އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، އީރާނުގެ އާންމު ރައްޔިތުންނާ ގުޅިފައިވާ އަސާސީ ވަޞީލަތްތަކަށް ހަމަލާދީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގުމުގެ ނުރައްކާތެރި ބިރުތަކެއް ދައްކަވަން ފައްޓަވައިފިއެވެ. އަމާންކަމުގެ މަގު ދޫކޮށް، ގޮތްހުސްވެފައިވާ ހަރުކަށި ސިޔާސަތެއްގެ ދަށުން ޓްރަމްޕް މިހާރު ތައްޔާރުވަމުންދަނީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށާއި ބްރިޖްތަކަށް ބޮންއަޅައި މުޅި ސަރަޙައްދު ބޮޑު ސުންނާފަތީ ކޮިށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ. ޓްރަމްޕް ބޭނުންވި ފޮޓޯއާއި ބޭނުންވި ކާމިޔާބީ ހާސިލު ނުވި ކަން ސައްތައިންސައްތަ މިހާރު ޔަގީން ވެއްޖެއެވެ.
އެމެރިކާގެ "ފޮކްސް ނިއުސް" ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ފާލަންތަކަށް އަމާޒުކޮށް ވައިގެމަގުން އާ ހަމަލާތަކެއް ދިނުމުގެ އަމުރު ނެރުއްވުމާ ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ، އާންމުންގެ ޢިމާރާތްތަކަށް ހަމަލާދިނުމުގެ މި ސިޔާސަތު ދިފާޢުކުރައްވަމުން ޓްރަމްޕް ދެއްކެވި ބަހަނާއަކީ، އެމެރިކާއިން ބޭނުންވާ ގޮތަށް އެއްބަސްވުމެއް އެކުލަވާލުމަށް ތެހެރާނުން މާބޮޑަށް ލަސްކުރަމުންދާ ކަމަށް ބުނާ ވާހަކައެވެ.
މި ނުރައްކާތެރި ބިރުދެއްކުންތައް ކުރިމަތިވެފައި މިވަނީ އޮމާން ކަނޑުން ބޭރުން އެމެރިކާގެ އަސްކަރީ "އަޕާޗޭ" ހެލިކޮޕްޓަރެއް ވެއްޓުމުންނެވެ. ބެލެވޭ ގޮތުގައި މި ބޮޓު ވެއްޓުނީ ފަންނީ މައްސަލައެއްގައި އެމެރިކާގެ ޓެކްނޮލޮޖީގެ ދޭސީ ކަމުންނެވެ. މިކަން ފޮރުވުމަށް އެމެރިކާއިން ވަނީ އީރާނަށް ބޮންއަޅައި އީރާން ކުށްވެރިކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އަނެއްކާވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޓްރަމްޕް، އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ "ޓްރޫތް ސޯޝަލް" ގައި ލިޔުއްވާފައިވަނީ، އީރާނުން އެއްބަސްވުމަކަށް އަންނަން މާ ގިނަ ދުވަސް ނަގައިފި ކަމަށާއި، ދެން އެޤައުމުން އޭގެ ހަރުކަށި "އަގު ދައްކަންޖެހޭނެ" ކަމަށެވެ.
ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ބަސްމަގުން ދޭހަވަނީ އެމެރިކާގެ އަސްކަރީ ނުފޫޒު ދެއްކުމަށްޓަކައި ކޮންމެ ފަދަ ލޭއޮހޮރުވުމެއް ހިންގަންވެސް އޭނާ ފަސްނުޖެހޭނެ ކަމެވެ.
އީރާނުގެ ކަނޑުގެ އަދި ވައިގެ ސިފައިންގެ ބޮޑު ބައެއް މިހާރު ނައްތާލެވިފައިވާ ކަމަށާއި އެމީހުން މުޅިން ބަލިވެއްޖެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ހަޤީޤަތާ ޚިލާފު ބޮޑެތި ބުހުތާން ދަޢުވާތަކެއް ކުރައްވާފައެވެ.
އަދި އީރާނަކީ ހަމައެކަނި ވާހަކަދައްކާ ބައެއް ކަމަށް ސިފަކޮށް "މެދުއިރުމަތީގެ ބިރުދައްކާ މީހާގެ ދުވަސް ހިނގައްޖެ" ކަމަށް ބުނެ، ފޮނިކަނޑަމުން ޓްރަމްޕް ދަނީ އެމެރިކާއިން ހިންގާ ޓެރަރިސްޓް އަމަލުތަކާއި ޖަރީމާތައް ފޮރުވައި، ދުނިޔޭގެ ކުރިމަތީގައި އަމިއްލަ ބާރު ދެއްކުމަށް ބޮޑެތި ޕްރޮޕެގެންޑާތައް ފަތުރަމުންނެވެ.






