ބައިސްކަލުގައި ދުނިޔެ ބަލާލި ދެބަފައިންގެ ތާރީޚީ ކާމިޔާބީ

ޖޯޖް ކޮލާ އަދި އޭނާގެ ދަރިފުޅު ޖޯޝް ކޮލާ، 2025 ވަނަ އަހަރުގެ މާރިޗު މަހު އިނގިރޭސިވިލާތުގެ ތާރީޚީ ރަށެއް ކަމަށްވާ ނޮރިޗްގައި ހުންނަ އެމީހުންގެ ގެއިން ބައިސްކަލުގައި ނުކުތީ ހަމައެކަނި ދުރު ދަތުރަކަށް ދާކަށް ނޫނެވެ. އެއަށްވުރެ މާ ބޮޑު މަޤްޞަދެއްގައެވެ. އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި، ހަތަރު ބައްރެއްގެ 18,000 އެއްހާ މޭލުގެ ރާސްތާއެއް ކަނޑައްތުކުރުމަށްފަހު، މި ދެބަފައިން އެނބުރި ޤައުމަށް އައީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދަމުންނެވެ.

ޖުމްލަ 400 ދުވަހަށް ދެމިގެންދިޔަ މި ބުރަ އަދި ނުރައްކާތެރި ދަތުރު ނިންމާލިއިރު، މި ދެބަފައިން ވަނީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ތާރީޚީ 3 ރެކޯޑެއް ކާމިޔާބުކޮށްފައެވެ.

ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮތް ވަރުގަދަ ގުޅުން ސާބިތުކޮށްދިން މި ދަތުރުން ހާސިލުކުރި ރެކޯޑުތަކަކީ:

  • ބައްފައަކާއި ދަރިއަކު ބައިސްކަލުގައި ދުނިޔެ ވަށައި ކުރި އެންމެ އަވަސް ދަތުރު.
  • ބައްޕައަކާއި ދަރިއަކު އެކުގައި ބައިސްކަލުގައި ކަނޑައްތުކުރި އެންމެ ދިގު ރާސްތާ.
  • މެދުކެނޑުމެއްނެތް ބައިސްކަލް ދަތުރެއްގައި އެންމެ ގިނަ ޤައުމަށް ޒިޔާރަތްކުރުން.

މި ދަތުރުގެ މަގުތައް ބައްޓަން ވެގެންދިޔައީ ދެކުނު އެމެރިކާގެ ފަރުބަދަތަކުން ފެށިގެން، އޮސްޓްރޭލިއާގެ ހަނަފަސް ބިންތަކަށެވެ. އަދި އޭޝިއާ އާއި ޔޫރަޕްގެ އެތައް ޤައުމެއް ހުރަސްކޮށް އެމީހުން ވަނީ ދަތުރުކޮށްފައެވެ.

މި ދަތުރަކީ ހަމައެކަނި އުފާވެރި މަންޒަރުތަކެއް ބަލާލުމުގެ ދަތުރެއް ނޫނެވެ. ދެބަފައިންނަށް ވަނީ ތިމާވެށީގެ ގޮތުންނާއި މޫސުމީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް، ނުރައްކާތެރި ސަހަރާތައް ހުރަސްކުރިއިރު އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ޖިސްމާނީ ގޮތުން ބޮޑެތި ތަކުލީފުތައް ތަހައްމަލު ކުރަންޖެހުނެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ބޯޑަރުތައް ހުރަސްކުރިއިރު ސަލާމަތީ ފާސްތަކާއި، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކުރިމަތިވި އިދާރީ ހުރަސްތަކާވެސް ކުރިމަތިލާންޖެހުނެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި ޖިސްމާނީ ވަރުބަލިކަމެއް ނޫން،" ޖޯޖް ކިޔައިދިނެވެ. "ނުރައްކާތެރި އަދި ބަދަލުވަމުންދާ ޙާލަތްތަކެއްގައި، 400 ދުވަސް ވަންދެން މެދުކެނޑުމެއްނެތް ގޮތެއްގައި ދެމީހުން އެކުގައި ވަގުތު ހޭދަކުރަން ޖެހުމުން ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި. ނަމަވެސް، ދެމީހުންގެ މެދުގައި އޮތް ޚިޔާލު އެއްގޮތް ކަމާއި ގުޅުންތަކަކީ މި ދަތުރު ކާމިޔާބުވުމުގެ އަސްލު." ބައްޕަ ޖޯޖް ކޮލާ ފާހަގަކުރި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ހޫނު މޫސުމެއް ނުވަތަ އިދާރީ ހުއްދަތަކެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުން ކުރިމަތިވި ފިއްތުންތަކެވެ.

ދަރިފުޅު ޖޯޝް ފާހަގަކުރި ގޮތުގައި، 18,000 މޭލުގެ މި ދަތުރުގެ އަގު ވަޒަންކުރެވެނީ ހާސިލުކުރި މެޑަލްތަކުންނެއް ނޫނެވެ. ނަމަވެސް ދަތުރުމަތީގައި ބޭއްވި އަގުނުކުރެވޭފަދަ ގުޅުންތަކުންނެވެ. ބަސްމަގާއި ސަގާފަތް ތަފާތު ނަމަވެސް، ދުނިޔޭގެ އެކަހެރި ހިސާބުތަކުން ފެނުނު އިންސާނިއްޔަތުކަން މާ ބޮޑެވެ.

"އެކަހެރި ސަރަޙައްދުތަކުގެ އާންމު މީހުންނާ ބައްދަލުވެ، ބަސް ނޭނގުނު ނަމަވެސް އެމީހުންނާއެކު ކާއެއްޗެހި ހިއްސާކޮށް ވާހަކަދެއްކުން ވެގެންދިޔައީ މުޅި ދަތުރުން ލިބުނު އެންމެ ބޮޑު އުފަލަށް،" ޖޯޝް ބުންޏެވެ.

ދަތުރުގެ ފަހު މަރުޙަލާގައި އެމީހުން އެނބުރި ރަށަށް އައިއިރު، އެ ސަރަޙައްދުގެ އެތައް ބައިސްކަލް ދުއްންތެރިންނެއް ވަނީ އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދަތުރުގެ ފަހު މޭލުތަކުގައި ބައިވެރިވެފައެވެ. އަދި އެނބުރި ގެއަށް އާދެވުމާއެކު އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު ކަރުނައާއި ހޫނު މަރުޙަބާއަކީ، އެއް އަހަރު ދުވަހުގެ އެކަހެރިކަމާއި، ބުރަ މަސައްކަތް އަދި ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮތް ވަރުގަދަ ލޯބި ރަމްޒުކޮށްދިން ފުރިހަމަ ނިންމުމެކެވެ.

ހިއްސާ ކުރައްވާ!