ހަތިޔާރު ކޮންޓްރޯލްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ސިޕްރީ ގެ 2026 ވަނަ އަހަރުގެ ރިޕޯޓް ދައްކާގޮތުން، އިންޑިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނިއުކްލިއާ ވޯހެޑްތައް އޮޕަރޭޝަނަލްކޮށް ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު އިންޑިއާއިން 12 ވޯހެޑް ތައްޔާރީ ޙާލަތަށް ގެނައިއިރު، ޗައިނާއިންވެސް ވަނީ އެޤައުމުން ތައްޔާރުކޮށްފައި ހުރި ވޯހެޑްގެ އަދަދު 24 އިން 34 އަށް އިތުރުކޮށްފައެވެ.
- ކުރިން އިންޑިއާގެ ނިއުކްލިއާ ހަތިޔާރުތައް ހުންނަނީ ރިޒާވްގެ ގޮތުގައި ގުދަންކޮށްފައެވެ. އެއީ ވަގުތުން ބޭނުންކުރެވޭ ގޮތަށް މިސައިލްތަކަށް ހަރުކޮށްފައެއް ނޫނެވެ. ނަމަވެސް "ޑިޕްލޯއިޑް" ނުވަތަ ތައްޔާރީ ޙާލަތަށް ގެނައުމަކީ ވަގުތުން ފޮނުވާލެވޭ ގޮތަށް މިސައިލް ނުވަތަ މަތިންދާބޯޓު ފަދަ ލޯންޗިންގ އެގްޒެކިއުޓިވް ޕްލެޓްފޯމްތަކަށް ހަރުކޮށް ލޯންޗުކުރަން ތައްޔާރުކުރުމެވެ.
- އިންޑިއާގެ ނިއުކްލިއާ ޓްރިއާޑް (ކަނޑު، ވައި، އަދި އެއްގަމު) މަގުގެ އަރިހާންތު ކްލާސް ސަބްމެރިންތަކާއި، މިރާޖް 2000 އަދި ޖެގުއާ ފައިޓަރ ޖެޓްތަކުގެ އިތުރުން އަގްނީ، ޕްރިތްވީ، އަދި ބްރަމޯސް މިސައިލްތައް މެދުވެރިކޮށް މި ހަތިޔާރު ފޮނުވާލުމުގެ ޤާބިލުކަން އިންޑިއާއަށް ލިބިގެންވެއެވެ.
އިންޑިއާ-ޕާކިސްތާން ހަމަނުޖެހުމުގެ އަސަރު
މި ބަދަލު އައިސްފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި 4 ދުވަހުގެ ކުރިމަތިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ނިއުކްލިއާ ބިރުދެއްކުންތައް ކުރިމަތިކުރުމުން، އިންޑިއާއިން ވަނީ އެ ބިރުދެއްކުންތަކަށް ރައްދުދީ ހަތިޔާރުތައް ތައްޔާރުކޮށްފައެވެ.
ޕާކިސްތާނުން އަދި އެއްވެސް ވޯހެޑެއް ތައްޔާރީ ޙާލަތަށް ގެނެސްފައި ނުވި ނަމަވެސް، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ނިއުކްލިއާ ބާރުތައް އިތުރުކުރުމަށް ބޭނުންވާ މާއްދާތައް އެޤައުމުން އެއްކުރަމުންދާ ކަމަށް ރިޕޯޓްގައިވެއެވެ.
ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ހުރި 9 ޤައުމެއް ވެއެވެ. އެއީ އެމެރިކާ، ރަޝިޔާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، އިންޑިއާ، ޕާކިސްތާން، އުތުރު ކޮރެއާ، އަދި އިސްރާއީލެވެ.
ދުނިޔޭގައި ޖުމްލަ 12,187 ވޯހެޑް ހުރިއިރު، މީގެ ތެރެއިން 4,012 ވޯހެޑް ވަނީ ތައްޔާރީ ޙާލަތުގައެވެ. އެންމެ ގިނައިން ހަތިޔާރު ތައްޔާރުކޮށްފައިވަނީ ރަޝިޔާ (1,796) އާއި އެމެރިކާ (1,770) ގައެވެ. ސިޕްރީން ބުނާގޮތުގައި ދުނިޔޭގެ ޤައުމުތަކުން މިހާރު ނިއުކްލިއާ ހަތިޔާރަށް ބަރޯސާވާ މިންވަރު ދަނީ އިތުރުވަމުންނެވެ.




