ދާއޫދީ ވޯރާ މައްސަލައިގެ ހުކުމާ ގުޅިގެން ބޮމްބޭ ހައިކޯޓުގެ ކުރީގެ ފަނޑިޔާރަކަށް މަރުގެ އިންޒާރުދީފި

ދާއޫދީ ވޯރާ ޖަމާޢަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމާ ގުޅޭގޮތުން 2024 ވަނަ އަހަރު އިއްވި ޙުކުމަކާ ގުޅިގެން، ބޮމްބޭ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ގޯތަމް ޓޭލްއާއި އޭނާގެ ޢާއިލާއަށް މަރުގެ އިންޒާރުދީ ފޮނުވި ސިޓީތަކެއްގެ މައްސަލަ ބޮޑުވެ، ބޮމްބޭ ބާ އެސޯސިއޭޝަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ފަނޑިޔާރު ގޯތަމްއަށް އެކި ފަހަރުމަތިން އިންޒާރުގެ ސިޓީތައް ލިބިފައިވާއިރު، އެންމެ ފަހުން ސިޓީއެއް ލިބިފައިވަނީ ޖޫން މަހުގެ 5ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅޭ އޭނާގެ އަންހެން ދަރިފުޅަށެވެ. ޖަރުމަނުގެ ޕޯސްޓް މާކް ޖަހާފައިވާ އެ ސިޓީގައި ބުނެފައިވަނީ، އެ ޙުކުމަކީ ބިރުދެއްކުމާއި މަޖުބޫރުކުރުމުގެ ދަށުން އިއްވި ޙުކުމެއް ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯއެއް އާންމުކުރުމަށެވެ. އަދި އެކަން ނުކޮށްފިނަމަ، ފަނޑިޔާރާއި އޭނާގެ ޢާއިލާ އެކޮށް ނައްތާލާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފަނޑިޔާރު ގޯތަމް ވިދާޅުވީ، ފަނޑިޔާރުން މަޤާމުން ވަކިވުމަށްފަހުވެސް މިފަދަ ބިރުދެއްކުންތަކާ ކުރިމަތިލާންޖެހުމަކީ އިންސާފުޤާއިމުކުރުމުގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ލަންޑަންގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިކަމުގައި އެދެވޭ އެހީތެރިކަމެއް ދީފައިނުވާތީ އެކަމާ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަނޑިޔާރު ގޯތަމް ކުރެއްވި ޙުކުމެއްގައި، ދާއޫދީ ވޯރާ ޖަމާޢަތުގެ 53ވަނަ ލީޑަރުގެ ގޮތުގައި ސައްޔިދުނާ މުފައްމަލް ސައިފުއްދީން ހުންނެވީ ޤާނޫނީގޮތުން ސައްހަ ޢައްޔަންކުރުމެއްގެ ދަށުން ކަމަށް ވަނީ ނިންމަވާފައެވެ.

މި މައްސަލައަކީ އެ ޖަމާޢަތުގެ 52ލީޑަރު އަވަހާރަވުމުން، ލީޑަރުކަމުގެ ބާރުތަކާ މެދު ޢާއިލާގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން 2014 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. ފަނޑިޔާރު ގޯތަމް ކުރެއްވި ހުކުމުގައި، އިދިކޮޅު ފަރާތްތަކުން މަޤާމުގެ ބާރުތައް ލިބިފައިވާ ކަމަށް ބުނެ ހުށަހެޅި ދަޢުވާގައި އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެ އެ މައްސަލަ ވަނީ ބާތިލުކުރައްވާފައެވެ. މިހާރު މި މައްސަލަ އޮތީ ހައިކޯޓުގެ ޑިވިޜަން ބެންޗެއްގައި އިސްތިއުނާފުކޮށްފައެވެ.

ހިއްސާ ކުރައްވާ!