އީރާނުން ދެމުންދާ ވަރުގަދަ ކާމިޔާބު މިސައިލް ހަމަލާތަކާ ގުޅިގެން، ޔަހޫދީ ރެޖީމްގެ ސަލާމަތީ ބާރުތަކުން ކުއްލި ފިޔަވަޅުތަކެއް އަޅައި، އިސްރާއީލުގެ ހުރިހާ ސުކޫލުތަކާއި ކުޑަކުދިންގެ ބަގީޗާތަކާއި ޕްރީސްކޫލުތައް މުއްދަތެއް ނެތްގޮތަށް ބަންދުކުރުމުން، ޔަހޫދީ އާއިލާތަކުގެ އާންމު ދިރިއުޅުން މުޅިން ބުރޫއަރައި، ބެލެނިވެރިން ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
އީރާނުގެ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ނެރުނު ކުއްލި އިރުޝާދުތަކުގައި ބުނެފައިވަނީ، ވަޒީފާ އަދާކުރާ އޮފީސްތަކާއި ކާރުޚާނާތައް ހުޅުވާފައި ބެހެއްޓިދާނެ ކަމަށެވެ. ނަމަވެސް އެއީ ހަމަލާއެއްގެ އިންޒާރުގެ ރެޑް އެލާޓް ސައިރަން އަޅާއިރު، ކަނޑައެޅިފައިވާ ކުޑަ ސިކުންތުކޮޅުގެ ތެރޭގައި ވަދެވޭނެ ފަދަ ރައްކާތެރި ބަންކަރެއް ނުވަތަ ހިޔާވަހިކަމެއް ހުންނ ތަންތަނެވެ. އެހެންނަމަވެސް، ތަޢުލީމީ މުއައްސަސާތަކުގައި އެފަދަ ކަންކަން ނެތުމުން އެއްވެސް އިސްތިސްނާއެއް ނެތްގޮތަށް ވަނީ ބަންދުކުރަން މަޖުބޫރުކޮށްފައެވެ.
އިސްރާއީލުގެ ތަޢުލީމީ ވަޒީރު ޔޯއާވް ކިޝް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ހޯމް ފްރަންޓް ކޮމާންޑުގެ އެންގުމަށް މުޅި ޤައުމުގެ ހުރިހާ ކްލާސްތަކާއި އިމްތިޙާނުތައް ކެންސަލްކޮށްފައިވާ ކަމަށެވެ. މި ނިންމުމާއެކު، އަމިއްލަ ވަޒީފާއަށް ދަމުން ކުދިން ބަލާނެ ގޮތެއް ނެތިގެން ޔަހޫދީ ބެލެނިވެރިން ދަނީ ސަރުކާރަށް ނުރުހުން ފާޅުކުރަމުންނެވެ.
"އިޤްތިޞާދު ހުޅުވާފައި ބާއްވާފައި، ހުރިހާ ސުކޫލުތަކެއް ބަންދުކޮށްލުން. މިއީ ސަރުކާރުން ބެލެނިވެރިންގެ މޫނުމަތީގައި ޖެހި ވަރުގަދަ އެތިފަހަރެއް،" ސިފައިންނަށް އެހީތެރިވާ ޖަމްޢިއްޔާއެއްގެ ވެރިއެއް ކަމަށްވާ ޑޮރޮން ޝަބްތީ ބުންޏެވެ.
މަޝްހޫރު ނޫސްވެރިޔާ އާމިރު ތީބޮންވެސް ވަނީ ސަރުކާރުގެ ނުކުޅެދުންތެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
"މިއީ ލަދުވެތި ޢަމަލެއް. އީރާނާއެކު ކުރިން ހިނގި ކުރިމަތިލުންތަކުން ފިލާވަޅު ލިބިގަންނަން ސަރުކާރަށް ދެ މަސްދުވަސް ލިބުނު. ނަމަވެސް އެމީހުން އެއްވެސް ކަމެއް ނުކޮށް، އެންމެ ފަސޭހަ ގޮތް ހަދައި ބެލެނިވެރިންނާއި ކުދިންނަށް އަދަބުދިނީ،" އޭނާ ބުންޏެވެ.
%40 ސުކޫލުގައި ބަންކަރެއް ނެތް!
އިސްރާއީލުގެ ޕާލިމަންޓަށް މި އަހަރުގެ މާޗް މަހު ހުށަހެޅި ސްޓޭޓް ކޮމްޕްޓްރޯލާގެ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، އިސްރާއީލުގެ ސުކޫލުތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ތަންތަނުގައި އީރާނުގެ ކާމިޔާބު ހަމަލާތަކުން ސަލާމަތްވާނެ އެކަށީގެންވާ ބަންކަރެއް ނުވަތަ ރައްކާތެރި ހިޔާވަހިކަމެއް ނެތެވެ. މީގެ މާނައަކީ 466,000 އެއްހާ ޔަހޫދީ ދަރިވަރުން ތިބީ ހަމަލާތަކަށް ހުޅުވިފައެވެ. އަދި ކުޑަކުދިންގެ ބަގީޗާތަކުގެ ދެބައިކުޅަ އެއްބައި ތަންތަނުގެ ރައްކާތެރިކަމުގެ އެއްވެސް މަޢުލޫމާތެއް ތަޢުލީމީ ވުޒާރާއަކަށް ނޭނގެއެވެ.
އޮންލައިންކޮށް ކްލާސްތައް ނެގުމުގެ އެއްވެސް ތައްޔާރުކަމެއް މިހާތަނަށް ސަރުކާރުން ވެފައިނުވާއިރު، ތަޢުލީމީ ވުޒާރާގެ ތަރުޖަމާނު ވަނީ މިކަމަށް ޖަވާބުދޭންވެސް ދެކޮޅު ހަދާފައެވެ.
މީގެ ކުރިން ފެބްރުއަރީ 28 ގައި އީރާނާއެކު ފެށުނު ހަނގުރާމައިގެ ބުރުގައިވެސް އިސްރާއީލުގެ ހުރިހާ ތަނެއް ބަންދުކުރަން ޖެހުނެވެ. އޭގެ ފަހުން ސުކޫލުތައް ހުޅުވަން ވަޒީރު ކިޝް އިއުލާނުކުރި ނަމަވެސް، މިސައިލްގެ ބިރުވެރިކަން ބޮޑުވުމުން ގިނަ ސިޓީތަކުން ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ ސުކޫލުތައް ބަންދުކޮށްފައި ބެހެއްޓިއެވެ. މުޅި ޤައުމުގެ ސުކޫލުތައް ހުޅުވޭވަރުވީ އޭޕްރީލް 8 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމައިންނެވެ.
ނަމަވެސް، މިހާރު އަލުން ފެށިގެން މިއުޅޭ ހަމަލާތަކުގެ ސަބަބުން ޔަހޫދީންގެ ދިރިއުޅުން އަނެއްކާވެސް މިވަނީ ބަންކަރުތަކުގެ ތެރެއަށް ކޮއްޕާލާފައެވެ.





