އެމެރިކާއާއި އީރާނުގެ "އިސްލާމްއާބާދު އެއްބަސްވުން" ގެ މުހިންމު ފަސް ނުކުތާއެއް ހާމަވެއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ވަގުތީ ފަހުމުނާމާގެ މުހިންމު 5 ނުކުތާއެއް ހާމަވެއްޖެއެވެ.

މިކަމުގެ މައުލޫމާތު އެނގޭ ޑިޕްލޮމޭޓަކު ބުނި ގޮތުގައި، ދެގައުމުގެ ދެމެދުގައި އެކުލަވާލާ މި އެއްބަސްވުމަށް ރަސްމީކޮށް ކިޔާނީ "އިސްލާމްއާބާދު އެއްބަސްވުން" އެވެ. މި އެއްބަސްވުމުގެ މައިގަނޑު އަސާސްތަކަކީ:

1. ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުން:

އެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން، ލުބުނާން ހިމެނޭގޮތް މުޅި ސަރަހައްދުގެ ހުރިހާ ދިމާއަކުން 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އަމުރު ހިނގަން ފަށާނެއެވެ.

2. ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުން:

މި އެއްބަސްވުމާއެކު ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލެވޭނެއެވެ. އަދި އެތަނުން ދަތުރުކުރާ އުޅަނދުތަކުން އީރާނުން އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ހަކަތައާއި މުދާ ހުރަހެއްނެތި ދަތުރުކުރުމުގެ ފުރުޞަތު ދިނުމެވެ. ސޮއިކުރާތާ 30 ދުވަސް ފަހުން، ކަނޑުގެ ދަތުރުފަތުރު ހަނގުރާމައިގެ ކުރިން އޮތް ފެންވަރަށް އާލާވާނެއެވެ.

3. އީރާނުގެ ބަނދަރުތަކުގެ ބަންދު އުވާލުން:

އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހިސާރު އުވާލައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާނެއެވެ. ނަމަވެސް ލުއިދޭނެ ސީދާ ތާރީޚެއް ނެތެވެ.

4. ނިއުކްލިއަރ މައްސަލައިގެ ޝަރުޠުތައް ފުރިހަމަކުރުން:

މި އެއްބަސްވުމުގެ ސަބަބުން ނިއުކްލިއަރ މައްސަލައިގައި އެމެރިކާއިން ބޭނުންވާ ޝަރުޠުތަކެއް ފުރިހަމަވެއެވެ. އޭގެ ތެރޭގައި އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް ވެފައިވާ ވައުދާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މައްސަލަ ހިމެނެއެވެ. އެކަން ކުރާނ ތަފްސީލެއް ނެތެވ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އީރާނާއެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނެސްފިކަން އިއުލާންކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ޚާރިޖިއްޔާއިން ކުރިން ބުނެފައިވަނީ މި ވާހަކަތަކަކީ ހަމައެކަނި މީޑިއާގެ ހީތަކެއް ކަމަށާއި، ނަމަވެސް ފަހުގެ މަޝްވަރާތަކަށްފަހު ދެގައުމުން މިހާރު ވަނީ އެއްބަސްވުމުގެ އަސާސްތަކަށް ރުހުންދީފައެވެ.

ހިއްސާ ކުރައްވާ!