ކުޑަ ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި ބިލް ގޭޓްސްއާ އެމެރިކާގެ ކޮންގްރެސްއިން ސުވާލުކުރަނީ

މައިކްރޯސޮފްޓްގެ ބާނީ އަދި ބިލިއަނަރު ބިލް ގޭޓްސް، ޖިންސީ ކުށްތަކުގެ ރެކޯޑް އޮންނަ ދައްލާލް ޖެފްރީ އެޕްސްޓީންއާއެކު ބޭއްވި ގުޅުންތަކާ ބެހޭގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ބުދަ ދުވަހު ސުވާލުތަކަށް ޖަވާބުދެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ އެޕްސްޓީންގެ ނުފޫޒުގަދަ އަދި މުއްސަނދި ބައިވެރިންގެ ނެޓްވޯކާ ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުޑަ ކުދިންނާ މެހުމާ އަދި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ކުރިއަށްދާ މަސައްކަތެކެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެކަކު އަދި ކަން ދެއްކުމަށް ޚައިރާތުކުރުމުގައި ފާހަގަކޮށްލެވޭ ގޭޓްސް ހާޒިރުވާން ހަމަޖެހިފައިވަނީ ހައުސް އޯވަރސައިޓް ކޮމިޓީގެ ކުރިމައްޗަށެވެ. މިއީ ކުޑަކުދިން ޖިންސީ ވިޔަފާރީގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ފެށެންދެން ނިއުޔޯކްގެ ޖަލެއްގައި ހުއްޓާ 2019 ވަނަ އަހަރު މަރުވި އެޕްސްޓީންއާ ބެހޭގޮތުން ކުރިއަށްދާ ތަޙުޤީޤެކެވެ.

އއެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޢާންމުކުރި ލިޔެކިޔުންތަކެއްގެ ސަބަބުން، ގޭޓްސްއާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުންތަކާ މެދު އާ ސުވާލުތަކެއް އުފެދުމުން ކޮމިޓީން ވަނީ ގޭޓްސް ހާޒިރުވުމަށް އެދިފައެވެ. މި ކޮމިޓީގެ ކުރިމައްޗަށް މީގެ ކުރިންވެސް ނުފޫޒުގަދަ ބައެއް ބޭފުޅުން ހާޒިރުވެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބިލް އަދި ހިލަރީ ކްލިންޓަންގެ އިތުރުން ކޮމާސް ސެކްރެޓަރީ ހޮވާޑް ލުޓްނިކް ހިމެނެއެވެ.

ގޭޓްސްގެ ތަރުޖަމާނަކު ވިދާޅުވީ، ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވުމުގެ ފުރުޞަތަށް ބިލިއަނަރު މަރުޙަބާ ކިޔާ ކަމަށެވެ. އަދި އެޕްސްޓީން ހިންގި އެއްވެސް ޣައިރުޤާނޫނީ ޢަމަލެއް ގޭޓްސްއަށް ފެނިފައިނުވާ ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ!

ނަމަވެސް، އެޕްސްޓީންގެ ފައިލްތަކުގެ ތެރޭގައި ހިމެނޭ 2013 ވަނަ އަހަރުގެ އީމެއިލް ޑްރާފްޓެއްގައި ވާގޮތުން، ގޭޓްސްގެ ކައިވެނިން ބޭރުގެ ސިއްރު ގުޅުންތަކުގެ މައްސަލަ ހަމަޖެއްސުމާއި އަންހެނުން ހޯދައި ދިނުމުގައި އެޕްސްޓީން އެހީތެރިވެދީފައިވާ ކަމަށް ދޭހަވެއެވެ. އޭގެ ތެރޭގައި ގޭތްސް ކިހުނު ބައްޔަށް ބޭނުންވާ އެންޓިބަޔޮޓިކްސް އަށް އެޕްސްޓީން ގާތު އެދުނު ކަންވެސް ހިމެނެއެވެ.

ގޭޓްސްގެ ކުރީގެ އަނބިކަނބަލުން މެލިންޑާ ފްރެންޗް ގޭޓްސް 2013 ވަނަ އަހަރު އެޕްސްޓީންއާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ބިލް ގޭޓްސް ވަނީ އޭގެ ފަހުންވެސް މަދުވެގެން 1 އަހަރު ވަންދެން އެ ގުޅުން ކުރިއަށް ގެންގޮސްފައެވެ. މެލިންޑާ، ގޭޓްސްއާ 2021 ވަނަ އަހަރު ވަރިވުމަށްފަހު ވިދާޅުވެފައިވަނީ، އުމުރު ހަމަނުވބާ އަންހެން ކުދިން ހޯދައިދިން ދައްލާލު އެޕްސްޓީންގެ ގުޅުމާ ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދޭންޖެހޭނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށެވެ.

ހިއްސާ ކުރައްވާ!