ހޮލެންޑުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑީ ފޮލްކްސްކްރާންޓް" ގެ ދެ ނޫސްވެރިން ކަމަށްވާ މައުޑް އެފްޓިންގް އަދި ވިލެމް ފީންސްޓްރާ، ޔޫރަޕްގެ ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ "ޖާނަލިޒަމް އެކްސެލެންސް އެވޯޑް" ޙާޞިލްކޮށްފިއެވެ.
މި ދެ ނޫސްވެރިންނަށް މި އެވޯޑް ލިބުނީ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމުގައި އިސްރާއީލު ސިފައިން ކުޑަކުދިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތައް ބޭޒާރުކޮށްލައި، އެމީހުން ތައްޔާރުކުރި "ޒަޚަމްތަކުން ކިޔައިދޭ ވާހަކަ" (What the Wounds Tell) ކިޔާ އިންވެސްޓިގޭޓިވް ރިޕޯޓަށެވެ.
- ނޫސްވެރިޔާ މައުޑް އެފްޓިންގް ބުނި ގޮތުގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ނޫސްވެރިން ޣައްޒާއަށް ވަނުން މަނާކޮށްފައި އޮތުމުން، އެތަނުގައި ހިންގާ ޖަރީމާތައް ދުނިޔެއަށް ދެއްކުމަށް އެމީހުން ބޭނުންކުރީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކޮށްފައި އެނބުރާ އައި ބައިނަލްއަޤްވާމީ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުންނަކީ ހުރިހާ ލޭއޮހޮރުވުމެއް ލޮލުންދުށް "އެންމެ ފަހުގެ ހެކިވެރިން" ކަމަށް އޭނާ ސިފަކުރިއެވެ.
މި ތަޙުޤީޤު ބިނާކުރީ ޑޮކްޓަރުންނާ ކުރި ވަރަށް މުހިންމު ސުވާލެއްގެ މައްޗަށެވެ.
އެއީ: "އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން، ބޮލަށް ނުވަތަ މޭމައްޗަށް ސީދާ އެއް ވަޒަން އަރައިގެން ހޮސްޕިޓަލަށް ގެނައި ކިތައް ކުދިން ފެނުނު ހެއްޔެވެ؟"
މިފަދަ ޒަޚަމްތަކަކީ އޮޅުމަކުން ނުވަތަ ބޮންގޮވައިގެން ބުރައިގެންދާ އެތިކޮޅުތަކުން ވާނެ ކަންކަމެއް ނޫނެވެ. މިއީ ސީދާ ސްނައިޕަރުން ކުޑަކުދިން މެރުމަށް ދީފައިވާ ހަމަލާތަކެއްކަން މިއިން ސާބިތުވެއެވެ.
"އެންމެ މުހިންމު ސުވާލަކީ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން، ބޮލަށް ނުވަތަ މޭމައްޗަށް ސީދާ އެއް ވަޒަން އަރާފައިވާ ކިތައް ކުދިން ތިބިތޯ ބެލުމެވެ. މިއީ ސީދާ އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމެކެވެ."
މި ދެ ނޫސްވެރިން ހަމައެކަނި ޑޮކްޓަރުންގެ ވާހަކަތަކަށް އެކަނި ބުރައެއް ނުވެއެވެ. އެމީހުން ވަނީ ކޮންމެ ވާހަކައެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެޑިކަލް ރިޕޯޓްތަކާއި، ފޮޓޯއާއި، އެކްސްރޭ ތަކާއި، އަދި ޑޮކްޓަރުންގެ ޑައިރީތައް ދިރާސާކޮށްފައެވެ. މީގެ އިތުރުން، ހޮލެންޑާއި ބެލްޖިއަމްގެ މިނިވަން ފޮރެންސިކް މާހިރުންނާއި އަސްކަރީ ތަޖުރިބާކާރުން ބޭނުންކޮށްގެން ވަޒަންތަކުގެ ނިޝާންތައް ވަނީ ސައިންޓިފިކް ގޮތުން ތަޙުޤީޤުކޮށްފައެވެ.
ނޫސްވެރިޔާ ވިލެމް ފީންސްޓްރާ ބުނި ގޮތުގައި، މި ރިޕޯޓް ޝާއިޢުކުރުމުން އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުން ނޫހަށާއި އެމީހުންނަށް މަރާލާނެ ކަމުގެ އިންޒާރުދީ ބިރު ދެއްކުންތައް ކުރިމަތިކުރިއެވެ. ނަމަވެސް، ހެކިތައް ވަރުގަދަވުމުން ނޫހުގެ މެނޭޖްމަންޓުން ވަނީ ނޫސްވެރިންގެ ދިފާޢުގައި ސާބިތުކަމާއެކު ހިފަހައްޓާފައެވެ.
މި ދެ ނޫސްވެރިން ޤަބޫލުކުރާ ގޮތުގައި، މި އެވޯޑަކީ ހަމައެކަނި އެމީހުންނަށް ލިބުނު ޝަރަފެއް ނޫނެވެ. މިއީ ފަލަސްޠީނުގެ މައްސަލައިގެ މުހިންމުކަން ދުނިޔެ ބަލައިގަތް ކަމުގެ ހެއްކެކެވެ. އަދި މި ރިޕޯޓަކީ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައި ބޭނުންކުރެވޭނެ ތާރީޚީ އަދި ޤާނޫނީ ހެކިބަހެކެވެ.






