ތާރީޚުގެ ފޮތްތަކުން ފެންނަން އޮތް އެންމެ ބޮޑު އެއް ސަކަރާތް މިއަދު މިވަނީ އަފްޣާނިސްތާނުގެ ފަސްގަނޑުން ފެންނަން ފަށާފައެވެ. މީގެ 40 އަހަރަށް ވުރެ ކުރިން، އެމެރިކާގެ ސީ.އައި.އޭ އާއި ޢަރަބި ޤައުމުތަކުގެ ފައިސާގެ އެހީގައާއި، ޕާކިސްތާނުގެ އަސްކަރީ ތަމްރީނުތަކާއެކު އަފްޣާން މުޖާހިދުން ހަނގުރާމަކުރީ ސޮވިއެޓް ޔޫނިއަން (ރޫސީންނާ) ދެކޮޅަށެވެ. ނަމަވެސް މިއަދު، ހަމަ އެ މުޖާހިދުންގެ ދަރިން މިވަނީ އެއިރު އެމީހުންގެ ކާބަފައިން މަރަން އައި ރޫސީންގެ ހަތިޔާރުތައް އަލުން މަރާމާތުކޮށް، އެއިރު އެމީހުންނަށް ތަމްރީނު ދިން ޕާކިސްތާނާ ދެކޮޅަށް ބޭނުންކުރުމަށްޓަކައި ރަޝިޔާއާއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މޮސްކޯގައި ބޭއްވުނު ބައިނަލްއަޤްވާމީ ސަލާމަތީ ފޯރަމްގައި މި އެއްބަސްވުން ޤާއިމުކުރި ކަން ރަޝިޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒާމިރު ކާބުލޯވް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިއީ 2021 ވަނަ އަހަރު ހުޅަނގުގެ ތާއީދުލިބުނު ސަރުކާރު ވައްޓާލުމަށްފަހު އެކަހެރިވެފައިވާ ތާލިބާނުންނާ ސިޔާސީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަޅުއްވަމުންދާ ފިޔަވަޅެކެވެ.
ދަރިންގެ ސޮއި: ބަަަފައިންގެ ދުޝްމަނާއެކު
މި އެއްބަސްވުމުގައި ތާލިބާނުންގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު މުއްލާ މުޙައްމަދު ޔަޢުޤޫބެވެ. އޭނާއަކީ ރޫސީންނާ ދެކޮޅަށް ޖިހާދުކޮށް އެމީހުން ފައްސާލުމުގައި އިސް ދައުރެއް އަދާކޮށް ރޫސީންގެ ގޮނޑިކޮއްކޮ ސަރުކާރުގެ ރައިސް ނަޖީބުﷲ ކެރޭނެއްގެ ކޮޅުގައި އެކުވައިގެން ދަންޖެއްސެވި ތާލިބާނުންގެ ބާނީ މުއްލާ މުޙައްމަދު ޢުމަރުގެ ދަރިކަލުންނެވެ.
އަފްޣާނިސްތާނުގެ ކުރީގެ ސަލާމަތީ މަސްއޫލުވެރިއެއް ކަމަށްވާ އަޙްމަދު ޝުޖާޢު ޖަމާލް ފާހަގަކުރެއްވި ގޮތުގައި މިއީ ބޮޑު މަލާމާތެކެވެ.
"މިހާރުގެ ދިފާއީ ވަޒީރުގެ ބައްޕަ ހިމެނޭހެން ތާލިބާނުންގެ ގިނަ ވެރިންނަކީ ރޫސީންނާ ދެކޮޅަށް ޖިހާދުކޮށް ބޮޑެތިވީ މީހުން. ނަމަވެސް މިއަދު އެމީހުންގެ ދަރިން މިވަނީ އެ ބަފައިން މަރަން ހުވާކުރި ދުޝްމަނާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދަން ފަށާފަ،" ޖަމާލް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތާލިބާނުންނަކީ ފިކުރީ ގޮތުން ހަރުކަށި ބައެއް ނަމަވެސް، އަމިއްލަ މަންފާއަށްޓަކައި ކޮންމެ ފަދަ ޑީލެއްވެސް ހަދަން ޖެހިލުން ނުވާ ބައެކެވެ.
