ދަތުރުވެރިން އެމީހުންގެ މަންޒިލްތައް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާ އެއް ކަމަކީ އެ ތަނަކުން ލިބޭ ކާނާގެ މީރުކަމެވެ. އިންޑިއާގެ ކާނާގެ ވާހަކަ ދެކެވޭއިރު ގިނަ ބައެއްގެ ސިކުނޑިއަށް ވަގުތުން އަންނާނީ ދިއްލީގެ މަގުމަތީގެ ރަހަތައް ނުވަތަ ލަކްނައުގެ ޝާހީ ކާނާތަކެވެ. ނަމަވެސް، މަޝްހޫރު މަޖައްލާ ޓައިމް އައުޓް އިން އެކުލަވާލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މީރު ކާނާ ލިބޭ ސިޓީތަކުގެ ލިސްޓުން މުޅި ދުނިޔެ ސިއްސުވާލީ އިންޑިއާގެ ދެކުނުންނެވެ. އިންޑިއާގެ ސިލިކަން ވެލީގެ ގޮތުގައި މަޝްހޫރު ބެންގަލޫރު ވަނީ މި ބައިނަލްއަޤްވާމީ ލިސްޓުގެ 13 ވަނަ ހާސިލުކޮށްފައެވެ.
މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މަރުކަޒެއް ނޫންކަމާއި، މިއީ ރަހަތަކުގެ ސަގާފަތް ފުންކޮށް މުޖުތަމަޢުގެ ތެރެއަށް ފެތުރިފައިވާ ދިރުންހުރި ސިޓީއެއްކަން މިއަދު މިވަނީ ދުނިޔެއަށް ސާބިތުވެފައެވެ.
ބެންގަލޫރުގެ ކާނާގެ ވާހަކަ ދައްކާއިރު، އެ ސިޓީގެ ތާރީޚާ ގުޅިފައިވާ ލެޖެންޑަރީ ޓިފިން ރޫމް ތައް ދޫކޮށްލެވޭކަށް ނެތެވެ. ވިދްޔާތީ ބަވަން، ސީޓީއާރު އަދި ބްރަހްމިންސް ކޮފީ ބާރް ފަދަ ތަންތަނަކީ ކޮންމެ ދުވަހަކު ފަތިހުން ފެށިގެން މީހުން ކިއޫ ހަދާ ތަންތަނެވެ.
ގިތެޔޮގެ މީރުވަސް ދުވާ، ބޭރުފުށް މުރަނަ މަސާލާ ދޯސާ އާއި، މަޑު ފޮނި އިޑްލީއާއި، ކާށިހުނިން ހަދާފައި ހުންނަ މީރު ޗަޓްނީއަކީ ބެންގަލޫރުގެ ހެނދުނުގެ ނާސްތާގެ އެންމެ ފުރިހަމަ ތަޖުރިބާއެވެ. މީގެ އިތުރުން، އެ ސިޓީއަށް ޚާއްޞަ ފިލްޓަރު ކޮފީއަކީ ކޮންމެ ދަތުރުވެރިއަކުވެސް ބޯލަންޖެހޭނެ އެއްޗެކެވެ.
ތާރީޚީ މިލިޓަރީ ހޮޓާ ތަކާއި ދޮންނޭ ބިރިޔާނީ
ޒަމާނީ ޕިއްޒާގެ ސަގާފަތް ބެންގަލޫރަށް ތަޢާރަފްވުމުގެ މާ ކުރިން، އެ ސިޓީގެ ރަހަތަކުގެ ރަސްކަން ކުރީ މިލިޓަރީ ހޮޓާ ތަކުންނެވެ. ޝިވާޖީ ހޮޓާ ފަދަ އާދައިގެ ގޮތަކަށް ހުންނަ ކެފޭތަކަކީ ޒަމާނުއްސުރެ މަސައްކަތްތެރިންނާއި، ސިފައިންނާއި، ދަތުރުވެރިންނަށް އަގުހެޔޮކޮށް މީރު މަސްކާނާ ފޯރުކޮށްދިން ތަންތަނެވެ.
