ޣައްޒާގެ އުތުރުގައިވާ ކަމާލް ޢަދްވާން ހޮސްޕިޓަލްގެ ޑިރެކްޓަރު، ޑޮކްޓަރު ޙުސާމް އަބޫ ޞަފިއްޔާ، ޒަޔަނިސްޓު ރެޖީމްގެ ސުޕްރީމް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފޮޓޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ހިފާފައިވާ ޤުދުސްގައި ހުންނަ ކޯޓު ރޫމުން ފެނުނު މި ފޮޓޯއިން ޑޮކްޓަރު އަބޫ ޞަފިއްޔާ ފެންނަނީ ޖަލު ހެދުމުގައި، އަތްބިޑި އަޅުވާފައެވެ. އަދި އޭނާގެ ހަށިގަނޑުންނާއި މޫނުމަތިން ގަދަފަދަ އަނިޔާތަކާއި، ބަނޑުހައިހޫނުކަމާއި، ވަރުބަލިކަމުގެ އަސަރުތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި އޭނާގެ އާއިލާއިން ބުނާ ގޮތުގައި، ޖަލުގައި އޭނާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ނިޝާންތައް ކޯޓަށް ހާޒިރުކުރިއިރުވެސް ހުއްޓެވެ.
ޑޮކްޓަރު އަބޫ ޞަފިއްޔާ އިސްރާއީލުން ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައެވެ.
އެއީ އިސްރާއީލު ސިފައިން ކަމާލް ޢަދްވާން ހޮސްޕިޓަލަށް ވަދެގަނެ، އެތަން ހަލާކުކޮށްލި ދުވަސްވަރެވެ. އެ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ބަންދުވެފައި ތިބި ރައްޔިތުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އެންމެ ފަހު ސިއްހީ މަރުކަޒެވެ.
ޤާނޫނީ ގޮތުން ބަލާއިރު، އިސްރާއީލުން އޭނާ ހައްޔަރުކޮށްގެން ގެންގުޅެނީ އެއްވެސް ރަސްމީ ކުށެއްގެ ދަޢުވާއެއް ނުވަތަ ޝަރީޢަތެއް ކުރުމެއް ނެތް ގޮތުގައެވެ. އެޤައުމުން ބޭނުންކުރަނީ "ޤާނޫނާ ޚިލާފު ހަނގުރާމަވެރިންގެ ޤާނޫނު" ކަމަށް ކިޔާ ޔަހޫދީ ބަހަނާއެކެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުން އެއްވެސް ކުށެއް ނެތި، ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބަންދުކޮށް، އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤުން މަޙްރޫމްކުރުމަށް ހަދާފައިވާ ހަރުކަށި އިދާރީ ފިޔަވަޅެކެވެ.
ޑޮކްޓަރުގެ ދިފާޢީ ވަކީލުން ވަނީ އޭނާ މިނިވަންކުރުމަށް އެދި ސުޕްރީމް ކޯޓަށް އިސްތިއުނާފް ފޯމެއް ހުށަހަޅާފައެވެ. ނަމަވެސް، މި ޤާނޫނީ މަސައްކަތަށް ހުރަސްއަޅައި ބަދަލުހިފުމުގެ ގޮތުން، އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން ވަނީ ޑޮކްޓަރު އަބޫ ޞަފިއްޔާ ސަހަރާގެ "ނަފްޙާ" ކިޔާ ޖަލަކަށް ބަދަލުކޮށް، އެކަހެރި ބަންދެއްގައި ބާއްވާފައެވެ. މިއީ އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ބާރު ދެރަކޮށްލުމަށް ކުރާ ކަމެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުން މެޑިކަލް ސްޓާފުންނަށް ޙިމާޔަތް ލިބިދީފައިވީ ނަމަވެސް، ޖެނޮސައިޑް ހިންގާ އިސްރާއީލުން ދަނީ އެ ހުރިހާ އުޞޫލުތަކަކާ ޚިލާފުވަމުންނެވެ.






