ސިއްހީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމަށް ރާއްޖޭގެ ސިއްހީ ވަޒީރު ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފި

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ ހިދުމަތްތަކާ ބެހޭ ވަޒީރު ގީލާ ޢަލީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްހުއާއާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ސިއްހީ ދާއިރާއާއި އިޖުތިމާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގެ ސިއްހީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމަށް ޗައިނާއިން ދޭ އެހީތެރިކަން މެދުކަނޑާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ސަފީރު، ވަޒީރަށް އެރުވިއެވެ. ސަފީރު ވިދާޅުވި ގޮތުގައި ވިލިމާލޭގައި މިހާރު އިމާރާތްކުރަމުންދާ ޗައިނާ-ރާއްޖޭގެ އެކުވެރިކަމުގެ ހޮސްޕިޓަލްގެ މަސައްކަތާއި، މިހާރު ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި، މަސައްކަތުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ފުޅާދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

ވަޒީރު ގީލާ ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ޗައިނާއިން މިހާތަނަށް ކޮށްދީފައިވާ އެހީތެރިކަމުގެ މަސައްކަތްތަކަށްޓަކައި ވަޒީރު ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

ހިއްސާ ކުރައްވާ!