ހިއްކާފައިވާ ކަދުރު ރުކު ފަނުން ހަދާފައިވާ ބޯލެއްގައި، ކޮރިއަންޑާ އާއި އެކި ފަތްޕިލާވެލި އަދި ގިތެޔޮގެ މީރުވަހާއެކު ފޯރުކޮށްދޭ މި ބިރިޔާނީއަކީ ބެންގަލޫރަށް މިއަދު ލިބިފައިވާ ބައިނަލްއަޤްވާމީ ޝަރަފުގެ އެންމެ ބޮޑު އެއް ސަބަބެވެ.
ޒަމާނީ ރެސްޓޯރެންޓްތަކާއި އީޖާދީ ކޮކްޓެއިލް ސަގާފަތް
ބެންގަލޫރުގެ ކާނާގެ ދާއިރާ މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންނެވެ. އިންދިރާނަގަރް، ކޮރަމަންގަލާ އަދި އެމްޖީ ރޯޑް ފަދަ ސަރަޙައްދުތަކުގައި ޒަމާނީ ބާގާ އާއި ޕިއްޒާ ވިއްކާ ތަންތަން ދަނީ އިތުރުވަމުންނެވެ.
މިއާއެކު، ބެންގަލޫރުގެ ބާރ ސަގާފަތަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކަމެކެވެ. ލޫޕާ، ބާރ ސަމާ، ބާރ ސްޕިރިޓް ފޯވަރޑް އަދި ސޯކާ ފަދަ މަޝްހޫރު ނަންނަމުން، އިންޑިއާގެ ލޯކަލް ރަހަތައް ކަމަށްވާ ކޮކަމް އަދި ހުތް ރަހަތައް ބޭނުންކޮށްގެން އީޖާދީ ބުއިންތައް ތައްޔާރުކޮށް، ކަސްޓަމަރުން އަންތަރީސްކޮށްލައެވެ.
ރައްޔިތުންގެ ބޮޑު ތާއީދެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުން 24000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރި ސާވޭއަށް ފަހު އެކުލަވާލި މި ލިސްޓުގައި ބެންގަލޫރު ހިމެނުނީ އެ ސިޓީގެ ކާނާގެ އަގުހެޔޮކަމާއި، ސަގާފީ މުއްސަނދިކަމުގެ ސަބަބުންނެވެ.
- 82 އިންސައްތަ ބެންގަލޫރުގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެ ސިޓީގެ ކާނާއަކީ ވަރަށް މީރު ނުވަތަ އަޖައިބެއް ކަހަލަ ކާނާއެވެ.
- ގިނަ ބަޔަކު ވަނީ އެ ސިޓީގެ ދަންވަރުގެ ކާނާގެ ސަގާފަތަށާއި އަގުހޔޮ ކޮފީއަށް ތާރީފްކޮށްފައެވެ.
ދުނިޔޭގެ އެންމެ މީރު ކާނާ ލިބޭ ސިޓީތަކުގެ ގަދަ ފަހެއް:
- ލީމާ، ޕެރޫ
- ބެންކޮކް، ތައިލެންޑް
- މެކްސިކޯ ސިޓީ، މެކްސިކޯ
- ލަންޑަން، އިނގިރޭސިވިލާތް
- ބާސެލޯނާ، ސްޕެއިން
އަމިއްލަ ސަގާފީ ރަހަތަކާއި ޒަމާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ކެއުންތައް އެއްވެފައިވާ ބެންގަލޫރަކީ، މިހާރު ހަމައެކަނި ކޮމްޕިއުޓަރު ކޯޑު ލިޔާ މީހުންގެ ސިޓީއެއް ނޫނެވެ. މިއީ ކާބޯތަކެތީގެ ދުނިޔޭގައި މިހާރު ދަތުރުވެރިން ނޯޓްކޮށްލަންޖެހޭ އެންމެ މުހިންމު އެއް މަންޒިލެވެ.




