އީރާނުން ދިން ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތައް ކުވައިތާއި، ބަހުރޭން އަދި އުރުދުންއަށް އަމާޒުވިއިރު، އެމެރިކާގެ ބައިވެރިން ކަމަށްވާ ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް އަދި ގަތަރު މި ހަމަލާތަކުން ވަނީ ސަލާމަތްވެފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމަތީގައި ފަތުރަމުންދާ ހަނގުރާމައިގެ ހުޅުގަނޑުގެ ތެރެއިން، އީރާނުން ސިޔާސީ އަދި ދިފާއީ ގޮތުން ކަނޑައެޅި ހިކުމަތްތެރި ރޭވުމެކެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބަހުރޭނާއި ކުވައިތުގެ ވެރިންނަށް ހަނގުރާމައިގެ ސީދާ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެމެރިކާއިން އެ ގައުމުތަކުގެ ބިންތައް "އިސްތިއުމާރީ" އުސޫލުން ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން ފުރުސަތު ދިނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހަމަލާތަކުގެ އަސްލު އަމާޒު: އެމެރިކާގެ އަސްކަރީ މަރުކަޒުތައް
އީރާނުގެ މައުލޫމާތުތަކާ ބެހޭ މާހިރު، ހާމިދު ރިޒާ އަޒީޒީ ސީއެންއެންއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އީރާނުގެ ހަމަލާތަކަކީ އެ ގައުމުތަކުގެ ރައްޔިތުންނަށް ދިން ހަމަލާތަކެއް ނޫނެވެ. އޭގެ ބަދަލުގައި އަމާޒަކީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކެވެ. އޭގެ ތެރޭގައި:
- ބަހުރޭން: އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓް ގެ މަރުކަޒު ހުންނަ ސަރަހައްދު.
- ކުވައިތު: އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ "ޢަލީ އައްސާލިމް" ވައިގެ މަރުކަޒު.
އީރާނުން ދެކޭ ގޮތުގައި މި ދެ މަރުކަޒަކީ މި ސަރަހައްދުގައި އެމެރިކާއިން ހިންގާ އުދުވާނުތަކުގެ މައި މަރުކަޒުތަކެވެ. އެހެންކަމުން، އެމެރިކާގެ ސިފައިންނަށް ދިން މި ހަމަލާއަކީ ޓްރަމްޕްގެ ބިރުދެއްކުންތަކާ އެކަށީގެންވާ ރައްދެކެވެ.
ސައުދީ، އިމާރާތް އަދި ގަތަރު އިސްތިސްނާވި ސަބަބު
މި ފަހަރުގެ ހަމަލާތަކުން ސައުދީ އަރަބިއްޔާއާއި، އިމާރާތް އަދި ގަތަރު ސަލާމަތްވީ، ފަހަކަށް އައިސް ތެހެރާނާއެކު އެ ގައުމުތަކުން ބާއްވަން ފަށާފައިވާ ހަރުދަނާ ޚާރިޖީ ގުޅުންތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް އަބޫދާބީއާއި ރިޔާޟުން ވަނީ އެމެރިކާގެ މަޅިތަކުން ބޭރުވެ، އީރާނާއެކު ސަރަހައްދީ ހަމަޖެހުމަށް މަޝްވަރާކޮށްފައެވެ. މިއީ ޓްރަމްޕް ބޭނުންވި ބައިބައިވުމާ ޚިލާފަށް އަރަބި ގައުމުތަކުން ދެއްކި ހިކުމަތްތެރިކަމެކެވެ.
އީރާނުން ދަނީ ހަމަލާތައް ވަކި މިންގަނޑެއްގައި ހިފަހައްޓައި، މުޅި ސަރަހައްދު ހަލާކުގެ ތެރެއަށް ވައްޓާލަން ޒަޔަނިސްޓް ރެޖީމާއި އެމެރިކާއިން ކުރާ މަސައްކަތްތައް ބާތިލުކުރަމުންނެވެ. ނަމަވެސް، އެމެރިކާގެ ސިފައިން އިތުރަށް އީރާނަށް ހަމަލާދީފިނަމަ، އީރާނުގެ އެތެރޭގެ ބާރުތަކުން މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދެއެވެ.





