އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި އަދި އެކަހެރި ކޮށް ކަނޑުގެ ޙިޞާރަކީ "ކަނޑުގެ ހަނގުރާމަތަކުގެ ތާރީޚުގައި އެންމެ ކާމިޔާބު" ޙިޞާރު ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ޕްރޮޕެގެންޑާ ފަތުރަން ފައްޓަވައިފިއެވެ. މިއީ އެހެން ޤައުމެއްގެ އިޤްތިޞާދާއި ރައްޔިތުން ނިކަމެތިކޮށްލުމަށްފަހު، އެމެރިކާގެ އަސްކަރީ ބާރުވެރިކަން ދެއްކުމަށް ޓްރަމްޕް ކުރެއްވި ބުހުތާން ދޮގު ބޮޑު ބޮޑުވެގެންވާ ދަޢުވާއެކެވެ.
އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗަށް ދަތިވާނެހެން އެމެރިކާއިން ހިންގާ މި ޓެރަރިސްޓް އަމަލަކީ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަށް ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފޮނިކަނޑާފައި ވެއެވެ.
ޓްރަމްޕް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ސޮލީބީ އަސްކަރީ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ބާރުދެއްވައި ވާހަކަދައްކަވާފައިވެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ ހުއްދަނެތި އެއްވެސް އެއްޗަކަށް އީރާނުގެ ކަނޑުގެ ސަރަޙައްދުން ބޭރަށްވެސް އަދި އެތެރެއަށްވެސް ނުވަދެވޭނެއެވެ.
"އަހަރެމެން ބޭނުންވެގެން މެނުވީ، އެ ޙިޞާރުގެ ތެރެއިން އެއްވެސް އެއްޗަކަށް ދަތުރެއް ނުކުރެވޭނެ. އެއީ އެކަތައިގެ ފާރެއް!" ފޮނިކަނޑަމުން ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މި ބަސްމަގުން ހާމަވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބެލުމެއްނެތި، އެމެރިކާއިން ބޭނުން ގޮތަކަށް އެހެން ޤައުމުތަކުގެ ވިޔަފާރިއާއި ދިރިއުޅުމުގެ ވަޞީލަތްތައް ހިފަހައްޓަމުން ޓެރަރިސްޓް އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، އަމިއްލައަށް އެކަމަށް ފަޚުރުވެރިވާ މިންވަރެވެ.
އެމެރިކާގެ މި އަނިޔާވެރި ފިޔަވަޅުތަކުގެ ސަބައިން އީރާނުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކާމިޔާބީއެއްގެ ގޮތުގައި ދައްކަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނަށް މިހާރު އެއްވެސް ކަހަލަ މާލީ ނުވަތަ ވިޔަފާރީގެ މުޢާމަލާތެއް ނުކުރެވޭ ކަމަށެވެ. އަދި އެޤައުމުގެ ސިފައިންނަށް މުސާރަދިނުމާއި، ދައުލަތުގެ އެހެނިހެން ޚަރަދުތައް ބެލެހެއްޓުމަށްވެސް އީރާނު ނުކުޅެދިފައިވާ ކަމަށް އޭނާ ބުންޏެވެ.
ތްރަމްޕް އޮޅުވާލަމުން ފޮނި ކަނޑާއިރު އީރާން ސަރުކާރުގެ ތާއީދުގައި އެމެރިކާއާއި ޓްރަމްޕާ ދެކޮޅަށް ކޮންމެ ރެއަކު މީހުން މަގުތަކަށް ނިކުމެ އަޑު އުފުލަމުން ދެއެވެ. އެމެރިކާ އާއި ހުލަނގުގެ ސޮލީބީ މީޑިއާއަށް މިކަންކަމުގެ ކަވަރޭޖެއް ދޭކަށް ނުކެރެއެވެ.
ޓްރަމްޕްގެ މި ޕްރޮޕެގެންޑާ ނިންމާލާފައިވަނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަކީ ވަރަށް ހަލުވިކަމާއެކު "ފޭލްވެފައިވާ ދައުލަތަކަށް" ބަދަލުވަމުންދާ ޤައުމެއް ކަމަށް ބުނަމުންނެވެ. ނަމަވެސް، މީޑިއާ ރިޕޯޓުން ފެންނަ ގޮތުގައި މިއީ އީރާނުގެ މައްޗަށް އެމެރިކާގެ ނުފޫޒު ގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ދުނިޔޭގައި އަމިއްލަ ސިޔާސީ ކުރިއެރުން ހޯދުމަށް ޓްރަމްޕް ޢާންމުކުރެއްވި ބޮޑުވެގެންވާ ބުހުތާނު ދޮގު ވާހަކަތަކެކެވެ.




