އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އެމެރިކާގެ ފަހުގެ ހަމަލާތަކަށް ރައްދުދެއްވައި، ފާރިސީ ކަނޑުއޮޅިއާއި ހުރްމުޒް ކަނޑުއޮޅި ހިމެނޭ ޗާޓެއް އާންމުކުރައްވައިފިއެވެ. މިއީ އެމެރިކާގެ ނުފޫޒާއި ބިރުދެއްކުންތަކުގެ ކުރިމަތީގައި ތެހެރާނުން ކުރިއަށްގެންދާ ނަފްސާނީ ހަނގުރާމައިގެ ވަރުގަދަ ހަމަލާއެކެވެ.
މީސްމީޑިއާގައި ޢަރާޤްޗީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުންވެސް އެމެރިކާއިން އިޚްތިޔާރުކުރީ އީރާނުގެ އަޒުމް އިމްތިޙާންކުރުން ކަމަށެވެ. އަދި އީރާނުގެ ވަރުގަދަ ސިފައިން އެޤައުމަށްދޭ އެއްވެސް ހަމަލާއެއް ނުވަތަ އިންޒާރެއް ރައްދެއް ނުދީ ދޫނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލާމަތްވާން އެދޭނަމަ މި ސަރަޙައްދު ދޫކޮށް ދިއުމަށް އެމެރިކާއަށް ގޮވާލައްވަމުން، ފާރިސީ ކަނޑުއޮޅީގެ ތާރީޚަކީ ބޭރުގެ އިސްތިޢުމާރީ ބާރުތަކަށް ދިމާވި ހިތްދަތި ނިމުންތަކުން ފުރިގެންވާ ތާރީޚެއްކަން ޢަރާޤްޗީ ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން ކުރެއްވި އެހެން ޕޯސްޓެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ ސަރަޙައްދާ ކައިރީގައި ތިބި ބޭރުގެ ސިފައިންނަށް އަމިއްލައަށް ހެދޭ ގޯސްތަކުގެ ސަބަބުންނާއި ހާދިސާތަކުގެ ސަބަބުން އަބަދުވެސް ނުރައްކާ އެބައޮތް ކަމަށެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ ސިފައިން މި ސަރަޙައްދުން ފޭބުން ކަމަށާއި، އީރާނުން ޑިޕްލޮމަސީގެ ބަހަށް އިސްކަންދިން ނަމަވެސް އެހެން ބަސްބަހުން ވާހަކަދައްކަންވެސް ވަރަށް ފަރިތަވާނެ ކަމަށް ވިދާޅުވެ އެމެރިކާއަށް ވަރުގަދަ ރައްދެއް ދެއްވިއެވެ.
މި ބަހުގެ ހަމަލާތައް އައިސްފައިވަނީ، އެމެރިކާ އިން އުފައްދާފައިވާ ދޭސީ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުމާ ގުޅިެގްނ އެކަން މަތި ޖެހުމަށް އީރާންގެ ބޮލުގައި އަޅުވައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތަކަށާއި ރާޑަރުތަކަށް ހަމަލާދިނުމުންނެވެ. އެމެރިކާގެ ސިފައިން ބުނާގޮތުގައި މިއީ އެމީހުންގެ ސިފައިންގެ ސަލާމަތަށްޓަކައި ދިން ރައްދެކެވެ.
ނަމަވެސް، އެމެރިކާގެ މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ އިންޤިލާބީ ސިފައިން ވަނީ ބަޙްރައިންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއްދީފައެވެ. ޖޯޑަންގައި އެމެރިކާގެ މަރުކަޒުތަކަށް ހަމަލަ ދީފައެެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނިގޮތުގައި، އިންޤިލާބީ ސިފައިންގެ ކަނޑުގެ ސިފައިން ވަނީ ދެނަމާދު ދޭތެރޭގެ ވަގުތެއްގައި ޑްރޯން ބޭނުންކޮށްގެން އެމެރިކާގެ ފަސްވަނަ ފްލީޓަށް ހަމަލާދީފައެވެ. އެމެރިކާގެ ސިފައިން އީރާނުގެ ޖާސްކް، ސީރީކް އަދި ޤަޝްމް ސަރަޙައްދަށް ހަމަލާދިން ނަމަވެސް، އެ ހަމަލާތަކުގައި ހަލާކުވީ ހަމައެކަނި މުވާޞަލާތީ އެންޓަނާއަކާއި ފެން ރައްކާކުރާ ދެ ތާނގީ ކަމަށް ބުނެ އީރާނުން ވަނީ އެމެރިކާގެ ހަމަލާތަކުގެ ނާކާމިޔާބުކަން ހާމަކޮށްފައެވެ.




