އިސްލާމްއާބާދު-މުރީ އެކްސްޕްރެސްވޭގެ ޚަޖޫތު ކައިރިއަށް ބުދަ ދުވަހު ފަތުރުވެރިން ދަތުރުކުރި ވޭނެއް ވެއްޓި، އޭގައި އަލިފާން ރޯވުމުގެ ޙާދިސާގައި މަދުވެގެން 10 މީހުން މަރުވެ، 13 މީހުންނަށް އަނިޔާވެއްޖެ ކަމަށް މޮޓޯވޭ ފުލުހުން ހާމަކޮށްފިއެވެ. މުރީގެ ޑެޕިއުޓީ ކޮމިޝަނަރު އާޣާ ޒަހީރު ޢައްބާސް ޝީރާޒީ ވިދާޅުވި ގޮތުގައި، އެއް ޢާއިލާއަކަށް ނިސްބަތްވާ 23 މީހުންނާއެކު ދަތުރުކުރި މި ވޭން އެކްސިޑެންޓްވީ ބާރު ދުވެލީގައި ދަނިކޮށް މަގުގެ އަރިމަތީ ފާރުގައި ޖެހިގެންނެވެ. ފާރުގައި ޖެހުމާއެކު ވޭނުގެ އިންޖީނުގެ ބައިގައި އަލިފާން ރޯވިއިރު، ވޭނުގެ ކައިރިދޮރު ތާށިވުމުގެ ސަބަބުން އޭގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވި ތާށިވީއެވެ.
މޮޓޯވޭ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ވޭން ފުރޮޅާލައިގެން އަޑިގަނޑަކަށް ވެއްޓުނީ ޚަޖޫތު ކައިރިން ނާޒުކު ކަނޑެއް ނަގަން އުޅުމުގެ ތެރޭގައެވެ. އަދި ވޭން ފުރޮޅާލީ ބޭރަށް ނުކުންނަން އިންނަ ދޮރު އޮތް ފަރާތަށް ކަމަށްވުމުން، އަލިފާނުގެ ޙާދިސާއިން ސަލާމަތްވުމަށް ދޮރު ހުޅުވުން ފަސިންޖަރުންނަށް މުޅިން ނާކާމިޔާބުވިއެވެ. މި ޙާދިސާގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.
ރެސްކިއު އިދާރާތަކުން ބުނި ގޮތުގައި ވޭނުން ދަތުރުކުރި 23 ފަސިންޖަރުންނަކީ މުލްތާނަށް ނިސްބަތްވާ ބައެކެވެ. އަދި އެމީހުން މުރީއަށް ދިއުމަށް ފުރާފައިވަނީ ދަމުންދިޔަ ރޭ ދަމުން 2 ޖެހިއިރުއެވެ. މި ޙާދިސާ ހިނގި ސަރަޙައްދުގައި ރެސްކިއު 1122 ޓީމުތަކާއި، މޮޓޯވޭ ފުލުހުންގެ އިތުރުން ފޮރެސްޓް ޑިޕާޓްމަންޓުގެ މުވައްޒަފުން ގުޅިގެން ދަނީ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މަރުވި މީހުންގެ ހަށިތަކާއި އަނިޔާވި މީހުން މިހާރު ވަނީ ކައިރި ހޮސްޕިޓަލްތަކަށާއި، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނު އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއަށް ބަދަލުކޮށްފައެވެ. ޕީއައިއެމްއެސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަށް އަނިޔާވެފައިވާ 10 ފަސިންޖަރަކު ގެނެވުނުއިރު، އޭގެ ތެރެއިން 2 މީހެއްގެ ޙާލު ވަރަށް ސީރިއަސްއެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބާއި ޙާދިސާގެ ތަފްޞީލްތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ.





