ބިލް ގޭޓްސް ކޮންގްރެސްގައި ބުނީ ކީކޭ؟

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް، އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއެއްގައި ބުދަ ދުވަހު ހެކިބަސް ދެމުން، އޭނާ ކައިވެނިން ބޭރުން ހިންގާފައިވާ ނޭދެވޭ ގުޅުންތަކުގެ މައުލޫމާތު ބޭނުންކޮށްގެން، މަޝްހޫރު ކުށްވެރިޔާ އަދި ޓްރަމްޕްގެ ފްރެންޑް، ޖެފްރީ އެޕްސްޓީން އޭނާއަށް ބިރުދައްކާ ފިއްތުންތައް ކުރިމަތިކުރި ކަމަށް ހާމަކޮށްފިއެވެ. މިއީ އެޕްސްޓީންއާ ގުޅުން ކަނޑާލަން ގޭޓްސް މަސައްކަތް ކުރުމުން، އޭނާ އަލުން އެޕްސްޓީންގެ މަޅީގައި ބެއްދުމަށްޓަކައި ބޭނުންކުރި އުކުޅެއް ކަމަށް ބުންޏެވެ.

އެމެރިކާގެ ހައުސް އޯވަރސައިޓް ކޮމިޓީން ބޭއްވި ސިއްރު އަޑުއެހުމެއްގައި ގޭޓްސް ވަނީ އެޕްސްޓީންއާ އެކު ބޭއްވި ބައްދަލުވުންތަކާ ބެހޭގޮތުން ސުވާލުތަކަށް ޖަވާބުދީފައެވެ. މި ކޮމިޓީން ދަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީންގެ މައްސަލަ ބެލުމުގައި ގެންގުޅުނު ނާގާބިލު ސިޔާސަތުތަކާއި، އޭނާއާ ގުޅުން އޮތް ބޮޑުންގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

"އެޕްސްޓީންއާ ބައްދަލުވުމަކީ ހެދުނު ބޮޑު ގޯހެއް"

ބިލް ގޭޓްސް ކޮންގްރެސްއަށް ހުށަހެޅި ބަޔާނުގައި، އެޕްސްޓީންއާ ގުޅުން ބޭއްވި ކަމަށްޓަކައި ހިތާމަކުރާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، އެޕްސްޓީން ހިންގި އެއްވެސް ޖިނާއީ އަމަލެއް އޭނާއަށް ފެނިފައިނުވާ ކަމަށާއި، އޭނާ އަމިއްލައަށް އެއްވެސް މީހަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށް ބުންޏެވެ.

ގޭޓްސްއާއި އެޕްސްޓީންގެ ގުޅުންތަކުގެ ސަބަބުން ގޭޓްސްގެ އަބުރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި މިއީ އޭނާގެ ކައިވެނި ރޫޅުމަށް ދިމާވި މުހިންމު ސަބަބެއްވެސް މެއެވެ. ގޭޓްސް ބުނި ގޮތުގައި:

  • އެޕްސްޓީންއާ ބައްދަލުކުރުމަކީ މޮޔަކަމުން ކުރެވުނު ބޮޑު ކުށެކެވެ.
  • އެޕްސްޓީންގެ ކުށްތަކުގެ މާޒީ ރަނގަޅަށް ނުބަލައި، މީހުން މެދުވެރިކޮށް ތައާރަފުވުން ގަބޫލުކުރެވުނީއެވެ.

އެމެރިކާގެ ބޮޑުންގެ ކޮރަޕްޝަނާއި އެޕްސްޓީންގެ މަޅި

ގޭޓްސްއާއި އެޕްސްޓީންގެ ބައްދަލުވުންތައް ފެށުނީ 2011 ވަނަ އަހަރުއެވެ. އެއީ ކުޑަކުދިން ޖިންސީ އަޅުވެތިކަމަށް ބޭނުންކުރުމުގެ ކުށަށް ފްލޮރިޑާގައި އެޕްސްޓީން އިއުތިރާފުވިތާ 3 އަހަރު ފަހުންނެވެ. އެމެރިކާގެ އޭރުގެ ސަރުކާރުން އެޕްސްޓީންއާއެކު ހެދި ދޯހަޅި އެއްބަސްވުމެއްގެ ސަބަބުން، 14 އަހަރުގެ ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކަށް އޭނާ ކުރި އަނިޔާތަކުގެ ހަގީގީ އަދަބެއް އޭނާއަކަށް ނުލިބެއެވެ.

2014 ވަނަ އަހަރާ ހަމައަށް ގޭޓްސް ވަނީ ޗެރިޓީ ފަންޑެއް ހެދުމުގެ ބަހަނާގައި އެޕްސްޓީންއާ އެކު ޖޭޕީމޯގަން ބޭންކުގެ އޮފިޝަލުން ހިމަނައިގެން ބައްދަލުވުންތައް ބާއްވާފައެވެ. އެޕްސްޓީންގެ އުކުޅަކީ ބޮޑުންގެ ސިއްރުތައް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން އެމީހުން ބްލެކްމެއިލް ކުރުމެވެ.

މި ކޮމިޓީން ވަނީ މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއި، ބިލިއަނަރު ލެސްލީ ވެކްސްނަރ ފަދަ އެޕްސްޓީންގެ ބާރުގައި އުޅުނު އެމެރިކާގެ ނުފޫޒުގަދަ ބޮޑުންނާ ސުވާލުކޮށްފައެވެ. މިއިން އެނގެނީ އެމެރިކާގެ މުޅި ނިޒާމު ވަނީ މިފަދަ ހުތުރު ކަންކަމުގެ ތެރޭގައި ކޮރަޕްޓްވެފައި ކަމެވެ.

ހިއްސާ ކުރައްވާ!