އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ އިގްތިސާދީ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ބަންދުކޮށްފިކަން އީރާނުގެ ގައުމީ ސަލާމަތީ ބާރުތަކުން އިއުލާނުކޮށްފިއެވެ. މިއީ ހުޅަނގުގެ އިސްތިއުމާރީ ފިއްތުންތަކަށާއި ޓްރަމްޕްގެ ބިރުދެއްކުންތަކަށް އީރާނުން ދިން ސާބިތު އަދި ވަރުގަދަ ރައްދެކެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާރޒް އަދި އިސްލާމީ އިންގިލާބީ ގާޑުން ނެރުނު ރަސްމީ ބަޔާނުގައި ވާގޮތުން، އެމެރިކާގެ ސިފައިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮންއަޅަން ފެށުމާ ގުޅިގެން، ސަރަހައްދީ ސަލާމަތްތެރިކަން ގެއްލިފައިވާތީ މި ވަގުތުން ފެށިގެން އެ ކަނޑުއޮޅިން އެއްވެސް ވިޔަފާރި އުޅަނދަކަށް ނުވަތަ ތެޔޮ ޓޭންކަރަކަށްވެސް ދަތުރު ނުކުރެވޭނެއެވެ. އަދި މި އަމުރާ ޚިލާފުވާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
މަސްރަހު ގޯސްވުމާއި އެމެރިކާގެ ދޮގުތައް ފަޅާލުން
އީރާނުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާގެ ސިފައިންނާއި އީރާނުގެ ކަނޑުގެ ސިފައިންނާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. އީރާނުގެ ދިފާއީ ބާރުތަކުން ވަނީ އެ ސަރަހައްދުން ބޭރުކުރަން އުޅުނު އެމެރިކާގެ އެފް16 މަތިންދާބޯޓަކަށް މިސައިލް ހަމަލާދީ ފަހަތަށް ޖައްސާފައެވެ.
މި ހާދިސާއާ ގުޅިގެން މަސްރަހުގެ ހަގީގަތް އޮޅުވާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް:
-
ސެންޓްކޮމް ގެ ދޮގުތައް: އެމެރިކާގެ އަސްކަރީ ކޮމާންޑުން ވަނީ ކަނޑުއޮޅި ބަންދުނުވާ ކަމަށާއި އުޅަނދުތައް ދަތުރުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
-
ޓްރަމްޕްގެ ބުހުތާން: އީރާނުގެ ވެރިން ޓްރަމްޕަށް ގުޅުއްވައި ހަމަލާ ހުއްޓާލަން އާދޭސްކުރި ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަ އީރާނުގެ ސަރުކާރުން ވަނީ ރަސްމީކޮށް ދޮގުކޮށްފައެވެ. އީރާނުގެ އޮފިޝަލަކު ވިދާޅުވީ ޓްރަމްޕް އެ ދޮގު ހެއްދެވީ ހަނގުރާމައިން ސަލާމަތްވާނެ ބަހަނާއެއް ހޯދުމަށެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާރުގެ މައިބަދައެވެ. މި ހަނގުރާމައިގެ ސަބަބުން މިހާރުވެސް އެތަނުގެ ދަތުރުފަތުރު ވަނީ ކުރިއާ އަޅާބަލާއިރު 15 އިންސައްތައަށް ދަށަށް ގޮސްފައެވެ. އީރާނުން މި ފިޔަވަޅު އެޅީ އެމެރިކާގެ ޚާރިޖީ ވަޒީރު ޕީޓް ހެގްސެތު އީރާނަށް ހަމަލާތަކެއް ދޭން އިންޒާރު ދިނުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ސަރުކާރުން ޒަޔަނިސްޓް ރެޖީމްގެ ހިމާޔަތުގައި ފަށާފައިވާ މި ނާތަހުޒީބީ ހަނގުރާމައިގެ ސަބަބުން، ހުޅަނގުގެ ގައުމުތަކަށް ތެލުގެ ބޮޑު ތަދެއް ކުރިމަތިވެފައި ވެއެވެ.






