އޭޝިއާގެ އެންމެ ދިގު ދެކޮޅު ޓަނަލް: އިންޑިއާގެ "ޒޯޖިލާ ޓަނަލް" 2028 ގައި ހުޅުވަނީ

އިންޑިއާގެ ޖައްމު އެންޑް ކަޝްމީރާއި ލަދާކް ސަރަހައްދު ގުޅުވައިދޭ، އަދި ނިމޭއިރު އޭޝިއާގެ ދެކޮޅަށް ދުއްވާ އެންމެ ދިގު ޓަނަލް "ޒޯޖިލާ ޓަނަލް" ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދަނީ 2028 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ހިމާލަޔާ ފަރުބަދަތައް ކޮނެގެން ހަދަމުންދާ މި މަޝްރޫޢުގައި، މިއަހަރުގެ ޖޫން 9، 2026 ގައި ވަނީ ތާރީޚީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެއީ ތާވަލުކުރި ވަގުތަށްވުރެ 6 މަސް ކުރިން، ޓަނަލްގެ ދެކޮޅު އެއްކޮށް ގުޅުވާލުމުގެ ފަހުގެ ގޮއްވުން ކާމިޔާބުކަމާއެކު ނިންމާލުމެވެ. މިއާއެކު މި މަޝްރޫޢުގެ ގާތްގަނޑަކަށް 85% މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މަޝްރޫޢުގެ މުހިންމު ތަފްޞީލްތައް:

  • ދިގުމިން: ސީދާ ޓަނަލްގެ ދިގުމިނަކީ 14.15 ކިލޯމީޓަރެވެ. ނަމަވެސް އެއާ ގުޅޭ މަގުތަކާއެކު މުޅި ޕްރޮޖެކްޓްގެ ދިގުމިން 32 ކިލޯމީޓަރަށް އަރައެވެ.
  • އުސްމިން: މިއީ ކަނޑުގެ ސަތަހައަށް ވުރެ 11,578 ފޫޓު (3,529 މީޓަރު) މަތީގައި، ނުރައްކާތެރި "ޒޯޖިލާ ޕާސް" ސަރަހައްދުގައި ހަދާ ބިނާއެކެވެ.
  • ގުޅުވައިދޭ މަގު: މި ޓަނަލްގެ ސަބަބުން (ޖައްމު ކަޝްމީރުގެ ސްރީނަގަރު އަދި ލަދާކްގެ ލެހްއާ އެއް މަގަކުން ގުޅާލެވޭނެއެވެ.

ކުރިން ޒޯޖިލާ ޕާސް ސަރަހައްދަށް ފިނިމޫސުމުގައި ބޯކޮށް ސްނޯ ފޭބުމާއި، ބޯކޮށް ވެހި ފަސްގަނޑު ކަނޑައިގެން ދިމާވާކަންތައްތަކުގެ ސަބަބުން އަހަރަކު 4 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް މި ސަރަހައްދުގެ މަގު މުޅިން ބަންދުވެއެވެ. މީގެ ސަބަބުން ލަދާކް ސަރަހައްދު އޮންނަނީ އިންޑިއާގެ އެހެން ބައިތަކާ މުޅިން ވަކިވެފައެވެ. ނަމަވެސް މި ޓަނަލާއެކު އަހަރުގެ 365 ދުވަހު މެދުކެނޑުމެއްނެތި ދަތުރުފަތުރު ކުރެވޭނެއެވެ.

ނުރައްކާތެރި ފަރުބަދަމަތީ މަގުތަކުން މި ސަރަހައްދު ހުރަސްކުރަން ކުރިން 4ގަޑިއިރު ހޭދަވެއެވެ. ޓަނަލް ހުޅުވުމުން މި ދަތުރު އެންމެ 15 މިނެޓަށް ކުރުވެގެންދާނެއެވެ.

ލަދާކް ސަރަހައްދަކީ ޕާކިސްތާނާއި ޗައިނާގެ ބޯޑަރާ ގާތް ސަރަހައްދަކަށް ވުމުން، ފިނިމޫސުމުގައި އިންޑިއާ ސިފައިންނަށް ކާބޯތަކެއްޗާއި ހަތިޔާރު ފޯރުކޮށްދިނުން އޮންނަނީ ވަރަށް ބޮޑު ތާށިކަމަކަށް ވެފައެވެ. މި ޓަނަލްގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް އަސްކަރީ ބަރު ހަތިޔާރާއި ސިފައިން ފަސޭހައިން އުފުލޭނެއެވެ. އިންޖިނޭރުން ބުނާ ގޮތުގައި، ކޮންމެހެން ބޭނުންވެއްޖެ ކުއްލި ޙާލަތެއްގައި މިހާރުވެސް ސިފައިންގެ ބޭނުމަށް މި ޓަނަލް ވަގުތީގޮތުން ބޭނުންކުރެވިދާނެއެވެ.

ޓަނަލްގެ ދެކޮޅު ކޮނެ ގުޅުވާލެވުނު ނަމަވެސް، 2028 އާ ހަމައަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސިވިލް ކޮންސްޓްރަކްޝަންގެ ފަހުގެ މަސައްކަތްތަކާއި، މަގުތައް ހެދުމާއި، ޓަނަލްގެ އެތެރޭގައި ވައި ދައުރުކުރާނެ ނިޒާމުތަކާއި، 4K ސެކިއުޓީ ކެމެރާތަކާއި، އަދި ޒަމާނީ ސޭފްޓީ ލައިޓިންގް ނިޒާމުތައް ހަރުކުރުން ހިމެނެއެވެ.

މިއީ ފިނިހޫނުމިން މައިނަސް 40 ޑިގްރީ ސެލްސިއަސް އަށް ދަށަށްދާ ފަދަ މާޙައުލެއްގައި އިންޑިއާގެ މެގާ އިންޖިނިއަރިންގް ކުންފުނިން ކުރިއަށްގެންދާ، އިންޖިނިއަރިންގް ދާއިރާގެ އާދަޔާޚިލާފު ބޮޑު ކާމިޔާބީއެކެވެ.

ހިއްސާ ކުރައްވާ!