އދގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އެންޓޯނިއޯ ގުޓެރޭޒްގެ މުއްދަތު 2026 ޑިސެމްބަރު 31 އަށް ހަމަވާއިރު، ޖެނުއަރީ 1، 2027 ގައި އެ މަޤާމާ ޙަވާލުވާނެ އައު ބޭފުޅަކު ހޮވުމުގެ ވާދަވެރިކަން މިހާރު ވަނީ ބޮޑުވެފައެވެ.
މި މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި، ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ، އާޖެންޓީނާގެ ރަފާޢިލް ގްރޮސީ ހިމެނެއެވެ. އޭނާއަކީ ހުޅަނގުގެ ބާރުތަކާއި ޒަޔަނިސްޓު ރެޖީމްގެ މަޞްލަޙަތުތަކާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ އަދި ސާބިތު ސިޔާސަތަށް ބަލާއިރު، ޒަޔަނިސްޓުންނަށް ވާގިވެރިވާ ވިސްނުމެއް ހުރި ކެންޑިޑޭޓަކަށް ރާއްޖެއިން ތާއީދުކޮށްފާނެތޯ ސުއާލު އުފެދެއެވެ. ނަމަވެސް ކޮންމެވެސް މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށްވެސް ވެއެވެ!. މި މަގާމަށް ވާދަވެރިކަމުގެ ކުރީގައި އުޅެނީ ގްރޮސީގެ އިތުރުން މުޅިންވެސް އަންހެން ކެންޑިޑޭޓުންނެވެ.
މި މަޤާމަށް ވާދަކުރައްވާ މައިގަނޑު ކެންޑިޑޭޓުން:
1. ކެރޮލީން ރޮޑްރިގޭޒް-ބޯކެޓް (ގަޔާނާ)
- އުމުރު: 52 އަހަރު
- ކުރީގެ މަޤާމު: ގަޔާނާގެ ޚާރިޖީ ވަޒީރު (2008-2015) އަދި އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު (2020 އިން ފެށިގެން).
- ވިސްނުމާއި ސިޔާސަތު: އޭނާއަށް އެޤައުމުގެ ރައީސް އިރްފާން ޢަލީގެ ފުރިހަމަ ތާއީދު އެބައޮތެވެ. އޭނާގެ މައިގަނޑު ސިޔާސަތަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އަދި ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ދިފާޢުކުރުމެވެ.
2. މިޝޭލް ބަޝްލޭ (މިޝޭލް ބަޗެލެޓް (ޗިލީ މީހުން ކިޔާ ގޮތަށް ބަލާނަމަ) އަދި މިޝޭލް ބަޝެލޭ (ބައިނަލްއަޤްވާމީ މީޑިއާގެ މަޝްހޫރު ގޮތަށް ބަލާނަމަ) (ޗިލީ)
- އުމުރު: 74 އަހަރު
- ކުރީގެ މަޤާމު: ޗިލީގެ ފުރަތަމަ އަންހެން ރައީސް (ދެ ދައުރު) އަދި އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު.
- ވިސްނުމާއި ސިޔާސަތު: ޒުވާން ދުވަސްވަރު ޚުދުމުޚުތާރު ވެރިކަމެއްގައި އަނިޔާ ލިބިފައިވާ ބަޝްލޭއަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. އޭނާއަށް މެކްސިކޯއާއި ބްރެޒިލްގެ ތާއީދު އޮތް ނަމަވެސް، އަމިއްލަ ޤައުމުގެ މިހާރުގެ ކަނާތު ފިޔައިގެ ސަރުކާރުގެ ތާއީދެއް ނެތެވެ.
3. ރަފާޢިލް ގްރޮސީ (އާޖެންޓީނާ)
- އުމުރު: 65 އަހަރު
- ކުރީގެ މަޤާމު: އދ. ގެ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީ ގެ ވެރިޔާ (2019 އިން ފެށިގެން).
