އެހެން މީހުންނަށް ގިފިލި ބެލެންޏާ ޕާކިސްތާނަށް ނުބެލެންވީ ކީއްވެ؟

ޤައުމީ ދިފާޢާއި އަމިއްލަ ސަރަޙައްދުގެ ސަލާމަތް ކަށަވަރު ކުރުމަކީ ކޮންމެ މިނިވަން ޤައުމަކަށްމެ ލިބިގެންވާ ޙައްޤެކެވެ. ސަރަޙައްދީ ބާރުތަކުން ޖައްވީ ވަސީލަތްތައް ބޭނުންކޮށްގެން ފާރަލަމުންދާއިރު، ޕާކިސްތާނުންވެސް އެޤައުމުގެ ދިފާޢީ ޤާބިލުކަން ވަރުގަދަކުރުމަށް ޖައްވީ ދާއިރާއިން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި (ޖެނުއަރީ 2025 އިން އޭޕްރީލް 2026 އަށް) ޕާކިސްތާނުން ވަނީ ބިމަށް ފާރަލާ 6 ޒަމާނީ ސެޓެލައިޓް ޖައްވަށް ފޮނުވާލާ، ޤައުމުގެ ރައްކާތެރިކަން އާ ހިސާބަކަށް އުފުލާލާފައެވެ.

ޖައްވީ ދާއިރާއިން ހޯދި ތާރީޚީ ކުރިއެރުން

1961 ގައި ޕާކިސްތާނުގެ ޖައްވީ އިދާރާ ސުޕްރާކޯ އުފެދުނު ފަހުން، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު އަދި ހަލުވި ޖައްވީ ކާމިޔާބީއެއް އެޤައުމުން ހޯދި ފުރަތަމަ ފަހަރެވެ. މިއީ ޕާކިސްތާނުގެ ސްޓްރެޓީޖިކް ވިސްނުން ތަރައްޤީވެ، ޒަމާނީ ދިފާޢީ ބާރަކަށް އެޤައުމު ބަދަލުވަމުންދާ ކަމުގެ ސާފު ހެއްކެކެވެ.

ޒަމާނީ ޓެކްނޮލޮޖީ އާއި ދިފާޢީ ބާރުވެރިކަން

  • ހައި-ރިޒޮލިއުޝަން އަދި އޭއައި: ޖައްވަށް ފޮނުވާލެވުނު ސެޓެލައިޓްތަކުގެ ތެރޭގައި އޮޕްޓިކަލް އިމޭޖިންގ އަދި ހައިޕަރސްޕެކްޓްރަލް ސެޓެލައިޓްތައް ހިމެނެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ބިމުގައި ފޮރުވާފައި ހުންނަ ތަކެއްޗާއި މެޓީރިއަލްތައް ދެނެގަތުމުގެ ފުރިހަމަ ޤާބިލުކަން ލިބިގެންވާ ވަސީލަތްތަކެކެވެ.

  • ސްޓްރެޓީޖިކް އޯބިޓް : 2026 އޭޕްރީލްގައި ފޮނުވާލި އެންމެ ފަހުގެ ސެޓެލައިޓް ފަރުމާކޮށްފައިވަނީ ސީދާ ދެކުނު އޭޝިއާ ޚާއްޞަކޮށް ބޯޑަރު ސަރަޙައްދުތައް ދުވާލަކު އެތައް ފަހަރަކު ބެލޭނެ ފަދަ ޚާއްޞަ މަގަކުންނެވެ. މީގެ ސަބަބުން އަސްކަރީ ޙަރަކާތްތަކާއި އިންފްރާސްޓްރަކްޗާ ތަރައްޤީވަމުންދާ ގޮތް ވަގުތުން ބަލައި، ކުއްލި ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމުގެ ފުރިހަމަ މަޢުލޫމާތު ޕާކިސްތާނަށް ލިބިގެންދެއެވެ.

ޕާކިސްތާނުގެ މި ހަލުވި ޖައްވީ ކުރިއެރުމުގެ ފަހަތުގައިވަނީ މިތުރު ޗައިނާގެ ފުރިހަމަ އެހީތެރިކަމާއި ޓެކްނޮލޮޖީ ބަދަލުކުރުމުގެ އެއްބަސްވުންތަކެވެ. ޗައިނާގެ ރޮކެޓްތަކުގައި މި ސެޓެލައިޓްތައް ލޯންޗުކުރުމުގެ އިތުރުން، ޗައިނާގެ އަމިއްލަ ސެޓެލައިޓް ވިއުގަތައް ކަމަށްވާ "ޔާއޯގަން" އަދި "ގައޯފެން" ސީރީޒްއާ ގުޅިލެވުމުން ޕާކިސްތާނުގެ އިންޓެލިޖެންސް ޤާބިލުކަން ވަނީ އިންތިހާއަށް ވަރުގަދަވެފައެވެ.

އިންޑިއާގެ ޖައްވީ އިދާރާ އިސްރގެ ކާމިޔާބީއާއެކު ޕާކިސްތާނުން ހޯދި މި ކުރިއެރުމަކީ ސަރަޙައްދީ ބާރުގެ ހަމަހަމަކަން ހިފެހެއްޓުމަށާއި، މަޢުލޫމާތުގެ ރޭހުން ކުރިހޯދުމަށް ޕާކިސްތާނުން އެޅި ވަރަށް ކާމިޔާބު ފިޔަވަޅެއް ކަމަށް އިސްލާމްއާބާދުން ބުނެއެވެ.

ހިއްސާ ކުރައްވާ!