އެމްނެސްޓީ އިންޓަނޭޝަނަލުން ޒަޔަނިސްޓު ރެޖީމާ ދެކޮޅަށް ހަރުކަށި އިބާރާތުން ބޮޑެތި ތަހުގީގުތަކެއް އާންމުކޮށް، އެ ރެޖީމުން ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ބޮޑު ހަރަކާތެއް ހިންގަމުންދާ ކަމަށް ތަހުމަތުކޮށްފިއެވެ.
އެމެރިކާގެ ފުރިހަމަ ވާގިވެރިކަމާއެކު ހިންގާ މި ލާއިންސާނީ ޖަރީމާތަކުގެ އަސްލު ބޭނުމަކީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުން އަވަސްކުރުން ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
އެމްނެސްޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، 1967 ވަނަ އަހަރުން ފެށިގެން ޒަޔަނިސްޓު ރެޖީމުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބަދަވީންނާއި ދަނޑުވެރިކަން ކުރާ ފަލަސްޠީނުގެ އާއިލާތަކަށް އަމާޒުކޮށް ޖެނޮސައިޑް ދައުލަތުން އިސްވެ، ނަސްލު ނައްތާލުމުގެ ރޭވުންތެރި ހަމަލާތަކެއް ދެމުންދާ ކަމަށް ވަނީ ބުނެފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް އެ ރެޖީމްގެ ދަށަށް ވެއްދުމަށް ހިންގާ ނުރައްކާތެރި އަމަލެކެވެ.






