ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން ވަނީ، ސޯމާލިއާގެ ބައިނަލްއަޤްވާމީ ރެފްރީ ޢުމަރު ޢަބްދުލްޤާދިރު އަރްތާން އެމެރިކާއަށް އެތެރެވުން މަނާކުރުމާ ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި އޭނާއަށް ބައިވެރިނުވެވޭނެކަން ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ ތަރުޖަމާނަކު ސީއެންއެންއަށް މަޢުލޫމާތު ދެމުން ބުނީ، އިސްތަންބޫލުން ފުރައިގެން މިއާމީއަށް އަރްތާން އައިސް ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި، އޭނާގެ ލިޔެކިޔުންތަކާއި މަޢުލޫމާތު އިތުރަށް ސާފުކުރުމަށްޓަކައި ޚާއްޞަ ޗެކްކުރުމެއް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި އެ ސެކިއުރިޓީ ބެލުންތަކަށްފަހު، ސެކިއުރިޓީ ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން އޭނާއަކީ އެމެރިކާއަށް އެތެރެވުމުގެ ޝަރުޠު ހަމަނުވާ މީހެއްގެ ގޮތުގައި ކަނޑައަޅައި، އެތެރެވުން މަނާކުރީ ކަމަށް ތަރުޖަމާނު ބުންޏެވެ.
ސޯމާލިއާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޤައުމަށް އެތެރެވުން މަނާކޮށް، "ޓްރެވަލް ބޭން" ލިސްޓުގައި ހިމަނާފައިވާ 39 ޤައުމުގެ ތެރެއިން ޤައުމެކެވެ. އަރްތާންއަކީ ފާއިތުވި 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަޤާމު ހޯދާފައިވާ، އަދި އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) އިން ވޯލްޑް ކަޕަށް ޚާއްޞަކޮށް ހޮވި މޮޅު ރެފްރީއެކެވެ.
މި މައްސަލައާ ގުޅިގެން ފީފާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުބާރާތް ބާއްވާ ޤައުމުތަކުގެ އިމިގްރޭޝަން ޤާނޫނުތަކާއި ވިސާ ދިނުމުގެ ކަންކަމުގެ ތެރެއަށް ފީފާއިން ނުފޫޛު ފޯރުވައި ނުހަދާނެ ކަމަށެވެ. އަދި އެމެރިކާގެ އިދާރާތަކުން ފީފާއަށް އަންގާފައިވަނީ އަރްތާންގެ ނިންމުމަށް މިވަގުތު އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކޮންމެ މުބާރާތެއްގައިވެސް ޤައުމަށް އެތެރެވުމުގެ ހުއްދަ ދޭނީ އެ ޤައުމެއްގެ ސަރުކާރުން ކަމަށް ފީފާއިން ފާހަގަކުރިއެވެ.
ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން އެހެން ބައެއް ޤައުމުތަކަށްވެސް ވަނީ މިފަދަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެގޮތުން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވިދާޅުވި ގޮތުގައި، އެމީހުންގެ މެޗު ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ނޫނީ އީރާން ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބިފައެއް ނުވެއެވެ. އަދި އީރާން ޓީމުގެ ކޯޗު ބުނިގޮތުގައި، ޓީމުގެ ބައެއް އިދާރީ މުވައްޒަފުންނަށާއި މީޑިއާ ޓީމަށް އަދިވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދައެއް ނުލިބެއެވެ.


