އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސައިންސާއި ސިއްހީ ހޯދުންތަކަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް ހިމެނޭ ލިޔުމެއް ބެހި، ހަކުރު ބަލީގެ ބައިނަލްއަގުވާމީ މަޝްހޫރު އިލްމީ ތަޖުރިބާކާރުންތަކެއް ނިއު އޯލިއަންސްގައި ކުރިއަށްދިޔަ ކޮންފަރެންސަކުން ފުލުހުން ލައްވައި ބޭރުކޮށްލައިފިއެވެ. މިއީ އެމެރިކާގެ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމަށާއި، ޓްރަމްޕްގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ފޮރުވުމަށް ހިންގި ހުތުރު އަމަލެކެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަންގެ ބައްދަލުވުމެއްގެ ތެރެއިން، އެމެރިކާގެ ގައުމީ ސިއްހީ އިދާރާގެ ވެރިޔާ ޑރ. ޖޭ ބަޓަޗާރިޔާ ވާހަކަދައްކަވަން އޮތް ވަގުތާ ދިމާކޮށެވެ. ނަމަވެސް، މި ހަމަނުޖެހުންތަކާ ގުޅިގެން އޭނާގެ ބަދަލުގައި އެހެން އޮފިޝަލަކު ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސުން ބޭރުކޮށްލެވުނު އިލްމީ މާހިރުންގެ ތެރޭގައި، ހަކުރު ބައްޔާ ބެހޭ އެންމެ ނުފޫޒުގަދަ މަޖައްލާ ކަމަށްވާ "ޑައިބެޓީސް ކެއަރ" ގެ އިސް އެޑިޓަރު އަދި ވޮޝިންޓަން ޔުނިވަރސިޓީގެ މެޑިސިން ޕްރޮފެސަރ ޑރ. ސްޓީވަން ކާން ހިމެނެއެވެ. އޭނާގެ އިތުރުން މިނެސޯޓާ ޔުނިވަރސިޓީގެ ޕްރޮފެސަރ އެރޮން ކެލީއާއި ނޯތުވެސްޓަން ޔުނިވަރސިޓީގެ ޖަސްޓިން ރައިޑަރ ފަދަ އިލްމީ މާހިރުން ވަނީ ބޭރުކޮށްލާފައެވެ.
މި ބޭފުޅުން ބެހި ލިޔުމަކީ، ޓްރަމްޕްގެ ސަރުކާރުން ސިއްހީ ދިރާސާތަކަށްދޭ ބަޖެޓު ކަނޑާލުމުގެ ސަބަބުން ހަކުރު ބަލީގެ ފަރުވާތަކަށް ކުރިމަތިވަމުންދާ ދަތިކަމާ ބެހޭ އެޑިޓޯރިއަލްއެކެވެ. ސަލާމަތީ ބާރުތަކުންނާއި ފުލުހުން ވަނީ މި ބޭފުޅުންގެ ކާޑުތައް އަތުލައި، އަލުން އެ ތަނަށް ވަދެއްޖެނަމަ ހައްޔަރުކުރާނެ ކަމުގެ ބިރުދައްކާފައެވެ. މިއީ އެމެރިކާގެ ސަރުކާރުގެ ބަދަލުހިފުމުގެ ސިޔާސަތަށް ބިރުން ކޮންފަރެންސް އިންތިޒާމުކުރި ފަރާތްތަކުން ހިންގި ނާތަހުޒީބު ކަމެކެވެ.
ބޭރުކޮށްލި ތަޖުރިބާކާރުން އެމީހުންގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުން، އެމެރިކާގެ ސިއްހީ ނިޒާމާއި އާ ހޯދުންތަކުގެ ރަންޒަމާން މިހާރު ވަނީ މާޒީވެ ގޮސްފައެވެ. ޓްރަމްޕްގެ ސަރުކާރުގެ ބަލިކަށި އަދި ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން، ދުނިޔޭގެ ސިއްހީ ދާއިރާގައި އެމެރިކާއަށް އޮތް ގަދަރު ވަނީ ކުޑަވެފައެވެ.




