އިސްރާއީލަށް ހަތިޔާރު ސަޕްލައިކުރުމުގައި އެންމެ ކުރީގައި އުޅޭ ތިން ގައުމު ކަމަށްވާ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާއިން ގުޅިގެން، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އުފެއްދުމުގެ ސިޔާސަތަށް މަގުފަހިކުރުމުގެ ނަމުގައި އާ ބައިނަލްއަގުވާމީ ސުލްހައިގެ ފަންޑެއް ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ.
މި ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ފަންޑުގެ ބޭނުމަކީ ވާހަކަދައްކައިގެން ދެ ދައުލަތުގެ ހައްލަކަށް ދިއުމަށް ބޭނުންވާ މާހައުލު ތަނަވަސްކުރުމަށް ހިންގާ މަޝްރޫޢުތަކަށް އެހީތެރިވުން ކަމަށެވެ.
ފަންޑުގެ ތަފްސީލުތައް:
- އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާގެ ތެރެއިން ކޮންމެ ގައުމަކުން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ފެށުމުގެ އެހީގެ ގޮތުގައި 1 މިލިއަން ޕައުންޑް (1.3 މިލިއަން އެމެރިކާ ޑޮލަރު) މި ފަންޑަށް ހަދިޔާކުރާނެއެވެ.
- މި ފަންޑަކީ ބައިނަލްއަގުވާމީ އެހެން ބައިވެރިންނަށްވެސް ފައިސާ ހަދިޔާކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
- ސުލްހަ ގާއިމުކުރުމަށ މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އެހީތެރިވުން.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ބޭނުންވާ ހަތިޔާރު ސަޕްލައިކޮށްދޭ މި ތިން ގައުމުން، މިފަދަ ކުޑަކުޑަ ފަންޑެއް (ޖުމްލަ 3.9 މިލިއަން ޑޮލަރު) އިއުލާންކުރުމަކީ މުޅި ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމެވެ. އެއްކޮޅުން އިސްރާއީލު ވަރުގަދަކުރަން ބިލިއަނުން ޚަރަދުކޮށް ހަތިޔާރު ވިއްކަމުން، އަނެއްކޮޅުން ސުލްހައިގެ ނަމުގައި ކުޑަ ފަންޑެއް ހުޅުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން މި ގައުމުތަކަށް އަމާޒުވާނެ ކަމެކެވެ.






