ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދިން އާ ވައިގެ ހަމަލާތަކެއްގައި މަދުވެގެން 13 މީހުން މަރުވެ، 14 މީހަކު ޒަޚަމްވެއްޖެ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ބުދަ ދުވަހު ހާމަކޮށްފިއެވެ. މިއީ ފާއިތުވި މަސްތަކުގައި އަވަށްޓެހި ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ފުޅާވެ، ހަނގުރާމައެއްގެ ސިފަ ޖެހެމުންދާ ކަމުގެ ނުރައްކާތެރި ސިގްނަލެކެވެ.
މި ހަމަލާތައް ދީފައިވަނީ ދެޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުގެ އެކި ޕްރޮވިންސްތަކަށެވެ. މި ހާދިސާއާ ގުޅިގެން ޕކިސްތާނުގެ ސަރުކާރުންނާއި ސިފައން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޠާލިބާން ސަރުކާރުގެ މައި ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާދީފައިވަނީ އަފްޣާނިސްތާނުގެ ޚޯސްޓް، ކުނަރު އަދި ޕަކްތީކާ ޕްރޮވިންސްގެ ސަރަޙައްދުތަކަށް ކަމަށެވެ.
"މި ރަހުމެއްނެތް ވައިގެ ހަމަލާތަކުގައި 11 ކުޑަކުދިންނާއި، އަންހެނަކާއި، އަދި އުމުރުން ދުވަސްވީ ފިރިހެނަކު ވަނީ ޝަހީދުވެފައި،" ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ކުށްވެރިކުރަމުން ވިދާޅުވިއެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ފާއިތުވި މަސްތަކުގައި އޮތީ ވަރަށް ނާޒުކު ފާލެއްގައެވެ. މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަލާތަކުގައި މިހާތަނަށް ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި ސިލްސިލާ ހަމަލާތައް ފެށުނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ސަރަޙައްދުތަކަކަށް ދިން ވައިގެ ހަމަލާތަކަކަށް ރައްދުދިނުމުގެ ގޮތުން، އަފްޣާނިސްތާނުން ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ބޯޑަރު ހުރަސްކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
ޕާކިސްތާނުން ތަކުރާރުކޮށް ތުހުމަތުކުރާ ގޮތުގައި، އެޤައުމުގެ އެކި ސިޓީތަކުގައި ޓެރަރިސްޓް ހަމަލާތައްދޭ "ތަޙްރީކޭ ޠާލިބާން ޕާކިސްތާން" ނުވަތަ ޕާކިސްތާނު ޠާލިބާނުންގެ ހަނގުރާމަވެރިން ތިބެނީ އަފްޣާނިސްތާނުގެ ހިމާޔަތް ހޯދައިގެންނެވެ. އެއީ އަފްޣާނިސްތާނުގެ ޠާލިބާނުންނާ ފިކުރީ ގޮތުން ގުޅުން އޮތް ނަމަވެސް، ވަކި ލީޑަރޝިޕެއްގެ ދަށުން ހިންގާ ޖަމާޢަތެކެވެ. ނަމަވެސް ކާބުލްގެ ސަރުކާރުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.
މި ފަހުގެ ވައިގެ ހަމަލާތައް މިދިނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި، 9 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއަކަށް ފަހުގައެވެ. އެ ހަމަލާއަށްފަހު ދެޤައުމުގެ މެދުގައި އަލުން ބޮޑު އަސްކަރީ ކުރިމަތިލުމެއް ފެށިދާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.
2021 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ ހިންގި އަސްކަރީ ކޯލިޝަން އަފްޣާނިސްތާނުން ކުއްލި ގޮތަކަށް ފޭބުމާއެކު، ޠާލިބާނުން އެޤައުމުގެ ވެރިކަމަށް އައި ފަހުން ބޯޑަރުގެ ރައްކާތެރިކަމާއި ހަމަޖެހުން ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.





