ޖަޕާނުގެ ބޮޑުވަޒީރުގެ މާމަ ދަރިފުޅު ކިޔަވަނީ ޗައިނާގެ ޔުނިވަރސިޓީއެއްގައި

ޖަޕާނާއި ޗައިނާގެ ސިޔާސީ އަދި ޚާރިޖީ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީގެ މާމަ ދަރިފުޅަކު ޗައިނާގެ އެންމެ މަތީ ޔުނިވަރސިޓީއެއްގައި ބެޗެލަރސް ޑިގްރީއަށް ކިޔަވަން ފެށުމުން ޖަޕާނުގެ ރައްޔިތުންގެ ބޮޑު ފާޑުކިއުމަކާއި ހިތހަމަނުޖެހުމެއް އޭނާއަށް ކުރިމަތިވެއްޖެއެވެ. ޚަބަރުތައް ބުނާގޮތުން، ބޮޑުވަޒީރުގެ ދޮން މާމަ ދަރިފުޅު، އުމުރުން 19 އަހަރުގެ ރެން ޔަމަމޯޓޯ ވަނީ މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ޗައިނާގެ ޔުނިވަރސިޓީއެއްގައި 4 އަހަރުގެ ޕްރޮގްރާމެއްގައި ކިޔަވަން ފަށާފައެވެ. ރެންއަކީ ތަކައިޗީގެ ދޮން ދަރިފުޅު ކެން ޔަމަމޯޓޯގެ ދަރިއެކެވެ.

"ބޭރުފުށުން ޗައިނާއާ ދެކޮޅު، އެތެރެއިން ޗައިނާ ކޮޅަށް"

ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ފަހުން ތައިވާނުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ޗައިނާއާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ތަކައިޗީއަށް މިކަމުގެ ސަބަބުން ސޯޝަލް މީޑިއާއާއި ސިޔާސީ މަސްރަހުގައި ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. މީޑިއާ ބުނާ ގޮތުގައި އެކުއްޖާ ޗައިނާއަށް ކިޔަވަން ދާން ފުރަން އޮތް ރޭގެ ކުރީ ރެއާ ހަމައަށްވެސް ބޮޑުވަޒީރަށް މިކަމެއް ނޭނގެއެވެ. މިކަން އެނގުމުން އޭނާ ވަރަށް ބޮޑަށް ހިތް ހަމަނުޖެހުނު ނަމަވެސް، އެއީ އާއިލާގެ އަމިއްލަ ނިންމުމަކަށްވުމުން އެކަމަށް ހުރަސްއެޅޭގޮތެއް ނުވިއެވެ.

ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ބައެއް ކޮމެންޓްތައް:

  • "ސްޓޭޖް މަތީގައި ޗައިނާއާ ދެކޮޅު، އެކަމަކު އާއިލާގެ ރެކޯޑް އޮތީ ޗައިނާ ކޮޅަށް."
  • "ޗައިނާއަށް ފޮނުވުމުގެ ބަދަލުގައި ތައިވާނަށް ފޮނުވިނަމަ މާ ރަނގަޅުވީސް."

ނަމަވެސް ބައެއް މީހުން ބޮޑުވަޒީރުގެ ދިފާއުގައި ބުނެފައިވަނީ، ޗައިނާގެ މަތީ އޮފިޝަލުންގެ ދަރިންވެސް ހުޅަނގުގެ ގައުމުތަކަށް ކިޔަވަންދާ ކަމަށާއި މިއީ މައްސަލައެއް ނޫން ކަމަށެވެ. ޗައިނާގެ ސަރުކާރު މީޑިއާވެސް ވަނީ ތަކައިޗީއަކީ "ދެފުށްދެކޭ" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު ބޮޑުވަޒީރު ތަކައިޗީ ވިދާޅުވީ، ޗައިނާއިން ތައިވާނަށް ހަމަލާދީފިނަމަ ޖަޕާނުގެ ސިފައިން އޭގެ ރައްދުދޭނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ފާއިތުވި 10ވަރަކަށް އަހަރުތެރޭގައި ނުދާ ފަދަ ދަށު ދަރަޖައަކަށް ގޮސްފައެވެ.

ޗައިނާއިން ވަނީ ޖަޕާނާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ:

  • ޖަޕާނުގެ ކަނޑުމަހުގެ ބާވަތްތައް ޗައިނާއަށް އެތެރެކުރުން މަނާކުރުން.
  • ޓެކްނޮލޮޖީ އުފައްދަން ބޭނުންކުރާ ނާދިރު މައުދަންތައް ޖަޕާނަށް އެކްސްޕޯޓްކުރުން ހުއްޓާލުން.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޖަޕާނުގެ އިންޑަސްޓްރީތަކަށް ބޭނުންވާ މުހިންމު މައުދަންތައް ކަމަށްވާ ޑިސްޕްރޯސިއަމް، ޓަރބިއަމް އަދި ގަލްއަމް ފަދަ ތަކެތި ފޮނުވުން އެއްކޮށް ހުއްޓާލާފައެވެ. މީގެ ސަބަބުން ޖަޕާނުގެ އުފެއްދުންތެރިކަމަށް ބުރޫއަރަމުންދާތީ، އެމެރިކާގެ ސަރުކާރުންވެސް ދަނީ ޗައިނާއަށް އެތަކެތި އަލުން ޖަޕާނަށް ދޫކުރުމަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ހިއްސާ ކުރައްވާ!