އީރާނުން ބޭނުންވި ގޮތަށް މުޅި އެއްބަސްވުން އަނބުރާލައި، އެމެރިކާ ބޯލަނބަން މަޖުބޫރުކުރުވި ގޮތުގެ ބައެއް ތަފްސީލުތައް އެންމެ ފަހުން މިވަނީ ތިލަވެފައެވެ. މަޝްވަރާތަކާ ގާތް ތިން މަސްދަރަކުން ކަށަވަރުކޮށްދޭ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަންދެން ތެހެރާނުގައި ކުރިއަށްދިޔަ ސިއްރު ބައްދަލުވުންތަކުގައި، ގަތަރުގެ މަންދޫބު އަލީ އައްޛަވާދީ އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެމެރިކާއަށް ދެން އިތުރު ގޮތެއް ނޯންނާނެ ފަދަ ވަރުގަދަ ލިޔުމެއް އެކުލަވާލާފައެވެ.
އީރާނާއި ގަތަރުން ބުދަ ދުވަހު އަތުރާލި މި ލިޔުމަށް އެމެރިކާއިން އެއްވެސް ބަދަލެއް ނުގެނެސް، ގަބޫލުކުރަން ޖެހުނީ އީރާނުން ހިފަހައްޓާފައި ހުރި އެ ގައުމަށް އެންމެ ފައިދާހުރި ތިން މުހިންމު ނުކުތާއެއްގެ ސަބަބުންނެވެ.
އީރާނަށް މުޅިން ފަހިވި 3 ބޮޑު ޝަރުތު:
-
ފްރީޒްކޮށްފައި ހުރި ފައިސާ މިނިވަންކުރުން: ތެހެރާނުގެ އެންމެ ބޮޑު އިސްކަމަކީ އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ ބިލިއަން ޑޮލަރުގެ ފައިސާއާ ހަރުމުދާ ދޫކޮށްލުމެވެ. އީރާނުން ހުށަހެޅި މެކޭނިޒަމާ އެއްގޮތަށް އެ ފައިސާ ދޫކުރަން އެމެރިކާއަށް ވަނީ މަޖުބޫރުވެފައެވެ.
-
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުން: ކުރިއަށް އޮތް 60 ދުވަހުގެ ހަމަލާ ބަދަލުނުކުރާ މުއްދަތުގައި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ގޮތުގެ ފުރިހަމަ ބާރާއި އިންތިޒާމުތައް އޮންނާނީ ސީދާ އީރާނުގެ ކޮންޓްރޯލްގެ ދަށުގައެވެ.
-
ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާ: މި ހިމޭން މުއްދަތުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކާނެ ގޮތުގެ އެޖެންޑާ ކަނޑައަޅާނީ އީރާނުން ބޭނުންވާ މަގުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ބޭނުންވި ގޮތަށް މުޅި އެއްބަސްވުން ބައްޓަންކުރުމަށްފަހު އިމާމް މުޖުތަބާ ޚާމަނާއީއަށް ހުށަހެޅުމުން އެ ފަރާތުންވެސް ވަނީ މިއަށް އާނބަސް ދީފައެވެ. ޓްރަމްޕް ވެސް ވަނީ ގަޔާވާ ކަމަށ ްބުނެ އަންނަ އާދީއްތައަށް ފަހު މީގައި ސޮއިކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ނަމަވެސް މިކަންކަން ބިނާ ވަނީ އެމެރިކާގެ އިޚުލާސްތެރިކަމުގެ މައްޗަށެވެ! މިއީ ތެހެރާނުން ހޯދި ފުރިހަމަ ސިޔާސީ އަދި އަސްކަރީ ކާމިޔާބީއެކެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ދިން ހޫނު ހަމަލާތަކަށްފަހު، މި ތިން ޝަރުތަށް ޓްރަމްޕްގެ ސަރުކާރުން ބޯލަނބަން ޖެހުމަކީ، އެމެރިކާއަށް ގޮތް ހުސްވާ ކަމާއި އީރާނުން އަމިއްލަ ބާރު ސާބިތުކޮށްދިން ކަމުގެ ދިރިހުރި ހެއްކެކެވެ.







