އަލީބާބާއާއި ބީވައިޑީ އެމެރިކާއިން ބްލެކްލިސްޓު ކޮށްފި

ޗައިނާގެ ސިފައިންނަށް އެހީތެރިވެދޭ ކަމަށް ތުހުމަތުކޮށް، އެ ޤައުމުގެ މަޝްހޫރު އީ-ކޮމާސް ކުންފުނި އަލީބާބާއާއި، ސާޗް އިންޖީން ބައިޑޫގެ އިތުރުން ކާރު އުފައްދާ ބީވައިޑީ އާއި ޗައިނާގެ ބޮޑެތި ކުންފުނިތަކެއް އެމެރިކާގެ ދިފާޢީ ވުޒާރާގެ ބްލެކްލިސްޓަށް އަލުން އިތުރުކޮށްފިއެވެ.

މިދިޔަ ފެބުރުއަރީ މަހު ޕެންޓަގަނުން މި ލިސްޓު ނެރުމަށްފަހ އަލުން އަނބުރާ ގެންދިޔަ ނަމަވެސް، ހޯމަ ދުވަހު ނެރުނު އައު ލިސްޓުގައި ކުރިންވެސް ހިމެނި ގިނަ ކުންފުނިތަކެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ވޫޒީ އެޕްޓެކް އަދި އޭއައި ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ރޮބޯސެންސް ޓެކްނޮލޮޖީވެސް ވަނީ މި ފަހަރު ލިސްޓަށް އިތުރުކޮށްފައެވެ. މި ނިންމުމުގެ ސަބަބުން އެމެރިކާއާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ކުންފުނިތަކުގެ ބާރު ކަނޑުވާލުން

މި ލިސްޓުގައި ހިމެނުމުން ވަގުތުން ވަގުތަށް ޤާނޫނީ ފިޔަވަޅެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅެއް ނާދެއެވެ. ނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ދަނީ މި ކުންފުނިތަކާއެކު ވިޔަފާރި އެއްބަސްވުންތައް ހެދުމާއި، ދިރާސާތަކަށް ފަންޑުދިނުން ހަނިކުރަމުންނެވެ.

އެމެރިކާގެ ދިފާޢީ ޤާނޫނު 2026 ގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި އެ ވުޒާރާއިން މި ކުންފުނިތަކުން އެއްވެސް މުދަލެއް ނުވަތަ ޚިދުމަތެއް ގަތުން މަނާވާނެއެވެ. 2021 ވަނަ އަހަރު ފުރަތަމަ ނެރުނު މި ލިސްޓުގައި މިހާރު ޗައިނާގެ 100 އަށްވުރެ ގިނަ ކުންފުނި އެބައޮތެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރާއި، ކޮމްޕިއޓަރު އުފެއްދުމާއި، އިމާރާތްކުރުމާއި، މުވާޞަލާތީ ދާއިރާގެ ކުންފުނިތައް ހިމެނެއެވެ.

އެމެރިކާގެ ދިފާޢީ ޤާނޫނު 2026

މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޗައިނާގެ އަސްކަރީ ޤާނޫނުތަކަށް އެހީތެރިވެދޭ އެމެރިކާގެ އިންވެސްޓްމަންޓްތައް ހަރުކަށިކޮށް ބެލުމަށް ބިލެއް ފާސްކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި މި އައު ޤާނޫނުގައި ޗައިނާއަކީ އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކާ ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ޗައިނާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފޅުކޮށް، އެމެރިކާގެ މި ނިންމުމަކީ ޤައުމީ ސަލާމަތުގެ ނަމުގައި ހިންގާ ނާޖާއިޒު ކަމެއް ކަމަށް ބުނެފައެވެ. އަދި 2026 ވަނަ އަހަރުގެ ދިފާޢީ ޤާނޫނުގައި ޗައިނާއާ ދެކޮޅަށް ހުރި ނުބައި މާއްދާތަކަށް ޢަމަލުނުކުރުމަށް ޗައިނާއިން ވަނީ އެމެރިކާއަށް ގޮވާލައި، ވޮޝިންގޓަނަށް ރަސްމީކޮށް އިޙްތިޖާޖު ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!