އެޕްސްޓީންގެ ސެކްރެޓަރީ ކޮންގްރެސްގައި ބުނީ ކީކޭ؟ ޓްރަމްޕާ ފޯނުން ގުޅުވައިދިން ކަމަށް އިއުތިރާފުވެއްޖެ

ޖެފްރީ އެޕްސްޓީންގެ ސެކްރެޓަރީ އަދި އެސިސްޓަންޓް، ލެސްލީ ގްރޯވް، އެމެރިކާގެ ކޮންގްރެސްގެ ހައުސް އޯވަރސައިޓް ކޮމިޓީގެ ސިއްރު އަޑުއެހުމެއްގައި ހެކިބަސް ދެމުން، ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން، އެޕްސްޓީންއާއި ޓްރަމްޕާ ދެމެދުގެ ފޯނު ކޯލްތަކެއް އޭނާ އަމިއްލައަށް އިންތިޒާމުކޮށް ގުޅުވައިދީފައިވާ ކަމަށް އިއުތިރާފުވެއްޖެއެވެ.

މިއީ ޓްރަމްޕްގެ ސަރުކާރާއި ޔަހޫދީ ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާ ދެމެދު އޮތް ގާތް ގުޅުންތައް ފޮރުވަން ޓްރަމްޕްގެ ޓީމުން ކުރާ މަސައްކަތްތަކަށް ލިބުނު ހީނަރުކަމެކެވެ. ކޮމިޓީގެ ޑިމޮކްރެޓިކް މެންބަރުން ކަމަށްވާ ސްޓީވަން ލީންޗް އަދި މިލާނީ ސްޓޭންސްބަރީ ވިދާޅުވި ގޮތުގައި، ގްރޯވް ވަނީ އެޕްސްޓީންއަށް 18 އަހަރު ވަންދެން މަސައްކަތް ކޮށްދިންއިރު، ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު އެތައް ފަހަރަކު ފޯނުން ވާހަކަދެއްކުވި ކަމަށް ބުނެފައެވެ.

ކުށްވެރިންނަށް ހިމާޔަތްދިނުމާއި ދޮގު ހެދުން

ލެސްލީ ގްރޯވްއަކީ 2008 ވަނަ އަހަރު އެޕްސްޓީންއާއެކު ހެދި "ނޮން-ޕްރޮސެކިއުޝަން" އެއްބަސްވުމުގައި، ކުށުގެ ބައިވެރިއެއްގެ ގޮތުގައި ނަން ހިމެނިފައިވާ، އަދި ކުޑަކުދިން އެޕްސްޓީންގެ ކައިރިއަށް ދަތުރުފަތުރު ކުރުވުމާއި މަސާޖު ސެޝަންތައް ތާވަލުކުރުމުގައި އިސްކޮށް އުޅުނު ސެކްރެޓަރީއެވެ.

ކޮންގްރެސްގައި އޭނާ ދެއްކި ބައެއް ވާހަކަތަކުގެ ޚުލާސާ:

  • ކުށަށް އިންކާރުކުރުން: އޭނާ ބުނި ގޮތުގައި އެޕްސްޓީން ހިންގި އެއްވެސް ޖިނާއީ ނުވަތަ ޖިންސީ ގޯނާގެ އަމަލެއް އޭނާއަށް ފެނިފައެއް ނުވެއެވެ. އަދި 2008 ގެ މައްސަލައަކީ އެޕްސްޓީންއާ ދެކޮޅަށް "އޮޅުވާލައިގެން" ހިންގި ކަމެއް ކަމަށް އޭނާ ކުރިން ހީކުރިއެވެ.

  • ޑިމޮކްރެޓުންގެ ސުވާލުތައް: ކޮންގްރެސްގެ މެންބަރުން ކަމަށްވާ ޖޭމްސް ވޯލްކިންޝޯ އަދި ސުހާސް ސުބްރަމާނިއަމް ވަނީ ގްރޯވްގެ ވާހަކަތަކަށް ޝައްކުއުފައްދާފައެވެ. ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ހުރި މީހެއްގެ ކައިރިއަށް ޒުވާން އަންހެން ކުދިން ގެންދިއުމުގެ ކަންކަން ކުރިއިރު، އެތަނުގައި ހިނގާ ކަންކަން ނޭނގޭ ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް ބުންޏެވެ.

ޓްރަމްޕްގެ ސަރުކާރުން ހަގީގަތް ފޮރުވަން އުޅުން

މި ސިއްރު އަޑުއެހުންތަކުގެ ތެރެއިން، ޓްރަމްޕްގެ އެޓަރނީ ޖެނެރަލް ޕޭމް ބޮންޑީވެސް ވަނީ ޓްރަމްޕާއި އެޕްސްޓީންގެ ގުޅުންތަކާ ބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދޭން އިންކާރުކޮށްފައެވެ. މިއިން އެނގެނީ ޓްރަމްޕްގެ ސަރުކާރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން މި ސިއްރުތައް ފޮރުވަން މަސައްކަތް ކުރަމުންދާ ކަމެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އަބީގައިލް ޖެކްސަން އާދައިގެ މަތިން ބުނެފައިވަނީ، ޓްރަމްޕް ވަނީ މިކަމުން ބަރީއަވެފައި ކަމަށާއި، އޭނާ ވަނީ އެޕްސްޓީންގެ ޝިކާރައަކަށްވި ކުދިންނަށް އެހެން އެއްވެސް ރައީސަކަށްވުރެ ބޮޑަށް އެހީތެރިވެދީފައި ކަމަށެވެ. ނަމަވެސް މިފަދަ ބަޔާންތަކަކީ ހަގީގީ ހެކިތަކުގެ ކުރިމަތީގައި އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެކެވެ.

ހިއްސާ ކުރައްވާ!