ސޮވިއެޓް ޒަމާނުގެ ހަތިޔާރުގެ ތަރިކަ
އަފްޣާނިސްތާނުން ސޮވިއެޓް ސިފައިން 2019 ވަނަ އަހަރު ފޭބިއިރު، އެ ޤައުމަށް ދޫކޮށްލާފައިދިޔަ 100ށްވުރެ ގިނަ ޓޭންކުތަކާއި، ހެލިކޮޕްޓަރުތަކާއި އަސްކަރީ ވެހިކަލްތައް ތާލިބާނުންނަށް ވަނީ ތަރިކައިގެ ގޮތުގައި ލިބިފައެވެ. އޭގެ ތެރޭގައި T-55 އަދި T-62 މަރުކާގެ ޓޭންކުތަކާއި، Mi-17 އަދި Mi-24 މަރުކާގެ ހެލިކޮޕްޓަރުތައް ހިމެނެއެވެ.
2021 ވަނަ އަހަރު އެމެރިކާ ސިފައިން އަވަސްއަރުވާލާފައި އެ ޤައުމުން ފޭބިއިރު، އެމެރިކާގެ ޒަމާނީ ހަތިޔާރުތައްވެސް ތާލިބާނުންގެ އަތްދަށަށް ދިޔައެވެ. ނަމަވެސް ކުރީގެ ނޭޝަނަލް ޑިރެކްޓަރޭޓް އޮފް ސެކިއުރިޓީގެ ވެރިޔާ އަޙްމަދު ޟިޔާ ސަރާޖް ވިދާޅުވީ، ހުޅަނގުގެ ހަތިޔާރުތަކަކީ ބެލެހެއްޓުން އަގުބޮޑު އަދި ނޭޓޯގެ އެހީއާ ނުލައި ދެމެހެއްޓޭނެ އެއްޗެހި ނޫން ކަމަށެވެ. އެހެންކަމުން، މީގެ އަހަރެއްހާ ދުވަސް ކުރިން ތާލިބާނުންގެ މަތީ ވެރިޔާ ވަނީ ރޫސީ ހަތިޔާރުތައް އަލުން މަރާމާތުކޮށް ބޭނުންކުރުމަށް އަމުރުކޮށްފައެވެ.
ބޯޑަރުގެ ހަމަނުޖެހުންތަކާއި އާ އަމާޒު
އަފްޣާނިސްތާނުގެ އެތެރޭގެ ޓެކްނީޝަނުންނަށް މި ހަތިޔާރުތަކުގެ އާ ބައިތައް ނުލިބުމުގެ ސަބަބުން މަރާމާތު ނުކުރެވުމުން، ތާލިބާނުންނަށް ޖެހުނީ ސީދާ ރަޝިޔާގެ އެހީއަށް އެދޭށެވެ. ރަޝިޔާގެ ރިއާ ނޮވޮސްޓީ އެޖެންސީން ބުނާގޮތުގައި، މި އެއްބަސްވުމަކީ އެ ހަތިޔާރުތައް ދިރުވުމުގެ ފުރަތަމަ ޢަމަލީ ފިޔަވަޅެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދާދިފަހުން 2025 ވަނަ އަހަރު ތާލިބާނުންނާއި ޕާކިސްތާނުގެ ބޯޑަރު ސިފައިންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައިވެސް ތާލިބާނުން ބޭނުންކޮށްފައިވަނީ މި ސޮވިއެޓް ޒަމާނުގެ ޓޭންކުތަކެވެ.
ކުރިން އެމެރިކާގެ ފައިސާއިން ރޫސީންނާ ދެކޮޅަށް ހަނގުރާމަކުރި ފަސްގަނޑު، މިއަދު މިވަނީ ރޫސީންގެ އެހީއާއެކު އެމެރިކާގެ M16 ބަޑިތަކާއި ރޫސީ ޓޭންކުތައް އެއްކޮށްލައިގެން، ޕާކިސްތާނާ ދެކޮޅަށް ދިފާއީ އައްޑަނައެއް ބިނާކުރާ މައިދާނަކަށް ބަދަލުވެފައެވެ.





