އެމެރިކާ އަތުން ފައިން ގޯސްހަދަން ފަށައިފި: އިންޑިއާ ރުޅި ގަދަވެއްޖެ

އޮމާން ކައިރިން ދަތުރުކުރި ތެޔޮ ބޯޓަކަށް އެމެރިކާ ސިފައިން ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، އިންޑިއާއިން ވަނީ އެމެރިކާ ދެކެ ރުޅިއައިސްގެން ނިއުދިއްލީގައި ހުންނަވާ އެމެރިކާގެ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް ވަރުގަދަ އިހުތިޖާޖެއް ރައްދުކޮށްފައެވެ. ސެއްޓެބެލޯ ނަމަކަށް ކިޔާ މި ތެޔޮ ބޯޓުގައި އިންޑިއާގެ 24 ފަޅުވެރިން ތިބިއިރު، އެމެރިކާގެ މި ޒިންމާދާރުކަން ކުޑަ އަމަލުގެ ސަބަބުން އިންޑިއާގެ 3 ރައްޔިތަކު މިހާރުވެސް ވަނީ ކަނޑުވެ، ގެއްލިފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، އޮމާންގެ އައްސޭރިފަށުން ދަތުރުކުރި ބޯޓަށް ދިން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ވުޒާރާއިން ބުނިގޮތުގައި، ބޯޓުގައި ތިބި އިންޑިއާގެ ފަޅުވެރިންގެ ތެރެއިން 21 މީހަކު މިހާތަނަށް ސަލާމަތްކުރެވިފައި ވީނަމަވެސް، ބާކީ ތިބި 3 މީހުން ހޯދުމުގެ މަސައްކަތް އޮމާންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. އިންޑިއާއިން ވަނީ މެދުއިރުމަތީގައި އެމެރިކާއިން އުފައްދަމުންދާ ހައިޖާނާއި ނުތަނަވަސްކަމުގެ ތެރޭގައި، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ އިޢުތިރާފު

މި ހަމަލާއަށްފަހު އެމެރިކާގެ ސެންޓްކޮމްއިން ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ހިންގަމުންދާ ކަނޑުގެ ޙިޞާރުގެ ދަށުން، އެ ބޯޓަށް ހަމަލާދިންކަމަށް އެއްބަސްވެފައެވެ. އެމެރިކާ ސިފައިން ބުނާގޮތުގައި، ޕަލާއުގެ ދިދަ ޖަހާފައިވާ އެ ބޯޓު ހުއްޓުމަށް އެމީހުން އެންގި އެންގުންތަކަށް ބޯލަނބައި ނުލުމުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ވަނީ ބޯޓުގެ އިންޖީނުގެއަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފައެވެ.

މި ހަމަލާގެ ސަބަބުން ބޯޓުގެ އިންޖީނުގެއާ ދިމާލުގައި އަލިފާން ރޯވި ކަމަށާއި، މިއީ އީރާނުގެ ބަނދަރުތަކަށް ވަންނަ ބޯޓުތައް ހުއްޓުވުމަށް އެމެރިކާއިން ކުރިއަށްގެންދާ ހަރުކަށި އަމަލުތަކުގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށް ކަނޑުގެ ސަލާމަތީ އިދާރާތަކުން ބުނެއެވެ.

ހުރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއިން ހިންގަމުންދާ މިފަދަ ހަރުކަށި އަމަލުތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

އިންޑިއާއިން ވަނީ އާންމު މުދާ އުފުލާ ބޯޓުތަކަށް ހަމަލާދިނުން ހުއްޓާލައި، މަސްލަހަތު ފިނިކުރުމަށާއި، ސިޔާސީ މަގުން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެމެރިކާއަށް ގޮވާލާފައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ މި ޙިޞާރުގެ ތެރެއިން މިހާތަނަށް ގިނަ ބޯޓުތަކަކަށް ވަނީ ހަމަލާދީ، ހިފަހައްޓާފައެވެ.

ހިއްސާ ކުރައްވާ!