އީރާން: އަނިޔާވެރި ޙަމަލާތަކުގެ ފުރިހަމަ މަސްއޫލިއްޔަތު ވޮޝިންގްޓަނުން އުފުލަންޖެހޭނެ

އެމެރިކާގެ ސިފައިން އީރާނަށް އަމާޒުކޮށް ދެމުންދާ އަސްކަރީ ޙަމަލާތައް އީރާނުގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އީރާނުން ވަނީ މި ޙަމަލާތަކަކީ 13 އެޕްރީލް ގައި ދެ ފަރާތުގެ މެދުގައި ވެފައިވާ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ދިން ބޭއިންޞާފު ޙަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ. އަދި މި ކަމުގެ ސަބަބުން ކަންކަން ގޯސްވެއްޖެނަމަ، އޭގެ ފުރިހަމަ މަސްއޫލިއްޔަތު ވޮޝިންގްޓަނުން އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައެވެ.

އީރާނުގެ ރަސްމީ ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އައިއާރްއައިބީ) އިން ނެރުނު ޚާރިޖިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މި ނޭދެވޭ ސިޔާސަތުތަކުގެ ސަބަބުން ނުކުންނާނެ ނުރައްކާތެރި ނަތީޖާތަކުގެ ޒިންމާ އެމެރިކާގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށެވެ.

އީރާނުގެ ޚާރިޖިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާގެ ސިފައިން އީރާނާ ދެކޮޅަށް ހިންގާ އުދަގޫކުރުންތަކާއި ޢުދުވާނުތައް ރޭވުމަށް ސަރަޙައްދީ ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަކީ، އެ ޤައުމުތަކުން ވެސް މި ޢުދުވާނުގައި ބައިވެރިވުން ފަދަ ކަމެކެވެ. އެހެންކަމުން، އެމެރިކާގެ އަސްކަރީ ޙަމަލާތަކުން ޤައުމު ދިފާޢުކުރުމުގެ ފުރިހަމަ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށާއި، ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް ތެހެރާނުން އަޅާނެ ކަމަށް ބަޔާނުގައިވެއެވެ.

މި ބަޔާން ނެރުނުއިރު، އީރާނުގެ އިންޤިލާބީ ސިފައިން ވަނީ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބިންގާތަކަށް ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މިއީ އެމެރިކާގެ ސިފައިން ޖެހިޖެހިގެން 2 ރޭ މަތިން ދިން ޙަމަލާތަކަށް ދިން ބަދަލެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ޤައުމުގެ މެދުގައި ސުލްޙައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެމެރިކާގެ ޙަމަލާތައް އަލުން ފަށާނެ ކަމަށް ބުނެ ނޭދެވޭ އިންޒާރުތަކެއް ދީފައެވެ. ޓްރަމްޕްގެ މިފަދަ ބޮޑާ އަދި ޚުދުމުޚުތާރު ވާހަކަތަކުގެ ސަބަބުން މަސްރަހު ދަނީ ނުރައްކާވަމުންނެވެ.

ހިއްސާ ކުރައްވާ!