާއީލުގެ އެތެރޭގެ ރަށްތަކަށް އަމާޒުކޮށް، ހަމަލަ ދޭނެ ކަމާއި މިއީ ހަމައެކަނި ލުބުނާނުގެ މައްސަލައެއްގެ ބަދަލުގައި މުޅި ސަރަޙައްދުގެ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ހެދުމެވެ.
  • ޙައިފާގެ ނާޒުކުކަން: އިސްރާއީލުގެ އުތުރުގައި އޮންނަ ޙައިފާ ސިޓީއާއި އެ ސަރަޙައްދުގެ އަސްކަރީ މަރުކަޒުތަކަކީ އިސްރާއީލުގެ ސަލާމަތަށް ވަރަށް މުހިންމު ތަންތަނެވެ. އެތަންތަނަށް އީރާނުން ސީދާ ހަމަލާދޭން ފެށުމުން، ޟާޙިޔާއަކީ އިސްރާއީލަށް ފަސޭހައިން ހަމަލާދެވޭނެ ތަނަކަށް ދެން ނުވާނެއެވެ.
ހިއްސާ ކުރައްވާ!