- ވިސްނުމާއި ސިޔާސަތު: އީރާނުގެ ނިއުކްލިއާ މައްސަލައާއި ޔޫކްރެއިން ހަނގުރާމައިގެ ނާޒުކު ދަނޑިވަޅުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ ބޭނުންވަނީ އދ. އޭގެ އަސްލު ބިންގަލަށް ރުޖޫޢަކޮށް، ހަނގުރާމައިގެ ހާލަތްތަކުން އިންސާނިއްޔަތު ސަލާމަތްކުރުމަށެވެ. ނަމަވެސް، ޒަޔަނިސްޓުންނަށް ވާގިވެރިވެ ހުޅަނގުގެ ބާރުތަކަށް ބުރަވުމުގެ ތުހުމަތު އޭނާއަށް ކުރެވެއެވެ.
4. ރެބެކާ ގްރީންސްޕޭން (ކޮސްޓަރީކާ)
- އުމުރު: 70 އަހަރު
- ކުރީގެ މަޤާމު: އދ. ގެ ކޮމާސް އެންޑް ޑިވެލޮޕްމަންޓް އަންކްޓެޑް ގެ ސެކްރެޓަރީ ޖެނެރަލް.
- ވިސްނުމާއި ސިޔާސަތު: 2022 ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިންގެ މެދުގައި ގޮވާން) އެކްސްޕޯޓް ކުރުމުގެ "ބްލެކް ސީ އިނީޝިއޭޓިވް" އެއްބަސްވުން ޤާއިމުކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އޭނާ އިސްކަންދެނީ ޤައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމަށެވެ.
5. މާކީ ސާލް (ސެނެގާލް)
- އުމުރު: 64 އަހަރު
- ކުރީގެ މަޤާމު: ސެނެގާލްގެ ރައީސް (2012-2024).
- ވިސްނުމާއި ސިޔާސަތު: މިއީ ލެޓިން އެމެރިކާއިން ބޭރުން ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓެވެ. އޭނާ ޤަބޫލުކުރައްވާ ގޮތުގައި ދާއިމީ ސުލްޙަ އަންނާނީ އިޤްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ތެރެއިންނެވެ. ނަމަވެސް އެފްރިކަން ޔޫނިއަންގެ ފުރިހަމަ ތާއީދެއް އޭނާއަކަށް އަދި ނެތެވެ.
6. މާރިއާ ފެރްނާންޑާ އެސްޕިނޯޒާ (އިކުއެޑޯ)
- އުމުރު: 61 އަހަރު
- ކުރީގެ މަޤާމު: އިކުއެޑޯގެ ޚާރިޖީ ވަޒީރު، ދިފާޢީ ވަޒީރު، އަދި އދ. ގެ ޢާންމު މަޖިލީހުގެ 73 ވަނަ ދައުރުގެ ރައީސް (2018-2019).
- ވިސްނުމާއި ސިޔާސަތު: އދ. ގެ ނިޒާމުގެ ތެރޭގައި 30 އަހަރުގެ މުއްސަނދި ތަޖުރިބާއެއް ހުރި ބޭފުޅެކެވެ. އޭނާ ވަކާލާތު ކުރައްވަނީ ހަނގުރާމަތައް ފެށުމުގެ ކުރިން އދ. އިން މެދުވެރިއެއްގެ ދައުރު އަދާކޮށް ހަމަނުޖެހުން ހުއްޓުވުމަށެވެ. އޭނާގެ ހުށަހެޅުމަކީ މައްސަލަތައް ކުރިއާލާ ދެނެގަނެ ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުމެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މިހާތަނަށް އެއްވެސް އަންހެން ބޭފުޅަކު ހޮވިފައެއް ނުވެއެވެ. އެހެންކަމުން، މިފަހަރު ގިނަ ޤައުމުތަކުން ބޭނުންވަނީ ޤާބިލު އަންހެން ލީޑަރަކަށް މި ފުރުޞަތު ދިނުމަށެވެ. މޮޅު ޑިޕްލޮމެޓިކް ތަޖުރިބާއެއް ހުރި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ ޙައްޤުތަކަށް ވަކާލާތުކުރާ ކެރޮލީން ރޮޑްރިގޭޒް ނުވަތަ އދ. ގެ އެތެރޭގެ އިޞްލާޙުތަކަށް ވަކާލާތުކުރާ މާރިއާ ފެރްނާންޑާ ފަދަ ކެންޑިޑޭޓަކަށް ތާއީދު ކޮށްފިނަމަ ރަނގަޅެވެ!






