ޕާކިސްތާންގެ ދަށުގައިވާ ކަޝްމީރުގައި މުޒާހަރާތަކުގައި ދޮޅު ލައްކަ މީހުން

ޕާކިސްތާނުގެ ބާރުވެރިކަމާ ދެކޮޅަށް، ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގެ ރައްޔިތުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށާފައެވެ. އެޤައުމުގެ ސިފައިންނާއި ފުލުހުން ނިކުމެ އާންމުންގެ 11 މީހަކު މަރާލުމާ ގުޅިގެން، ކަޝްމީރުގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެ، 150،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުމެފައެވެ. މި ހަރަކާތްތައް ހުއްޓުވުމަށް ޕާކިސްތާނުގެ އިދާރާތަކުން ދަނީ މުޒާހަރާގެ ލީޑަރުންގެ މައްޗަށް ބަޣާވާތުގެ ދަޢުވާ އުފުލައި، އެމީހުން ހައްޔަރުކުރުމަށް ބޮޑެތި އިނާމުތައް ހުށަހަޅަމުންނެވެ.

މި މުޒާހަރާތައް އިސްވެ ހިންގަނީ މަދަނީ ޖަމާޢަތްތަކުގެ އިއްތިޙާދެއް ކަމަށްވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީންނެވެ. ޕާކިސްތާނުގެ ސަރުކާރުން މިދިޔަ ހަފުތާގައި މި ޖަމާޢަތް މަނާކުރި ނަމަވެސް، އިސްލާމްއާބާދުގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރާ މަސައްކަތްތަކެއް ހުއްޓުވައެއް ނުލެވުނެވެ. މިދިޔަ ޖޫން 8 ވަނަ ދުވަހު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އާންމުންގެ ގަޔަށް ބަޑިޖެހުމުން، މުޅި ސަރަޙައްދުގައި ވަނީ ރުޅިވެރިކަން އިތުރުވެފައެވެ.

ކަޝްމީރުގެ ރައްޔިތުން ޕާކިސްތާނުގެ ވެރިކަމާ ދެކޮޅަށް ތެދުވީ، ކަރަންޓާއި ގޮދަނުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން ޖޫން 5 ވަނަ ދުވަހުއެވެ. އާންމުންގެ ހައްޤުތައް ހޯދުމަށް ކުރި މުޒާހަރާތަކަށް ޕާކިސްތާނުގެ ސިފައިން ހަރުކަށި ބާރުގެ ބޭނުންކުރުމުން، މިއީ ސަރަޙައްދީ ބޮޑު ކުރިމަތިލުމަކަށް ބަދަލުވިއެވެ. އިދާރާތަކުން މިހާރު ވަނީ މުޒާހަރާގެ ހަތަރު ލީޑަރަކު ހޯދުމަށް 1 މިލިއަން ރުޕީސްގެ އިނާމެއް ވެސް އިއުލާނުކޮށްފައެވެ.

މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާގޮތުގައި، ރާވަލާކޮޓް، ބާޣް، ހައްޠިއަން ބާލާ، ކޮޓްލީ، މިރްޕޫރް، ސުދްނޮތީ، ދިރްކޮޓް، ދާދްޔާލް އަދި މުޒައްފަރްއާބާދުގައި ބޮޑެތި އެއްވުންތައް ދަނީ ކުރިއަށްދިއުމުގައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބެނާތަކާއި އެކު މަގުތަކަށް ނިކުމެ، އެމީހުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަމަށް ގޮވާލައި ޕާކިސްތާނުގެ ވެރިންނާ ދެކޮޅަށް އަޑުއުފުލަމުންދެއެވެ.

ހިއްސާ ކުރައްވާ!