ވޯލްޑް ބޭންކުން 2026 ވަނަ އަހަރަށް މުޅި ދުނިޔޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި މި ބަދަލު ގެންނަންޖެހުނީ އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުގެ ސަބަބުންނެވެ.
މިގޮތުން 2026 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ކުރިން 1 ޖެނުއަރީގައި އަންދާޒާކުރި 2.6 އިންސައްތައިގެ ބަދަލުގައި، މިހާރު ލަފާކުރަނީ ކުރިއޭރުން ހުންނާނީ 2.5 އިންސައްތައިގައެވެ. ނަމަވެސް 2025 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރު ހުންނާނީ 2.9 އިންސައްތައިގައި ކަމަށް ބޭންކުން ބުނެއެވެ. މިއީ ކުރިން ލަފާކުރި 2.7 އިންސައްތައަށްވުރެ މަތީ އަދަދެކެވެ. މީގެ އިތުރުން، ތަރައްޤީވަމުންދާ ޤައުމުތަކުގެ ތެރެއިން 3 ބައިކުޅަ 2 ބައި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމުގެ އަންދާޒާވެސް ބޭންކުން ވަނީ ދަށްކޮށްފައެވެ.
އެމެރިކާގެ ނޭދެވޭ ސިޔާސަތުތަކާއި ދުނިޔޭގެ ބާޒާރަށް އައި ލޮޅުން
ދުނިޔޭގެ އިޤްތިޞާދަށް މިފަދަ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސަތުތަކުގެ ސަބަބުންނެވެ. ޓްރަމްޕްގެ ސަރުކާރުން މެދުއިރުމަތީގައި އުފައްދާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި މުދާ އުފުލުމުގެ ނިޒާމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެމެރިކާގެ މި ނޭދެވޭ ޢަމަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވަނީ ފަޤީރު އަދި ތަރައްޤީވަމުންދާ ޤައުމުތަކަށެވެ.
ހަމައެއާއެކު، މެދުއިރުމަތީގައި ނުޙައްޤުން ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްރޭލުގެ ޒަޔަނިސްޓް ރެޖީމަށް އެމެރިކާއިން ފާޅުގައި ވާގިވެރިވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބޮޑު ކަންބޮޑުވުމެކެވެ. އެމެރިކާގެ ސިފައިން ހުރުމުޒު ސަރަޙައްދާއި ކަނޑުގެ މަގުތައް ބަންދުކޮށްގެން ހިންގާ ޖަރީމާތަކަކީ ޒަޔަނިސްޓް ރެޖީމްގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި ހިންގާ ބޭއިންޞާފު ޢަމަލުތަކެކެވެ.





