އީރާނުގެ މަޞްލަޙަތު އޮތީ ހަނގުރާމަ ކުރުމުގައި ނޫން ކަމަށާއި، ނަމަވެސް ބިރުދެއްކުންތަކުގެ ކުރިމަތީގައި އެޤައުމު ކުޑަކަކޫޖަހަން މަޖުބޫރު ނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ބޭރުގެ އުދުވާންތަކުގެ ކުރިމަތީގައި އީރާން ބޯލަނބާނެ ކަމަށް ދެކޭ ދެކުމަކީ ދުޝްމަނުން ދެކޭ ބާޠިލް ހުވަފެނެއް ކަމަށެވެ.
ތެހެރާންގައި ބޭއްވި އިމާމް އާޔަތުﷲ ޚުމައިނީގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ، ދިގުދެމިގެންދާ ހަނގުރާމައަކީ އީރާނަށް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ޤައުމަށް ޙަމަލާއެއް އަތުވެއްޖެނަމަ އީރާނުން ދުވަހަކުވެސް ހަތިޔާރު ނުބަހައްޓާނެ ކަމަށާއި، މިނިވަންކަމާއި ޤައުމީ ޝަރަފާ މެދު އެއްވެސް ޑީލެއް ހެދުމެއް ނޯންނާނެ ކަމަށް ބާރުލާފައި ވިދާޅުވިއެވެ.
މިހާރު މިއޮތް ފުރިހަމަ ހަނގުރާމައެއް ނެތް، އަދި ދާއިމީ ސުލްޙައެއްވެސް ނެތް ނުތަނަވަސް ޙާލަތުން ޤައުމު ނެރެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމީ ސިޔާދަތު ދަމަހައްޓަމުން، ޚާރިޖީ ދާއިރާގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ދަނީ ސާބިތުކަމާއެކު މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ދުޝްމަނުން އިސްކުރަނީ އުދުވާނީ މަގެއް ނަމަ، އީރާނުން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެއެވެ. އަދި ޤައުމުގެ އެތެރޭގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަން ހިފަހައްޓަންޖެހޭ ކަމަށާއި، ދުޝްމަނުންގެ އުންމީދަކީ ބައިބައިވުން އުފައްދައިގެން އެމީހުންގެ މަޤްޞަދުތައް ޙާޞިލްކުރުން ކަމަށް ފހަގކުރެއްވިއެވެ.
މީގެއިތުރުން، އީރާނާ ދެކޮޅަށް ސަރަޙައްދުގެ ޢަރަބި ޤައުމުތައް އެއްގަލަކަށް އެރުވުމަށް ދުޝްމަނުން ރޭވި ރޭވުން ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ނާކާމިޔާބުވީ އީރާނުގެ ލީޑަރޝިޕްގެ ހިކުމަތްތެރި ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ޕެޒެޝްކިއަން ފާހަގަކުރެއްވިއެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކާއި ބޮން އެޅުމުގެ ޒަރީޢާއިން އެއްވެސް ޤައުމެއް ބޯލަނބަން މަޖުބޫރު ނުކުރެވޭނެ ކަމަށް ވިދާޅުވަމުން، ޣައްޒާގެ މިސާލު ދެއްކެވިއެވެ.
"3 އަހަރު ވެގެންދިޔައިރުވެސް އެމީހުންނަށް ޣައްޒާ ބޯލަނބަން މަޖުބޫރު ނުކުރެވުނު. އެހެންވީމާ، އީރާނަށް ބިރުދައްކައިގެން އަމާންދޭން މަޖުބޫރު ކުރެވޭނެ ކަމަށް އެމީހުން އުންމީދު ކުރަނީ ކިހިނެއް؟ އީރާނަކީ ދުވަހަކުވެސް ކުރުނީސް ކުރާނެ ޤައުމެއް ނޫން،" ޕެޒެޝްކިއަން ވިދާޅުވިއެވެ.
އީރާނުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރަށް މަޝްވަރާތައް ކުރިއަށް ގެންގޮސް މި މައްސަލަ ޙައްލުކުރުމަށް ޝަހީދު ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނައީ ވަނީ ސާފު ހުއްދައަކާއި އިރުޝާދު ދެއްވާފައެވެ.




